އީރާނުގެ ކަންކަން ނިންމުމުގެ ބާރު އޮތް އެ ގައުމުގެ އިސްވެރިންނާއެކު މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޓްރަމްޕް ގަބޫލުކުރެ އެވެ.

ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި، އެމެރިކާއިން މިހާރު މުއާމަލާތް ކުރަމުންދަނީ "އީރާނުގެ ކަންކަމާ ހަވާލުވެ ތިބި އިސް ފަރާތްތަކާ" އެކު އެވެ.

ނަމަވެސް، މި މަޝްވަރާތަކާ ގުޅޭ އިތުރު ތަފްސީލެއް ނުވަތަ މަޝްވަރާކުރެވެމުންދާ ވަކި މައުޟޫއުތަކެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ. މީގެ ކުރިން ވެސް މިފަދައިން އީރާނުގެ ވެރިންނާއި މަޝްވަރާތައް ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. ނަމަވެސް އެކަން އީރާނުން ވަނީ ދޮގުކޮށްފަ އެވެ.

މި މަޝްވަރާތަކަކީ އީރާނާއި އެމެރިކާއާ ދެމެދު އޮތް ޒަމާންވީ ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށް ބެލެވޭއިރު، މީގެ ކުރިން ވެސް ރައީސް ޓްރަމްޕް ވަނީ އީރާނާއެކު އެއްބަސްވުމަކަށް އައުމަށް ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފަ އެވެ.

ޓްރަމްޕްގެ މި ވާހަކަތަކަށް އީރާނުން އަދި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.