އީރާނާއެކު މިއަދުގެ ވަގުތެއްގައި އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮލަޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

މީގެއިތުރުން "ނިއުޔޯކް ޕޯސްޓް" އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ދެވަނަ ބުރުގެ މަޝްވަރާތަކަށް ނައިބުރައީސް ޖޭޑީ ވޭންސް އާއި އެމެރިކާގެ ވަފުދު މިހާރު ގެންދަވަނީ ޕާކިސްތާނުގެ އިސްލާމްއާބާދަށް ދަތުރުފުޅު ކުރައްވަމުން ކަމަށެވެ.

އީރާނުގެ ޕޯޓްތައް އެމެރިކާއިން ބަންދުކޮށްފައި އޮތުމާއި، އީރާނުގެ މުދާ އުފުލާ ބޯޓެއް ހިފަހައްޓާފައިވާތީ އީރާނުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، ޓްރަމްޕް ވިދާޅުވީ މިވަގުތު އެއްވެސް ބަޔަކު ކުޅިވަރު ކުޅޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

އިސްލާމްއާބާދުގައި މިވަގުތު އޮތީ ދެވަނަ ބުރުގެ މަޝްވަރާތައް ބޭއްވޭނެ ކަމުގެ ފޮނި އުންމީދެކެވެ. މިކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާއިރު، ޕާކިސްތާނުގެ އަސްކަރީ ވެރިޔާ ވެސް ވަނީ މި މަޝްވަރާތަކަށް މަގުފަހިކުރުމަށްޓަކައި ތިން ދުވަހުގެ ދަތުރުފުޅެއް ކުރައްވާފަ އެވެ. ޕާކިސްތާނުން ހާމަކުރި ގޮތުގައި، ސުލްހައަށް ހުރަސްއެޅިދާނެ ފަދަ ކަންކަން ހޮރްމޫޒް ކަނޑުއޮޅީގައި ހިނގަމުންދާތީ އެކަންކަން ވަރަށް ގާތުން ބަލަމުންދާކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.

ޕާކިސްތާނުގެ ސަލާމަތީ މަސްދަރަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައީސް ޓްރަމްޕް ޕާކިސްތާނުގެ އަސްކަރީ ވެރިޔާ އާސިމް މުނީރާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، އީރާނުގެ ބަނދަރުތައް އެމެރިކާއިން ބަންދުކޮށްފައި އޮތުމަކީ ސުލްހައިގެ މަޝްވަރާތަކަށް އޮތް ހުރަހެއް ކަމަށް ޖެނެރަލް މުނީރު ދެއްވި އިރުޝާދާމެދު ވިސްނަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ޕާކިސްތާނުގެ ދާހިލީ ވަޒީރު ވަނީ އެމެރިކާ އާއި އީރާނުގެ ސަފީރުންނާ ބައްދަލުކުރައްވައި، ސަލާމަތީ ކަންކަން ފުރިހަމައަށް އިންތިޒާމު ކުރެވިފައިވާ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މިހާރު ހުރިހާ ތައްޔާރީތަކެއް ނިމިފައިވާއިރު، ދެން އޮތީ ދެ ގައުމުން އަލުން މަޝްވަރާގެ މޭޒަށް އައުމެވެ.

އީރާނުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި، އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ އާއި ޕާކިސްތާނުގެ ހާރިޖީ ވަޒީރު އިޝާގް ދާރް ވަނީ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފަ އެވެ. ނަމަވެސް، އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ބަގާއީ ވިދާޅުވީ، އެމެރިކާއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވަމުންދާތީ، މިވަގުތު މަޝްވަރާތަކުގައި ބައިވެރިވުމުގެ ވިސްނުމެއް އީރާނުގެ ނެތް ކަމަށެވެ. އަދި މީގެ ކުރިން ބޭއްވުނު މަޝްވަރާތަކުގެ ތެރޭގައި އެމެރިކާއިން ދީފައިވާ ހަމަލާތައް ހަނދާން ނުނެތޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ހުރިހާ ކަމެއްގެ ތެރެއިންވެސް، ރައީސް ޓްރަމްޕް ހުންނެވީ މަޝްވަރާތަކުން ކުރިއެރުމެއް ލިބިއްޖެނަމަ އީރާނުގެ ލީޑަރުންނާ ސީދާ ބައްދަލުކުރައްވާ ގޮތަށެވެ. މި ބައްދަލުވުންތަކާ ގުޅިގެން އިސްލާމްއާބާދުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ. މަގުތައް ބަންދުކޮށް، ގައުމުގެ އެކި ހިސާބުތަކުން އެތައް ހާސް ފުލުހުންނާއި ސަލާމަތީ ބާރުތަކުގެ މީހުން ވަނީ ވެރިރަށަށް ޖަމާކޮށްފަ އެވެ.