އަތޮޅު ކައުންސިލްތައް އުވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބަދަލުކޮށް، އެ ކައުންސިލްތައް އަލުން އިއާދަކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މިއަދު ބޭރުކޮށްލައިފި އެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މި ބިލު މަޖިލީހަށް ބަލައިގަތުމާ މެދު ނެގި ވޯޓުގައި، ބިލު ބޭރުކޮށްލުމަށް 53 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ބިލު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 45 މެންބަރުންނެވެ.

މި އިސްލާހު ހުށަހަޅުއްވަމުން މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމު ހަރުދަނާވަމުން އަންނަނިކޮށް، އެ ނިޒާމުގެ މުހިންމު ބައެއް ކަމަށްވާ އަތޮޅު ކައުންސިލްތައް އުވާލުމަކީ ގާނޫނުއަސާސީން ތަސައްވުރުކޮށްފައިވާ ފުރިހަމަ ލާމަރުކަޒީ ނިޒާމަށް ލިބޭނެ ވަރަށް ބޮޑު އުނިކަމެއް ކަމަށެވެ.

މުހައްމަދު އިބްރާހިމްގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އަތޮޅު ކައުންސިލްތައް އުވާލަން ނިންމީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަށް ފެށި މަސައްކަތެއްގެ ދަށުންނެވެ. އަދި މިފަދަ ބޮޑު ބަދަލެއް ގެނައުމުގެ ކުރިން އެކަމާ ގުޅޭ އެއްވެސް ދިރާސާއެއް ނުވަތަ މަޝްވަރާއެއް ކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި 68.74 އިންސައްތަ ރައްޔިތުން އެކަމާ ދެކޮޅަށް ވޯޓު ދީފައިވާކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު މަޖިލީހުން މި ބިލު ފާސްކުރުމާ ގުޅިގެން، ރައީސް މުއިއްޒު ވަނީ އެ ބިލު މިހާރު ތަސްދީގު ކުރައްވާފަ އެވެ.

މި ބަދަލާއެކު ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، އާބާދީގައި 2,000 މީހުންނަށް ވުރެ މަދު ރަށްރަށުގެ ކައުންސިލް މެންބަރުންގެ އަދަދު ތިނަކަށް ވަނީ މަދުކޮށްފަ އެވެ. އަދި އާބާދީގައި 2,000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށްރަށުގައި ތިއްބަވާނީ ފަސް ކައުންސިލަރުންނެވެ.