ބޮލީވުޑްގެ ކުރިއަށް އޮތް އެންމެ އުއްމީދީ އެއް ފިލްމު ކަމަށްވާ 'ޑޮން 3' އާ ބެހޭގޮތުން ފެތުރެމުންދާ ޚަބަރުތަކުން ފިލްމީ ދާއިރާ ވަނީ ސިއްސުވާލާފަ އެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި، މި ފިލްމުގެ ލީޑް ރޯލުން ފެންނާނެ ކަމަށް އިއުލާންކުރި ރަންވީރު ސިންގް މިހާރު ވަނީ ފިލްމުން ވަކިވެފަ އެވެ. އެއާއެކު ރަންވީރާއި ފިލްމުގެ ޑައިރެކްޓަރު ފަރްހާން އަޚްތަރުއާ ދެމެދު މައްސަލަ ގޯސްވެފައިވާ ކަމަށް ހަބަރުތައް ފެތުރުނެވެ.

އެހެން ނަމަވެސް އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުގައި މި ދެތަރިންގެ މެދުގައި އުފެދިފައި އޮތް މައްސަލަ މިހާރު ހައްލުކޮށް ދެތަރިން ވެސް ވަނީ ސުލްހަވެފަ އެވެ.

އެގޮތުން އެ ފިލްމުން ރަންވީރު ވަކިވުމުގެ ސަބަބުން ލިބިދާނެ ގެއްލުމުގެ ބަދަލެއްގެ ގޮތުން އޭނާ ވަނީ ފަރްހާންއަށް 10 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 1.2 މިލިއަން ޑޮލަރު) ހުށަހަޅާފައިވާ ކަމަށް ބުނެވެ އެވެ.

ފިލްމުން ވަކިވާން ރަންވީރު ނިންމީ ކީއްވެގެން ކަން ރަސްމީކޮށް ހާމަނުކުރި ނަމަވެސް، ބައެއް މަސްދަރުތަކުން ބުނަނީ މީގެ ސަބަބަކީ "ކްރިއޭޓިވް ޑިފަރެންސަސް" ނުވަތަ ފިލްމުގެ މަސައްކަތާ މެދު އުފެދުނު ޚިޔާލު ތަފާތުވުންތަކެއް ކަމަށެވެ. އަދި ފިލްމުގެ ސްކްރިޕްޓަށް ގެނައި ބަދަލުތަކާ މެދު ރަންވީރު މާ ހިތްހަމަނުޖެހެނީ ކަމަށްވެސް އަޑުތައް ފެތުރެ އެވެ.

ޝާހްރުކް ޚާންގެ ބަދަލުގައި ރަންވީރު މި ރޯލަށް ހަމަޖެއްސުމުން ކުރިންވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. މިހާރު ރަންވީރުވެސް ފިލްމުން ވަކިވުމާ ގުޅިގެން، ފަރްހާން އަޚްތަރަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފަ އެވެ. އާ "ޑޮން" އަކަށް ދެން ފެންނާނީ ކާކުތޯ ބެލުމަށް ސަޕޯޓަރުން ތިބީ ކެތްމަދުވެފަ އެވެ.

މި ޚަބަރާ ގުޅިގެން ރަންވީރުގެ ފަރާތުން ނުވަތަ އެކްސެލް އެންޓަޓެއިންމަންޓްގެ ފަރާތުން އަދި ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، މި 10 ކްރޯޑްގެ ހުށަހެޅުމުގެ ވާހަކައަކީ މިހާރު ބޮލީވުޑްގެ އެންމެ ގަދައަށް ދެކެވޭ ވާހަކައެވެ.