ހަނގުރާމަ ހުއްޓާލުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވާން ގާތްވެފައިވާއިރު، މަޖުބޫރުވެގެން ކުރަންޖެހޭ ހަނގުރާމައެއް އަލުން ފެށިއްޖެނަމަ، އެކަމަށް އީރާނުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، އާ "ސަޕްރައިޒް" ތަކެއް އެގައުމުން ތައްޔާރުކޮށްފައިވާ ކަމަށް ތަސްނީމް ނިއުސް އެޖެންސީން ބުނެފި އެވެ.

އެމެރިކާއިން ކަނޑުގެ މަގުން އީރާނުގެ ބަނދަރުތަކަށް ހުރަސްއެޅުމަށް އިއުލާނުކުރުމާއި، ވޮޝިންޓަނުން ކުރިމަތިކުރަމުންދާ ޝަރުތުތަކުގެ ސަބަބުން، ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ހަމަވާއިރު އާ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހުރަސް އެޅިފަ އެވެ.

މައުލޫމާތު ދިން ފަރާތްތަކުން ތަސްނީމް ނިއުސްއަށް ބުނި ގޮތުގައި، ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި އީރާނުން ވަނީ ހަނގުރާމަ އަލުން ފެށިދާނެ ކަމުގެ ފުރުސަތަށް ވަރަށް ބޮޑަށް ސަމާލުވެ ތައްޔާރުވެފަ އެވެ.

މިކަމަށްޓަކައި ބައެއް އަސްކަރީ ހަރަކާތްތަކާއި ހަމަލާދޭނެ އާ އަމާޒުތަކުގެ ލިސްޓެއް މިހާރު ތައްޔާރުކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ. ހަނގުރާމައެއް ފެށޭ ހިސާބުން ފެށިގެން އެމެރިކާއާއި އިޒްރޭލަށް "ނަރަކައެއް" ދައްކާލުމަށް އީރާނުން އޮތީ ތައްޔާރަށް ކަމަށްވެސް އީރާނުގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ޣައިރު ގާނޫނީ އުދުވާނީ ހަނގުރާމައިގައި، އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލައި، ނިއުކްލިއާ މަރުކަޒުތަކާއި، ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ފާލަންތަކުގެ އިތުރުން އާންމުން ދިރިއުޅޭ އެތައް ތަނަކަށް ވަނީ ހަމަލާދީފަ އެވެ.

މީގެ ރައްދުގައި އީރާނުގެ ހަތިޔާރު އެޅި ސިފައިން ވަނީ 100 އަށްވުރެ ގިނަ ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މި އޮޕަރޭޝަނުގައި ގަލްފު ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، އިޒްރޭލުން ހަރަކާތްތެރިވާ ސަރަހައްދުތަކަށް އެތައް ސަތޭކަ ބެލިސްޓިކް އަދި ހައިޕާސޮނިކް މިސައިލާއި ޑްރޯން ހަމަލާ ފޮނުވާލާފައިވެއެވެ.

40 ދުވަހުގެ ވަރުގަދަ ހަނގުރާމައަށްފަހު، ޕާކިސްތާނުގެ މެދުވެރިއަކަށްވެ ދެ ހަފްތާގެ މުއްދަތަށް ހަމަލާ ބަދަލުކުރުން ހުއްޓާލި ނަމަވެސް، މަސްރަހުގެ ނުތަނަވަސްކަން އަދިވެސް އޮތީ އިންތިހާގަ އެވެ. އީރާނުގެ ބަނދަރުތައް ބަންދުކުރުމަށް އެމެރިކާއިން ރާވަމުންދާ ރޭވުންތަކަކީ އުދުވާނީ އަމަލެއްގެ ގޮތުގައި ތެހެރާނުން ވަނީ ސިފަކޮށްފަ އެވެ.

މާދަމާއަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މުއްދަތު ހަމަވާއިރު، އީރާނުން ވަނީ ދެވަނަ މަޝްވަރާ ބައްދަލުވުމަށް އެ ގައުމުން ދިއުމާމެދު ގޮތެއް ނުނިންމާކަމަށް ބުނެފަ އެވެ. ނަމަވެސް ޓްރަމްޕް ވަނީ އެމެރިކާގެ ޓީމުން މިހާރު ޕާކިސްތާނަށް ދަތުރުކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ އީރާނުން މާދަމާއާ ހަމައަށް އެއްބަސްވުމަކަށް ނައިސްފިނަމަ، ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުވެސް ދެއްވާފަ އެވެ.

އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ، އެމެރިކާއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ތަކުރާރުކޮށް ހިލާފުވަމުންދާ ކަމަށާއި، އީރާނުގެ އައްސޭރިފަށަށާއި އުޅަނދުތަކަށް އިންޒާރު ދެމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އީރާނުން ސާފުކޮށް ބުނެފައިވަނީ، އެގައުމުން ޑިޕްލޮމެސީއަށް އިސްކަންދިން ނަމަވެސް، އެމެރިކާއިން މަޖުބޫރުކުރާ އެއްވެސް އަމުރަކަށް ނުވަތަ ޝަރުތަކަށް ބޯނުލަނބާނެ ކަމަށެވެ.

ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދުގައި އެމެރިކާއިން އެއްވެސް ބްލޮކޭޑެއް ނުވަތަ އެއްވެސް އޮޕަރޭޝަނެއް ހިންގައިފިނަމަ، ވަރުގަދަ އަސްކަރީ ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުގެ އިސްވެރިން ވަނީ ތަކުރާރުކޮށް ދެއްވާފަ އެވެ.