ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރާ އެންމެ މަތީ އުމުރުފުރާ 75 އަހަރަށް މަތިކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެ ބޭންކުގެ ބޯޑުން މިހާރު ބޭންކުން ލޯނާއި ފައިނޭންސިން ދޫކުރާ އެންމެ މަތީ އުމުރުފުރާއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
މީގެ ކުރިން ބީއެމްއެލްއިން ލޯނު ދޫކުރަމުން ދިޔައީ އުމުރުން 60 އަހަރުވާއިރު ލޯނު އަނބުރާ ދެއްކޭ ގޮތަށެވެ. ނަމަވެސް މިހާރު މި އުމުރުފުރާ 75 އަހަރަށް އިތުރުކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. މި ބަދަލާއެކު އުމުރުން 18 އަހަރާއި 75 އަހަރާ ދެމެދުގެ ކޮންމެ މީހަކަށް ވެސް ލޯނަށް އެދި ހުށައެޅޭނެ އެވެ.
"އުމުރުން 60 އަހަރަށް ވުރެ އުމުރުން ދުވަސްވެއްޖެ ބޭފުޅަކަށް ލޯނެއް ނުދެވޭ. މިސާލަކަށް 55 އަހަރުވީ ބޭފުޅަކަށް ވެސް މިހާރު ލޯނެއް ދެވޭނީ 5 އަހަރުގެ ތެރޭގައި ދައްކާ ނިންމޭނެ ލޯނެއް. މިހާރު އަޅުގަނޑުމެން ބަދަލުމިކުރީ 75 އަހަރަށް. އެހެންވީމަ ވަރަށް ގިނަ ފަރާތްތަކަށް ގެދޮރު ގަތުމަށާއި އެހެނިހެން ކަންތައްތަކަށް ވެސް މެދު އުމުރުގެ ބޭފުޅުންނަށް ވެސް އިތުރު ފަސޭހައެއް ވެގެންދާނެ. އެއީ 20 އަހަރަށް ނުވަތަ 25 އަހަރަށް ދަމާލައިގެން އެ ލޯނު ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ. އެހެންވީމަ 75 އަހަރަށް އުމުރަށް އިއްޔެ ބޯޑުން ވަނީ ނިންމާފައި". ޝަރީފް ވިދާޅުވި އެވެ.
ސީއީއޯ ވިދާޅުވީ ރިސޯޓްތަކުގައި މަސައްކަތްކުރާ ވަރަށް ގިނަ މުވައްޒަފުންނަކީ ސާވިސް ޗާޖާއި މުސާރަ ޑޮލަރުން ލިބޭ ފަރާތްތަށް ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުން ބީއެމްއެލްއިން އެ ފަރާތްތަކަށް ކުޑަ އަގެއްގައި ލޯނު ނެގޭނެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ. އެއީ އެ ފަރާތްތަކުން ލޯނު އަނބުރާ ޑޮލަރުން ދައްކާނަމަ ކަމަށް ސީއީއޯ ވިދާޅުވި އެވެ.
"ޑޮލަރުން އިންކަމް ލިބޭ ފަރާތްތައް ޑޮލަރުން ލޯނު ރީޕޭކުރާ ކަމަށް ވަންޏާ އަޅުގަނޑުމެން މިހާރު އެ ފަރާތްތަކަށް ތަންކޮޅެއް ކުޑަ އަގުގައި ލޯނެއް ނެގޭނެ ގޮތެއް ވެސް ހަމަޖައްސާފައި މިވަނީ. އެއީ ނޯމަލް އިންޓްރެސްޓް ރޭޓުން ބަލާއިރު 1.5 ޕަސެންޓް ކުޑަކޮށް އަދި އިކުއިޓީ ވެސް އިންވެސްޓް ކުރަންޖެހޭ ވަރު 5 ޕަސެންޓަށް ކުޑަކޮށް. އެހެންވީމަ އެގޮތައް. މި އެޕްލައި ކުރެވޭނެ ރާއްޖެއިން ބޭރުގައި ތިބެގެން އާމް މި އިންތިޒާމް ވާނީ ހަމަޖައްސާފައި،" ސީއީއޯ ވިދާޅުވި އެވެ.
ބީއެމްއެލްއިން ބުނީ މި އަހަރުގެ މިހާތަނަށް އެ ބޭންކުން ލޯނުގެ ގޮތުގައި 5 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރު ދޫކުރި ލޯނުގެ އަދަދުގެ 50 ޕަސެންޓަށް ވުރެ ބޮޑު މިންވަރެއް ކަމަށް އެ ބޭންކުން ބުނެ އެވެ.
ހަނގުރާމައާއެކު ކަނޑުއަޑީގެ ދިރުންތަކަށް ނުރައްކާވެފައި!
ރިސާޗް ކޮންފަރެންސް 2026 އަށް ކަރުދާސް ހުށަހަޅަން ހުޅުވާލައިފި