މަޝްހޫރު ބަތަލާ ކާޖަލް އޭނާގެ އަންހެން ދަރިފުޅު ނީސާ ބޮޑުވަމުން އައި ދުވަސްވަރު ދެމައިންގެ ދެމެދުގައި އުފެދުނު ދެބަސްވުންތަކާއި، ބެލެނިވެރިއެއްގެ ގޮތުން އޭނާ ކުރި ތަޖުރިބާތައް ހިއްސާކޮށްފި އެވެ.
ހިންދީ ސިނަމާގައި 1992 ވަނަ އަހަރު 'ބޭހުދީ' އިން ފެށިގެން، ވޭތުވެދިޔަ ތިން ދަހަރަށްވުރެ ގިނަ ދުވަހު ކާޖަލް ވަނީ 'ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭންގޭ'، 'ކަބީ ހުޝީ ކަބީ ގަމް' އަދި 'ބާޒީގަރު' ފަދަ ކާމިޔާބު އެތައް ފިލްމުތަކަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފަ އެވެ.
ދާދި ފަހުން ޔޫޓިއުބާ އަދި ޓީވީ ހޯސްޓް ލިލީ ސިންގް އާއެކު ބޭއްވި އިންޓަވިއުއެއްގައި ކާޖަލް ވަނީ އޭނާގެ ފިލްމީ ކެރިއަރާއި، 90ގެ އަހަރުތަކުގެ ކުދިންނާއި މިހާރުގެ 'ޖެން-ޒީ' ކުދިންގެ ތަފާތުގެ އިތުރުން، އޭނާގެ ދެ ދަރިން ތަރުބިއްޔަތު ކުރުމުގައި ކުރިމަތިވި ކަންކަމާ ބެހޭގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަދައްކާފަ އެވެ.
ދަރިފުޅު ނީސާ އާއެކު އޮތް ގުޅުން
ކާޖަލްގެ ދޮށީ އަންހެން ދަރިފުޅު ނީސާ އުފަންވީ 2003 ވަނަ އަހަރުގެ އޭޕްރީލް މަހުގަ އެވެ. އަންހެން ކުއްޖެއްގެ ހަޔާތުގައި ކުރިމަތިވާ ނާޒުކު މަރުހަލާތަކާ ބެހޭގޮތުން ވާހަކަދައްކަމުން ކާޖަލް ބުނީ، އޭނާ ދަރިފުޅާ ވަރަށް ގިނައިން ވާހަކަދައްކައި، ކަންކަން ބުނެދޭން މަސައްކަތްކުރާ ކަމަށެވެ.
ނަމަވެސް، މިއަދު މިފެންނަ ގާތް ގުޅުމަކީ ފަސޭހައިން އުފެދުނު ގުޅުމެއް ނޫން ކަމަށް އޭނާ ބުންޏެވެ. "ނީސާގެ އުމުރުން 12 އަހަރުގައި ހޯމޯންސް އަށް އައި ބަދަލުތަކާއެކު، އަހަރެމެން ދެމީހުންގެ މެދުގައި ވަރަށް ބޮޑަށް މައްސަލަޖެހުނު. ދެމީހުންނަށްވެސް ބައެއް ފަހަރު ބުއްދިވެރިކަމާއެކު ކަންކަން ނުނިންމި، އެއްވެސް ހަމައެއް ނެތް ގޮތަކަށް ދެބަސްވުންތައް ހިނގި،" ކާޖަލް ކިޔައިދިނެވެ.
ކާޖަލް އިތުރަށް ބުނި ގޮތުގައި، ބޮޑު މީހެއްގެ ހައިސިއްޔަތުން އޭނާ އިސްވެ މަސައްކަތް ކުރީ އެ ހާލަތު ބަދަލުކުރުމަށެވެ. "އަހަރެން ނިންމީ ދަރިފުޅާ އެހާ ބޮޑަށް ޒުވާބު ނުކުރުމަށް. އޭގެ ބަދަލުގައި ވީހާވެސް ގިނައިން ވާހަކަދައްކައި، އޭނާއާ ގުޅިގެން ކަންކަން ހައްލުކުރަން މަސައްކަތްކުރަން ފެށީން،" އޭނާ ބުންޏެވެ.
މިގޮތުން ގާތްގަނޑަކަށް ތިން އަހަރު ދުވަހު ދެމައިންވެސް ގިނަ ގޮންޖެހުންތަކާ ކުރިމަތިލި ކަމަށާއި، އެކަކު އަނެކަކުގެ އަޑުއަހަން ބޭނުންނުވި ދުވަސްތަކެއް ދިޔަކަން އޭނާ ފާހަގަކުރި އެވެ. ނަމަވެސް، ފަހުން އެކަންކަން ބަދަލުވިކަމަށް އޭނާ ބުންޏެވެ. ކާޖަލް ބުނީ ބެލެނިވެރިއެއްގެ ގޮތުން އޭނާއަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ، ދަރިފުޅާ ދިމާލަށް މާ ގިނައިން އެއްޗެހި ބުނުމުގެ ބަދަލުގައި، ދަރިފުޅު ބުނާ އެއްޗެއް ކަނުލައި އަޑުއެހުމާއި އޭނާއަށް ބޭނުންވާ ވަގުތާއި މިނިވަންކަން ދިނުން ކަމަށެވެ. މިއަދު އެ ދެމައިންގެ ގުޅުން ވަރަށް ބަދަހި ކަމަށް އޭނާ ފަހުރުވެރިކަމާއެކު ބުންޏެވެ.
މަޖިލިސް މެމްބަރުން ކަސްތޮޅު އެޅުވި މައްސަލާގެ ހުކުމް ބުދަ ދުވަހު
މަސްތުވާތަކެތީގެ މައްސަލައިން ޝްރައްދާ އާއި ނޯރާ ސަލާމަތްވެއްޖެ