އެމެރިކާއިން އަލުން ހަމަލާތައް ފަށާނެ ކަމަށް ބުނެ އިންޒާރު ދިނުމާ ގުޅީގެން އޭގެ ރައްދު ވަރުގަދައަށް އީރާނުން ދީފި އެވެ.
އެމެރިކާއިން ބުނީ އެއްބަސްވުމަކަމަށް އައުމަށް އީރާނުން ބޭނުންނުވާ ކަމަށާއި އެހެން ކަމުން އެގައުމަށް ކުރިއަށްވުރެ ވަރުގަދަ ހަމަލާތަކެއް ދިނުމަށް މެދުއިރުމަތީގެ ސަރަހައްދުގައި ތިބި އެމެރިކާގެ ފައުޖުތަކުން ތައްޔާރުވެފައިވާ ކަމަށެވެ.
އެމެރިކާގެ މި ވާހަތަކަށް ރައްދުދީ އީރާނުން ނެރުނު ބަޔާނެއްގައި ބުނީ އީރާނުގެ ހުރިހާ ހައްގުތަކެއް ފުރިހަމައަށް ކަށަވަރުވަންދެން ހޯރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެގައުމުގެ ބާރުގެ ދަށުގައި ބާއްވާނެ ކަމަށެވެ. އަދި އެމެރިކާއިން ބުނާހާ އެއްޗަކަށް އެއްބަސް ނުވާނެ ކަމަށާއި އީރާނަކީ އެމެރިކާއަށް ބޯލަނބާނެ ގައުމެއް ނޫން ކަމަށް އީރާނުން ބުންޏެވެ.
އީރާނުން ބުނީ އެމެރިކާ އާއި އެ ގައުމަށް ވާގިވެރިކާ ނުބައި ޖައްބާ އިޒްރޭލު ދެކެ ކުޑަވެސް ޖެހިލުންވެ، ބިރު ނުގަންނަ ކަމަށެވެ. އަދި ހަމަލާތައް ދޭން ބޭނުންނަމަ ހަމަ ދޭންވީ ކަމަށާއި އީރާނުން އޮތީ ކުރިއަށް ވުރެ ބޮޑަށް ހަނގުރާއަށް މިހާރު ތައްޔާރުވެފައި ކަމަށެވެ.
މީގެ އިތުރުން، މިހާރު އޮތް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އިތުރުކުރުމަށް އީރާނުން ވަނީ ދެކޮޅު ހަދާފަ އެވެ. އީރާނުން ބުނެފައި ވަނީ މިހާރު ފެންނަން މިއޮތީ ހަމައެކަނި ވަގުތީ މެދުކެނޑުމެއް ކަމަށާއި، މިއީ ދާއިމީ ސުލްހައެއް ނޫން ކަމަށެވެ.
އީރާނުން ބުނެފައި ވަނީ އެ ގައުމުން އޮތީ ދުޝްމަނުންނާ އެކު ދިގުދެމިގެންދާ ހަނގުރާމައަކަށް ތައްޔާރުވެގެން ކަމަށާއި، ނަމަވެސް އެމެރިކާއަކަށް އެފަދަ ހަނގުރާމައަކަށް ކުރިމަތިލުމުގެ ގާބިލުކަން ނެތް ކަމަށެވެ.
އީރާނަށް އެއްގަމު މަގުން އަރައިގަނެފާނެ ކަމުގެ ބިރުވެރިކަމަށް އިޝާރާތްކުރަމުން އެ ގައުމުން ބުނީ، އީރާނަށް ދޭ އެއްގަމު މަގުގެ ކޮންމެ ހަމަލާއެއް ނުވަތަ އަރައިގަތުމެއް މުޅިން ނާކާމިޔާބުވާނެ ކަމަށެވެ. މިއީ ގައުމުގެ ދިފާއުގައި އީރާނުން އޮތް ތައްޔާރީތައް ހާމަކުރުމުގެ ގޮތުން ބުނި ބުނުމެކެވެ.
މި ބަޔާންތަކާއެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެފައިވާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ނަތީޖާތަކާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކާތިކްގެ "ނާގްޒިލާ" ފަސްކޮށްފި
ޔޫރޭނިއަމްއާއި ގުޅުވާ ޓްރަމްޕް ހެދި ބޮޑު ދޮގަށް އީރާނުގެ ރައްދު
ޝިޔާމަށް ފުލުހުންގެ ވަޒީފާ ދިނުމަށް ހައިކޯޓުން ހުކުމްކޮށްފި