ޖެންޑަރ މިނިސްޓްރީގެ ދަށުން ހިނގަމުން އައި ""ނޭޝަނަލް ޑްރަގް އެޖެންސީ" މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިއަދުން ފެށިގެން "ނޭޝަނަލް ޑްރަގް އެޖެންސީ"އަކީ، މިއަދުން ފެށިގެން ހެލްތް މިނިސްޓްރީގެ އިދާރާއެއް ގޮތުގައި ރައީސް ބަދަލުކުރައްވާފައިވާ ކަމަށެވެ. އެމަނިކުފާނު މި ބަދަލުގެންނަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.

"ނޭޝަނަލް ޑްރަގް އެޖެންސީ"އަކީ، ގާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 26 މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އިދާރާއެކެވެ.

ފަޚުރުވެރި ދިވެހި ޢާއިލާ އެއް ދިވެހި އެންމެހާ ރައްޔިތުންނަށް ހޯދައިދިނުމަށް މަސްތުވާތަކެއްޗަށް ހުޅުވާލެވިފައިވާ ހުރިހާ ދޮރުތަކެއް ބަންދުކޮށް ތަންފީޒީ އިދާރާތަކަށް އޮންނަ ނޭއްގާނީ ނުފޫޒުތައް ކަނޑުވާލައި، މިނިވަންކަމާ ޕްރޮފެޝަނަލްކޮށް މަސައްކަތްކުރެވޭނެ ޖާގަ ހޯދައިދިނުމަކީ މިސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭކަމެކެވެ.