ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވާމަންޓް ސްޕޯކްސްޕާސަންކަމުގެ މަގާމަށް މިނިސްޓަރުންގެ ފެންވަރުގައި، މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު އައްޔަންކުރައްވައިފި އެވެ.

މިހާތަނަށް މުންދު ހުންނެވީ ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައިވާ ސަފީރު ކަމުގެ މަގާމުގަ އެވެ. މުންދު މަގާމުން ވަކިކުރެއްވީ އޭނާގެ މަންމަ، މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އަސްމާ ރަޝީދު ސަރުކާރަށް ފާޑިވިދާޅުވެ ވާހަކަދައްކަވާ އޯޑިއޯއެއް ލީކްވުމުންނެވެ.

މީގެ ކުރިން މުންދު ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި ބޭރުގެ އެކިއެކި ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުތައް އެކި ދުވަސްވަރު ފުރުއްވާފަ އެވެ.

މީގެ އިތުރުން މުންދު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވާމަންޓް ސްޕޯކްސްމަންކަން 2005 ން 2007 ށް އަދި ޕްރެޒިޑެންޝަލް ސްޕޯކްސްޕާސަންކަމުގެ މަގާމު 2007 ން 2008 ށް ފުރުއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.