ޒުވާންކޮށް ހުރުމަށް އެންމެން ވެސް ބޭނުންވޭ. އެ ގޮތުގައި ހުރުމަށް ގިނަ މަސައްކަތްތަކެއް ވެސް ކުރޭ. އުމުރަށް ވުރެ އެ މީހެއްގެ މޫނު ޒުވާންކޮށް ދައްކާ މީހުންނަކީ ކަންކަން "ކޫލް" ކޮށް ނަގާ މީހުން ކަމަށް ސައިކޮލޮޖިސްޓުން ބުނޭ. ކަންކަން ކޫލްކޮށް ނެގުމުން، ސްޓްރެސް ވާލެއް ކުޑަވޭ. ސްޓްރެސްއަކީ އޭގެ ސަބަބުން ހަށިގަނޑަށާއި މޫނުމައްޗަށް ބަދަލުތަކެއް ގެނުވާ ކަމެއް. ކަމާ ބެހޭ މާހިރުން ބުނާ ގޮތުގައި މީހާ ވިސްނާ ގޮތް އެ މީހެއްގެ މޫނުމަތިން ފެންނަން ހުރޭ.

ޒުވާންކޮށް ހުރުމަށް ބައެއް މީހުން ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އޭގެ ތެރޭގައި ހަށިގަނޑުގައި ތަފާތު ކްރީމް ހޭކުން، ކަސްރަތު ކުރުން، މޭކަޕް ކުރުން އަދި އިސްތަށިގަނޑު ކަޅުކުރުން ހިމެނެ އެވެ. ޒުވާންވުމަށް އެކި ސާޖަރީ ވެސް މިހާރަކަށް އައިސް ހަދާފައި އެބަހުއްޓެވެ. ހަށިގަނޑުގައި ރޫ ޖެހުމަކީ ދުވަސްވަމުންދާ ކަމުގެ ފެންނަން ހުންނަ އަލާމާތެވެ. ވީމާ ޒުވާންކޮން ފެނުމަށް އާންމުކޮށް މީހުން ބަދަލު ގެންނަން ބޭނުންވާ ގުނަވަނަކީ ހަންގަޑެވެ.

ބަލިވެ އުޅުމާއި ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅޭ ގޮތުން ވެސް އެއް އުމުރެއްގެ މީހުންގެ ދެމެދުގައި އުމުރުން ދުވަސްވުމުގެ ނިޝާން ހުންނަ މިންވަރު ތަފާތުވެ އެވެ. އުމުރަށް ވުރެ ހަނގުކަމަށް ދައްކާ ނަމަ، އެއީ ހަންގަޑުގެ ރީތިކަމެއް ނޫން ކަމަށް ސައިކޮލޮޖިސްޓުން ބުނެ އެވެ. އޭގެ ބަދަލުގައި އެއީ އެމީހާ ކަންކަމާ ދޭތެރޭ ދެކޭ ގޮތެވެ. ވިސްނާ ގޮތެވެ. އޭގެ ސަބަބުން އޭނާގެ މޫނަށާއި ހަށިގަނޑަށް އައިސްފަ ހުންނަ ބަދަލެވެ.

ސައިކޮލޮޖިސްޓުން ބުނާގޮތުގައި ޒުވާންކޮށް ފެންނަ މީހުން ތަހައްމަލް ކުރާ އެއް ގޮތް ކަންތައްތަކެއް ވެ އެވެ. އެއީ ކޮންމެ ގޮތަކަށް ކަންކަން ދިމާވި ނަމަވެސް އެކަމާ ކުރިމަތިލައި ހިތްވަރު ގަދަކުރުމެވެ. އަދި ލުއިކޮށް "ކޫލްކޮށް" ކަންކަން ނެގުމެވެ.

އެފަދަ މީހުންނަކީ ހަޔާތުގައި ގިނަ އުނދަގޫތަކާއި ދިމާވެފައި ތިބި މީހުންނެވެ. ނަމަވެސް އެއިން އެއްވެސް ކަަމަކުން އެމީހުން އަމިއްލަ ނަފުސަށް ނޭދެވޭ އަސަރެއް ފޯރުވިއަ ނުދެ އެވެ. ދެރަވާ ހާލަތްތަކުގައި އެކަނި އިނދެ ރޮއި ހަދަ އެވެ. އެހެންނަމަ ވެސް ހިނިތުން ވެލެވޭނެ ސަބަބުތަކާއި މަގުތަށް ހޯދަ އެވެ. ލޯ ފޮހެލާފައި ހިނިތުން ވެލަ އެވެ. އުފާވެރި މޫނަކައިގެން މީހުންނާ މުއާމަލާތު ކުރެ އެވެ.

އާންމުކޮށް އެފަދަ މީހެއްގެ ފަރާތުން ފެންނާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ، ދިމާވާ މައްސަލަ ބޮޑުކޮށްލުމުގެ ބަދަލުގައި ސުލްހަވެރި ގޮތް ޚިޔާރު ކުރުމެވެ. މީހުންނާ ދެކޮޅުވެރިވުމުގެ ބަދަލުގައި ސިކުނޑި ތަރައްގީ ކުރުމަށް އިސްކަން ދިނުމެވެ. ގެއްލުމެއް ދިނުމުގެ ބަދަލުގައި ކަންކަން ރަނގަޅު ކުރުމަށް ބާރުއެޅުމެވެ. އެފަދަ މީހެއް ފަރާތުން ބޭރަށް ފެންނަން ހުންނާނީ އޭނާގެ ފިކުރާއި ވިސްނުމުގެ ބޭނުން ކޮށްގެން ކުރާ ކަންކަމެވެ. މޫނުމަތިން ފާޅުވާން ހުންނާނީ ހަށިގަނޑުގެ އެތެރެ ބުނެދޭ ހަގީގަތްތަކެވެ.

ސައިކޮލޮޖިސްޓުން ބުނާގޮތުގައި އުމުރަށް ވުރެ ޒުވާންކޮށް ފެންނަން ހުންނަ މީހުން ސްޓްރެސްވާލެއް ކުޑަވާނެ އެވެ. އިހްސާސްތައް ކޮންޓްރޯލްކޮށް އޭގެ މައްޗަށް ބާރު ފޯރުވާނެ އެވެ. އެފަދަ މީހެއްގެ ފަރާތުން ފެންނާނީ އޭނާއަށް އެކަމުގެ މައްޗަށް ބާރު ފޯރުވެއް ނެތް ކަންކަމާ ދުރައްދާ ތަނެވެ. އެކަމެއްގެ ސަބަބުން އޭނާއަށް ފައިދާއެއް ނުލިބޭ ބޭނުން ނެތް ނުވަތަ ބޭކާރު ކަންކަމާ ދުރުހެލިވެލާ ތަނެވެ.

ކިތަންމެ ހިތްދަތި ވަގުތެއްގައި ނަމަވެސް އެފަދަ މީހަކު ވާހަކަ ދައްކާނީ އޯގާތެރިކަމާ އެކު އެވެ. ހަށިގަނޑުގެ އެތެރޭގައިވާ މަޑުމައިތިރިކަމުގެ ސަބަބުން އެ މީހެއްގެ މޫނު ފެންނާނީ ވަރަށް އަލި އަދި މަޑުމައިތިރި މޫނެއްގެ ގޮތުގަ އެވެ. ފަހަރުގަ އެ މީހަކީ އެހެން މީހުންނަށް ވުރެ ގިނައިން ހީ ހަދާ މީހަކަށް ވެދާނެ އެވެ. ނުވަތަ އޭނާއަށް ވުރެ ހަނގު މީހުންނަށް ވުރެ އޭނާ ދުރާލާ ކުރަން ރާވާ ކަންކަން ގިނަވެދާނެ އެވެ. އޭނާއަކީ އުފާވެރި ކަންކަމަށް އަބަދު ވެސް ބަލަބަލަ ހުރި މީހެއްގެ ގޮތުގައި ފެންނާނެ އެވެ. ހަޔާތުގައި ކޮންމެ ގޮތަކަށް ކަންކަން މެދުވެރިވި ނަމަވެސް މެ އެވެ.

ހަގީގަތުގައި މުހިންމީ އުމުރެއް ނޫނެވެ. މުހިންމީ އެ މީހާ އެހެން މީހުން ދެކެ ލޯބިވާ މިންވަރެވެ. މީހުންނަށް މާފުކުރާ މިންވަރެވެ. އަދި ކުށެއް ކުރެވުނު ނަމަވެސް ހަނދާނުން ފޮހެލައި، އަލުން އާ ފެށުމަށުން ފެށުމެވެ.

ސައިކޮލޮޖިސްޓުން ބުނާގޮތުގައި މީހާ ބޭރު ފުށުން ރީތިކޮށް ހުރުމަށް އެމީހާ އެތެރެ ހަށި ބޮޑު ރޯލެއް ކުޅެ އެވެ. އެ މީހުންގެ ނަސޭހަތަކީ އެތެރެ ރީތި ކުރާށެވެ. ބޭރު ރީތިވާނެ އެވެ.