ފިޝަރީޒް މިނިސްޓަރު ކަމުން ވަކިކޮށްފައިވާ ކަމަށް އަޑު އަރާފައިވަނިކޮށް، ޒަހާ އެ މަގާމުން މިއަދު އިސްތިއުފާދެއްވީ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ ޒަހާގެ އިސްތިއުފާގެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިފައިވާ ކަމަށާއި އެ ކަމަނާގެ އިސްތިއުފާ ރައީސް ގަބޫލުކުރައްވާފައިވާ ކަމަށެވެ. އަދި ޒަހާ ވަހީދު މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި އިހުލާސްތެރި ހިދުމަތްތަކަށް ޝުކުރުއަދާކުރައްވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ޒަހާ ހުންނެވި މަގާމަށް، މިއަދު ވަނީ ކުރިން އެންވަޔަރަމަންޓް މިނިސްޓަކަށް ހުންނެވި ޑރ. ހުސައިން ރަޝީދު ވަނީ އައްޔަންކޮށްފަ އެވެ. އަދި އެންވަޔަރުމަންޓް މިނިސްޓަރުގެ މަގާމަށް ވަނީ ކުރީގެ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ އައްޔަން ކޮށްފަ އެވެ.

ޒަހާ މަގާމުން ވަކިކުރަން ނިންމެވި ކަން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ޒަހާއަށް އެންގީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު އެވެ. އޭރު ޒަހާ ވަކިކުރިގޮތާމެދުގައި ގިނަ ބަޔަކު ވަނީ ސުވާލު އުފައްދަވާފައެވެ. މިއަދު ޒަހާ އިސްތިއުފާ ދިންކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް ވަޒީރުކަމުން އިސްތިއުފާނު ދިނުމަށް މަޒުބޫރުކުރުވީ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ޒަހާއަކީ، މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫން ލީޑް ކުރައްވާ އެމްއާރުއެމްގެ ސްލޮޓެއްގައި ވަޒީރުކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ.