ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށް ވީތީ އުފެއްދި ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލައިފި އެވެ.

ރައީސް ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވީ ލޯކަލް ގަވަމެންޓް އޮޓޯރިޓީ (އެލްޖީއޭ)ގައި އިންނަވާ ސަރުކާރުގެ މިނިސްޓަރަކީ ފުލްޓައިމް އެކަމަށް އެކަނި ހާއްސަ މިނިސްޓަރަކަށް ހެއްދެވުމަށް ވަކި މިނިސްޓްރީއެއް އުފެއްދެވުމަށެވެ.

އެކަމަށް ވަކި މިނިސްޓަރަކު ބެހެއްޓެވި ނަމަވެސް، މި ސަރުކާރުން މަސައްކަތް ކުރަމުން ދިޔައީ ލާމަރުކަޒީ ނިޒާމު ހަނިކޮށް ބާރުތައް ޖަމާކުރުމަށް ކަމަށް އިދިކޮޅުން ތުހުމަތުކުރެ އެވެ.

މި މަހުގެ 4 ގައި ބޭއްވި އިންތިހާބުން ސަރުކާރަށް ލިބުނު ނާކާމިޔާބީއާއެކު، ސަރުކާރުގެ ކަންކަން ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު މުއިއްޒު އިއްޔެގެ ވަގުތެއްގައި ވަނީ އެ މަނިކުފާނުގެ ވަޒީރުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބައި ވަޒީރުން އިސްތިއުފާ ދެއްވުމަށް އަންގަވާފަ އެވެ.

އެއާއެކު 10 މިނިސްޓަރުން އިއްޔެ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭގެ ތެރޭގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ ޕަބްލިކް ވޯކްސްގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

ސިޓީސް މިނިސްޓްރީ ނުހުންނަ އިރުވެސް އެ ހުރިހާ މަސައްކަތެއް ބަލަހައްޓަމުން ގެންދިޔައީ ހައުސިން މިނިސްޓްރީގެ ދަށުންނެވެ.

ރައީސް ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށްކަމަށް ވިދާޅުވެ، ގިނަ ވަޒީރުންތަކެއް ވަކިކުރެއްވުމަށްފަހު، އިއްޔެ ވަނީ އަލުން ވަޒީރުންގެ މަޖިލިސް އެކުލަވާލައްވާފަ އެވެ.