ހިނގަމުންދާ ހަނގުރާމައިގެ ހާލަތާ އެކު ވެސް، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގައި އީރާން ބައިވެރިވާނެ ކަމުގެ ޔަގީންކަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެއްވައިފި އެވެ.

ސީއެންބީސީގެ 'އިންވެސްޓް އިން އެމެރިކާ ފޯރަމް' ގައި ވާހަކަދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލުން އީރާނަށް ވައިގެ ހަމަލާތަކެއް ދެމުންދާތީ އެ ގައުމުގެ ބައިވެރިވުމާ މެދު ސުވާލު އުފެދިފައިވީ ނަމަވެސް، އީރާން މުބާރާތުގައި ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އީރާން ޓީމު ޔަގީނުން ވެސް ވޯލްޑް ކަޕަށް އަންނާނެ،" އިންފަންޓީނޯ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މުބާރާތް ފެށޭއިރު މަސްރަހު އަމާންވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ކުޅުންތެރިން ބޭނުންވަނީ ކުޅެން ކަމަށެވެ.

މީގެ ދެ ހަފުތާ ކުރިން ތުރުކީގެ އަންޓަލްޔާގައި އީރާން ޓީމާ ބައްދަލުކުރެއްވި ކަން ފާހަގަކުރައްވަމުން އިންފަންޓީނޯ ވިދާޅުވީ، އީރާނަކީ ވަރުގަދަ ޓީމެއް ކަމަށާއި ކުޅިވަރު ސިޔާސަތާ ދުރުކުރަން ޖެހޭ ކަމަށެވެ. ނަމަވެސް، ސިޔާސަތާއި ކުޅިވަރު ވަކިކުރުމަކީ އަބަދު ކުރެވޭނެ ކަމެއް ނޫންކަން އޭނާ ގަބޫލުކުރައްވަ އެވެ.

"އަހަރެމެން މިއުޅެނީ ހަނދަކު ނޫން، އަހަރެމެން މިއުޅެނީ ދުނިޔޭގައި. އެހެން ނަމަވެސް ގުޅުންތައް ބަދަހިކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ބަޔަކު ނެތް ނަމަ، އެ މަސައްކަތް ކުރަން ޖެހޭނޭ އަހަރެމެން،" އޭނާ ވިދާޅުވި އެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ މި ވޯލްޑް ކަޕްގައި އީރާން ކުޅުމަށް ހަމަޖެހިފައިވަނީ ކެލިފޯނިއާގެ އިންގްލްވުޑްގައި ދެ މެޗާއި ސިއެޓްލްގައި އެއް މެޗެވެ. ނަމަވެސް، ހަނގުރާމައިގެ ސަބަބުން އީރާންގެ ބައިވެރިވުމާ މެދު ވަނީ ބޮޑެތި ޝައްކުތަކެއް އުފެދިފަ އެވެ.

މި މައްސަލައިގައި އީރާން ސަރުކާރާއި ފުޓްބޯޅަ އިދާރާތަކުން ތަފާތު އެކި ވާހަކަތައް ދައްކަމުންދާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އީރާން ޓީމު މުބާރާތަށް ނައުމަށް ބާރުއަޅުއްވާފަ އެވެ.