ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ބޭނުންވާ މިންވަރަށް އެމެރިކާ ޑޮލަރު ފޯރުކޮށްނުދޭނަމަ، އެ ގައުމުން އުފައްދާ ތެޔޮ ޗައިނާގެ ފައިސާ ކަމަށްވާ ޔުއާން އިން ވިއްކަން ފަށާނެ ކަމުގެ އިންޒާރު ވޮޝިންޓަނަށް ދީފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފި އެވެ.

މި ރިޕޯޓުގައިވާ ގޮތުން، ޔޫއޭއީން މިފަދަ ނިންމުމެއް ނިންމަން ޖެހިދާނެ ކަމަށް ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކުގެ ސަބަބުން އެ ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެންނެވެ. މިއީ ބައިނަލްއަގުވާމީ ތެލުގެ ބާޒާރުގައި ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ޑޮލަރުގެ ނިޒާމަށް އަތުވެދާނެ ބޮޑު ބަދަލެއްގެ ގޮތުގައި މާހިރުން ދެކެ އެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ފާހަގަކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ ބައެއް ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން ޔޫއޭއީ ވަނީ ވަރަށް ބޮޑަށް ދަތި ހާލަތަކަށް ވެއްޓިފަ އެވެ. މިކަމުގެ ސަބަބުން އެ ގައުމުގެ އިގްތިސާދީ މުއާމަލާތްތަކަށް ބޭނުންވާ ޑޮލަރު ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.

މި މައްސަލައާ ގުޅިގެން އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، ޔޫއޭއީ ފަދަ ބޮޑު ތެޔޮ އުފައްދާ ގައުމަކުން ޑޮލަރުގެ ބަދަލުގައި އެހެން ފައިސާއަކަށް ބަދަލުވުމަކީ ދުނިޔޭގެ އިގްތިސާދަށާއި ޑޮލަރުގެ ނުފޫޒަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމެކެވެ.