މެދުއިރުމަތީގެ ގަލްފް ސަރަހައްދުގައި ދުނިޔޭގެ އެންމެ ބޮޑު 10 ކޮންޓެއިނަރު ކުންފުންޏަށް ނިސްބަތްވާ މަދުވެގެން 43 އުޅަނދެއް އަދިވެސް ތާށިވެފައިވާ ކަމަށް ޝިޕިން ދާއިރާގެ ހަބަރުތައް ގެނެސްދޭ ލޮއިޑްސް ލިސްޓުން ރިޕޯޓުކޮށްފި އެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅު އީރާނާ ދެކޮޅަށް ފެށުނު ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ އެންމެ ބޮޑެތި ޝިޕިން ކުންފުނިތަކުން ވަނީ އެ ސަރަހައްދުގައި ކުރަމުންދިޔަ މަސައްކަތްތައް މެދުކަނޑާލާފަ އެވެ. ލޮއިޑްސް ލިސްޓުން ބުނާ ގޮތުގައި މީގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށް ބޮޑެތި ލަސްތަކެއް ކުރިމަތިވެ، މުދާ އުފުލުމުގެ އަގުތައް ދަނީ އުފުލެމުންނެވެ.

މި ހާލަތުގެ ތެރެއިން ސީއެމްއޭ ސީޖީއެމް، ކޮސްކޯ، ހެޕަގް-ލޮއިޑް އަދި އެމްއެސްސީ އަށް ނިސްބަތްވާ ބައެއް އުޅަނދުތައް ވަނީ "ރައްކާތެރިކަމާއެކު އެ ސަރަހައްދުން ބޭރުވެފައި" ކަމަށް ލޮއިޑްސް ލިސްޓުން ފާހަގަކުރެ އެވެ. ނަމަވެސް، އެމްއެސްސީގެ ދެ އުޅަނދެއް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ހިފަހައްޓާފައިވާ ކަމަށްވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ގަލްފް ސަރަހައްދުގައި ތާށިވެފައިވާ އުޅަނދުތަކުގެ ސަބަބުން ސަޕްލައި ޗެއިންއަށް އިތުރު ބުރޫތަކެއް އަރާނެ ކަމަށް މާހިރުން ލަފާކުރެ އެވެ.