ހަކުރަކީ އަހަރެމެންގެ ހަށިގަނޑަށާއި ސިކުނޑިއަށް ބޭނުންވާ ހަކަތަ ވަރަށް އަވަހަށް ފޯރުކޮށްދޭ އެއްޗެކެވެ. މޭވާ އާއި ތަރުކާރީ ފަދަ ގުދުރަތީ ތަކެތިން ލިބޭ ހަކުރު ހަށިގަނޑަށް ބޭނުންވިޔަސް، ކާބޯތަކެއްޗަށް އިތުރަށް އަޅާ ހަކުރަކީ (ހަށިގަނޑަށް ބޭނުންތެރި އެއްޗެއް ނޫނެވެ.

ބައެއް މީހުންނަށް ހަކުރު ބޭނުންކުރުން ހުއްޓާލުމަކީ ނުވަތަ މަދުކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ސަބަބަކީ، މަސްތުވާތަކެތި ފަދައިން ހަކުރުގެ ސަބަބުން ވެސް ސިކުނޑީގެ "އުފާވެރިކަން އިހުސާސްކޮށްދޭ" ބައިތައް ހޭލައްވާލާތީ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާންމުކޮށް ބޮޑެތި މީހުން ދުވާލަކު 17 ސައިސަމުސަލުގެ ހަކުރު ބޭނުންކުރެ އެވެ.

ނަމަވެސް، އެމެރިކަން ހާޓް އެސޯސިއޭޝަނުން އިރުޝާދުދޭ ގޮތުގައި، އަންހެނުންނާއި ކުޑަކުދިން ދުވާލަކު 6 ސައިސަމުސަލަށް ވުރެ ގިނައިން ހަކުރު ބޭނުންކޮށްގެން ނުވާނެއެވެ. އަދި ފިރިހެނުންނަށް މި މިންގަނޑަކީ ދުވާލަކު 9 ސައިސަމުސަލެވެ.

ހަކުރު ބޭނުންކުރާ މިންވަރު މަދުކުރުމުން ހަޖަމުކުރުން ރަނގަޅުވެ، ނަފްސާނީ ދޮޅަހެޔޮކަން އިތުރުވެ، ބޮލުގައި ރިހުމާއި ވަރުބަލިކަން ފިލައިގެންދެ އެވެ.

ފޮނި އެއްޗެހި ކާން ބޭނުންވާ ވަގުތު ކުރެވިދާނެ ކަންތައްތައް

ހަކުރު ނުވަތަ ފޮނި އެއްޗެއް ކާން ބޭނުންވާ ހިނދު، އެ އިހުސާސް ކުޑަކުރުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ:

  • ބެލެންސްޑް ޑައިޓެއް އިހުތިޔާރުކުރުން: ދުވާލަކު ބޭނުންވާ މިންވަރަށް ތަރުކާރީ، މޭވާ، ޕްރޮޓީން އަދި ފައިބަރު އެކުލެވޭ ކާނާ ކެއުމުން ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. އަދި ތައްޔާރީ ކާނާގައި ހުންނަ ފޮރުވިފައިވާ ހަކުރަށް ސަމާލުވާށެވެ.
  • ކެއުންތައް ދޫކޮށްނުލުން: މުޅި ދުވަހު ނުކައި ހުރުމަކީ ރޭގަނޑު މާގިނައިން ކެވުމަށާއި، ސިއްހަތަށް ފައިދާނުކުރާ ކާނާ ކެއުމަށް މަގުފަހިވާ ކަމެކެވެ. ގަވާއިދުން ކެއުން ބެހެއްޓުމުން ފޮނި އެއްޗެހި ކާހިތްވުން ކުޑަވެއެވެ.
  • ފުރަތަމަ ފެންބުއިން: ބައެއް ފަހަރު ފެންބޮވައިގަތުމުން ވެސް ބަނޑުހައިވާހެން ހީވެދާނެ އެވެ. އެހެންކަމުން ފޮނި އެއްޗެއް ކެއުމުގެ ކުރިން ފެން ތަށްޓެއް ބޯލުމުން ބަނޑުފުރޭހެން ހީވެ، މާގިނައިން ކެއުމުން ދުރުކޮށްދެ އެވެ.
  • ހަށިގަނޑު ހަރަކާތްތެރިކުރުން: ކަސްރަތު ކުރުމަކީ ސްޓްރެސް ކުޑަކޮށްދީ، ބަނޑުހައިވުމުގެ ހޯމޯންތައް އެއްވަރެއްގައި ހިފެހެއްޓުމަށް އެހީވާ ކަމެކެވެ. މީގެ ތެރޭގައި ޔޯގާ ނުވަތަ ކުޑަކޮށް ހިނގާލުން ފަދަ ލުއި ހަރަކާތްތައް ވެސް ހިމެނެއެވެ.

ދާއިމީގޮތެއްގައި "ޝުގާ ކްރޭވިންގްސް" ކުޑަކުރާނެ ގޮތް

ކެއުންތައް ކުރިއާލައި ރޭވުން: ހަފުތާއަކަށް ބޭނުންވާނެ ކާނާގެ ލިސްޓު ތައްޔާރުކޮށް، ސިއްހަތަށް ފައިދާހުރި ތަކެތި ގަނެފައި ބެހެއްޓުމުން، ކުއްލިއަކަށް ފޮނި އެއްޗެހި ކެއުމަށް ހިތަށްއަރާ އެރުން ކުޑަކުރެވޭނެ އެވެ.

  • ނިދި ހަމަކުރުން: ނިދި މަދުވުމަކީ ބަނޑުހައިވުމުގެ ހޯމޯންއިތުރުކޮށްދޭ ކަމެކެވެ. އެކަށީގެންވާ ވަރަށް ނިދުމުން ކާހިތްވުން ކޮންޓްރޯލް ކުރަން ފަސޭހަވެއެވެ.
  • ކެވޭ ތަކެތި ނޯޓުކުރުން: ދުވާލަކު ކެވޭ ތަކެތި ނޯޓުކުރުމުން، ތިމާއަށް ނޭނގި ކެވޭ ފޮނި އެއްޗެހި ދެނެގަނެވި، އެކަން އިސްލާހުކުރަން ފަސޭހަވާނެ އެވެ.
  • ކާނާގެ ބާވަތްތައް މުޅިން ހުއްޓާނުލުން: ޑޮކްޓަރަކު ލަފާދީގެން މެނުވީ، ހަށިގަނޑަށް ބޭނުންވާ މުހިންމު ބާވަތްތައް ކެއުމުން އުނިނުކުރާށެވެ. އެހެން ނޫންނަމަ ހަށިގަނޑަށް ބޭނުންވާ މުހިންމު ނިއުޓްރިއެންޓްސް މަދުވެދާނެއެވެ.

އިތުރު އެހީތެރިކަން ހޯދަންވީ ކޮން އިރަކު؟

ޝުގާ ކުރޭވިންގް އަމިއްލައަށް ކޮންޓްރޯލް ނުކުރެވޭނަމަ، ސިއްހީ މާހިރެއްގެ އެހީތެރިކަން ހޯދުން މުހިންމެވެ. ޑޮކްޓަރަކާ މަޝްވަރާކޮށްގެން ލޭގެ ހަކުރު ނުވަތަ ކޮލެސްޓްރޯލް ހުރި މިންވަރު ބަލައި، ބޭނުންވާނަމަ ބޭހުގެ އެހީގައި ވެސް މިކަން ހައްލުކުރެވިދާނެ އެވެ.

މާގިނައިން ފޮނި އެއްޗެހި ކާހިތްވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. މިއީ ހުއްޓާލަން އުނދަގޫ ކަމެއް ނަމަވެސް، ދިރިއުޅުމުގެ އާދަކާދައަށް ގެނެވޭ ކުދިކުދި ބަދަލުތަކުން މީގެން ސަލާމަތްވެވިދާނެ އެވެ.