އީރާނާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކަވަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނެތް ހުސްދޮގު ކަމަށް އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވެއްޖެ އެވެ.
މީގެ އިތުރުން އީރާނުގެ ބަނދަރުތައް ބަންދުކޮށް އެމެރިކާއިން ކުރިއަށްގެންދާ ހުރަސްއެޅުންތައް ހުއްޓާނުލައިފިނަމަ، ހޮރްމޫޒް ކަނޑުއޮޅި ހުޅުވިފައި ނޯންނާނެ ކަމުގެ އިންޒާރު ވެސް ގާލީބާފް ވަނީ ދެއްވައިފަ އެވެ.
އީރާނާއެކު އެއްބަސްވުމަކަށް އައުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށް އޭއެފްޕީ ނިއުސް އެޖެންސީއަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި އީރާނާއެކު އެއްބަސްވުންތަކެއް ގާއިމުކުރެވޭނެ ކަމުގެ އުންމީދީ މެސެޖުތަކެއް އޭނާ ސޯޝަލް މީޑިއާގައި ދެއްވި އެވެ.
ވޭތުވެދިޔަ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އީރާނާއެކު ބާއްވާ މަޝްވަރާތަކާއި ލުބުނާނުގެ ހަމަލާ ބަދަލުކުރުން ހުއްޓާލުމާ ގުޅޭގޮތުން ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައާއި ނޫސްތަކަށް އެކި މައުލޫމާތު ދެއްވާފަ އެވެ.
ޓްރަމްޕް ދެއްވާފައިވާ ބައެއް ބަޔާންތަކާއި ސޯޝަލް މީޑިއާ ޕޯސްޓުތަކުގެ ތެރޭގައި ހިމެނެނީ:
ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށާއި، ދުވަހަކުވެސް ބަންދުނުކުރުމަށް އީރާނުން އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕްގެ 'ޓްރުތު ސޯޝަލް' ގައި އޭނާ ލިޔުއްވާފައިވަނީ، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ހުރަސްތައް، އެގައުމާއެކު ކުރެވޭ މުއާމަލާތްތައް ފުރިހަމަވަންދެން އެންމެ ވަރުގަދަކޮށް ދެމިއޮންނާނެ ކަމަށެވެ.
ބްލޫމްބާގް ނިއުސްގެ ރިޕޯޓަރަކަށް ޓްރަމްޕް ވިދާޅުވީ، ދާއިމީކޮށް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް އާދީއްތަ ދުވަހު މަޝްވަރާތައް ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އެމެރިކާގެ އެހީތެރިކަމާއެކު އީރާނުން ދަނީ ކަނޑުގައި ވަޅުލާފައިވާ މައިންތައް ނަގަމުން" ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
އީރާނުގެ އަތުގައި ހުރި މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެމެރިކާއާ ހަވާލުކުރާނެ ކަމަށް ޓްރަމްޕް ތަކުރާރުކުރެއްވި އެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލުމަށް އެގައުމުން އެއްބަސްވެފައިވާ ކަމަށް ބްލޫމްބާގަށް އޭނާ ވިދާޅުވި އެވެ.
ރޮއިޓާސް ނިއުސް އެޖެންސީއަށް ޓްރަމްޕް ވިދާޅުވީ، ނިއުކްލިއާ މަރުކަޒުތަކުގައި ހުރި ޔުރޭނިއަމްތައް ނެގުމަށްޓަކައި، ބޮޑެތި މެޝިނަރީތައް ބޭނުންކޮށްގެން އީރާނާއެކު އެމެރިކާއިން މަސައްކަތް ކުރާނެ ކަމަށެވެ.
އެމެރިކާގެ ރައީސް އިތުރަށް ލިޔުއްވާފައިވަނީ: "އިޒްރޭލުން ދެން ލުބުނާނަށް ބޮން ނާޅާނެ. އެކަން އެމެރިކާއިން ވަނީ މަނާކޮށްފައި. ދެން މިކަން މިހިސާބުން ނިމުނީ!"
ނޭޓޯއާ ގުޅޭގޮތުން އޭނާ ވިދާޅުވީ: "ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލަ ނިމުމުން، އެހީތެރިކަމެއް ބޭނުންތޯ އަހައި ނޭޓޯއިން އަހަރެންނަށް ގުޅި. އަހަރެން ބުނިން ދުރަށް ދިއުމަށް، އޭގެ ބަދަލުގައި އެމީހުންގެ އުޅަނދުތަކަށް ތެޔޮ އަރުވަން ބޭނުންނަމަ އެކަން ކުރަންވީ ކަމަށް. ބޭނުންވި ވަގުތު އެމީހުންގެ އެއްވެސް ބޭނުމެއް ނުހިފުނު، އެއީ ހަމައެކަނި ނަމެއްގައި އޮތް ބާރެއް!"
މި ހުރިހާ ވާހަކަތަކާއި ގުޅިގެން ގާލީބާފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީރާނާ ގުޅޭގޮތުން ޓްރަމްޕް ދައްކަވަމުން ގެންދަވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ކަމަށެވެ.
މުއްސަނދިކޮށްފައިވާ ޔުރޭނިއަމްތައް އެމެރިކާއަށް ގެންދިއުމަށް އީރާނުން އެއްބަސްވެފައިވާ ކަމަށް ބުނެ ޓްރަމްޕް ދައްކަވާ ވާހަކަތައް ތެހެރާނުން މީގެކުރިންވެސް ވަނީ ދޮގުކޮށްފަ އެވެ.
ޕާކިސްތާނުގެ މަސްދަރަކުން އަލްޖަޒީރާއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ސަރަހައްދީ ފެންވަރުގައި ދާއިމީ ސުލްހައެއް ގާއިމުކުރެވުމުގެ ކުރިން، އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުއްޓެވެ.
ހަނދާނާއި މާޒީގެ ތެރެއިން އިންސާނާގެ ބުއްދި އޮޅުވާލާ އޮޅުވާލުން!
ކުޑަކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ބަލަނީ
"އެވެންޖާސް: ޑޫމްސްޑޭ"ގެ ފުރަތަމަ ފެނިލުން ދައްކާލައިފި