ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ އުފުލާ ޓޭންކަރަކަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ބަޑިޖަހާ ބޯޓަކުން ހަމަލާދީފި ކަމަށް ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނެފި އެވެ. ނަމަވެސް، އެ އުޅަނދުގެ ފަޅުވެރިން ސަލާމަތުން ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން، އޮމާންގެ އިރުއުތުރުން 25 ނޯޓިކަލް މޭލު ބޭރުން ކޮންޓޭނަރު އުފުލާ ބޯޓަކަށް ގޮތްނޭނގޭ އެއްޗަކުން ހަމަލާދީ، ބައެއް ކޮންޓޭނަރުތަކަށް ގެއްލުން ލިބިފައިވާ ކަމަށްވެސް ޔޫކޭއެމްޓީއޯ އިން ބުނެފައިވެއެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް އިން ހާމަކޮށްފައިވާ ގޮތުގައި، ހަނގުރާމަ ނިމެންދެން އެ ކަނޑުއޮޅީގެ ކޮންޓްރޯލް ދެމެހެއްޓުމަށް އެ ގައުމުން އޮތީ ސާބިތުކަމާއެކުގަ އެވެ. މިއީ ހޮރްމޫޒް ކަނޑުއޮޅި އަލުން އަސްކަރީ ބާރުގެ ދަށަށް ގެނެސް، ކުރީގެ ހާލަތަށް ރުޖޫއަވާނެ ކަމަށް އައިއާރްޖީސީ އިން ބުނުމާ ގުޅިގެން ނިންމި ނިންމުމެކެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނުން އެމެރިކާއަށް ބިރުދައްކައިގެން ކަންކަން ކުރުވަން ކުރާ މަސައްކަތަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ހަމައެއާއެކު، އޭޕްރީލް 13 އިން ފެށިގެން އެމެރިކާއިން ހިންގަމުންދާ ކަނޑުގެ ބްލޮކޭޑް ނުވަތަ ބަންދުކުރުމުގެ ދަށުން މިހާތަނަށް 23 އުޅަނދެއް އަނބުރާ ފޮނުވާލާފައިވާ ކަމަށް އެމެރިކާއިން ބުނެއެވެ. ނަމަވެސް އީރާނުން ސިފަކުރާ ގޮތުގައި އެމެރިކާގެ މި އަމަލަކީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވާ ޝަރުތުތަކާ ހިލާފު ކަމެކެވެ.
ހަމަލާދިން ޓޭކްކަރުގެ ތެރޭގައި އިންޑިއާގެ ދިދަ ޖަހާފައިވާ ސުޕަރޓޭންކަރެއް ހިމެނޭތީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިންޑިއާގެ ފޮރިން ސެކްރެޓަރީއާ ބައްދަލުކުރެއްވުމަށް އީރާނުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ހާޒިރުކޮށްފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި، އިންޑިއާގެ ދިދަ ޖަހާފައިވާ ދެ އުޅަނދަކަށް ހޯރްމުޒް ކަނޑުއޮޅިން ދިން ހަމަލާއާ ގުޅިގެން އިންޑިއާގެ ކަންބޮޑުވުން ފޮރިން ސެކްރެޓަރީ ވަނީ ހިއްސާކުރައްވާފަ އެވެ.
މީގެ އިތުރުން، ވިޔަފާރި އުޅަނދުފަހަރާއި ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިންޑިއާއިން ދޭ އަހައްމިއްޔަތު ފާހަގަކޮށް، މީގެ ކުރިން އިންޑިއާއަށް ދަތުރުކުރި އުޅަނދުފަހަރަށް އީރާނުން ރައްކާތެރިކަން ފޯރުކޮށްދީފައިވާކަން އިންޑިއާއިން ހަނދާންކޮށްދިނެވެ. އަދި ހޮރްމުޒް ކަނޑުއޮޅި މެދުވެރިކޮށް އިންޑިއާއަށް ދަތުރުކުރާ އުޅަނދުފަހަރަށް މަގުފަހިކޮށްދިނުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް އަލުން ފެށުމަށް ނިއުދިއްލީން ވަނީ ތެހެރާނަށް ގޮވާލާފަ އެވެ.
ހޮނިހިރު ދުވަހު އީރާނުން ވަނީ އެ ކަނޑުއޮޅި ހުޅުވާލުމަށް ކުރިން ނިންމި ނިންމުން ބަދަލުކޮށްފަ އެވެ.
ތާރީހީ ދަތުރަށްފަހު "އާޓެމިސް 2"ގެ ބައިވެރިންގެ ތަޖުރިބާ
ގުދުރަތީ މަންޒަރުތަކުން ލުއިތަކެއް ލިބޭ
ލޯކަލް ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި