ރައްޔިތުންގެ މަޖިލިސް، މާލެ: ދިވެހިރާއްޖޭގެ ގާނޫނުތަކާއި މި އަހަރަށް ފާސްކުރި ބަޖެޓާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ރުހުމެއް ހޯދުމަކާ ނުލައި ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕުކުރަން އުޅޭ ކަމަށް ބުނާ މައްސަލައިގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މި ގަރާރު މިއަދު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިން (ކުޑޫ) އެވެ.
މެންބަރު މުހައްމަދު އިބްރާހިން ހުށަހެޅުއްވި ގަރާރުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ މިންވަރަށްވުރެ އިތުރަށް ހަރަދުކުރެވޭނީ މަޖިލީހުގެ ރުހުން ލިބިގެން ކަމަށް ގާނޫނުއަސާސީގެ 96 ވަނަ މާއްދާގައި ވަނީ ސަރީހަކޮށް ބަޔާންކޮށްފަ އެވެ. އަދި ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ދައުލަތުގެ ފައިސާއިން ހަރަދުކުރުމާއި، މުދަލެއް ވިއްކާލުން ނުވަތަ ދޫކޮށްލުމަކީ ހުއްދަ ކަމެއް ނޫންކަންވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނާ ހަވާލާދީ ގަރާރުގައި ބުނެފައިވަނީ، ސަރުކާރުން ދަރަންޏަށް ފައިސާ ނަގަންވާނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށްޓަކައި، ގިނަވެގެން 91 ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރާ ގޮތަށް އެޑްވާންސެއްގެ ގޮތުގައި ކަމަށެވެ. އަދި އެގޮތަށް ނަގާ ފައިސާވެސް، ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމުލަ އާމްދަނީގެ 2.5 އިންސައްތައަށްވުރެ އިތުރުވެގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާންކުރެ އެވެ.
ނަމަވެސް، ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ މި ގާނޫނީ ހަމަތަކަށް ރިއާޔަތް ކުރުމެއް ނެތި ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕުކުރުމަށް ކަމަށް ގަރާރުގައި ތުހުމަތުކޮށްފައިވެއެވެ. މި މުއާމަލާތާ ދެކޮޅު ހެދުމުގެ ގޮތުން ޕެންޝަން ބޯޑުގެ ޗެއާމަން، ޗީފް އެގްޒެކެޓިވް އޮފިސަރު، ޗީފް އޮޕަރޭޓިން އޮފިސަރު އަދި ޗީފް ފައިނޭންސް އޮފިސަރުގެ އިތުރުން ބޯޑު މެންބަރުންތަކެއް އިސްތިއުފާ ދީފައިވާކަންވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
ގަރާރުގައި އިތުރަށް ބުނެފައިވަނީ، ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕުކުރުމަކީ މި އަހަރުގެ ބަޖެޓު ހުށަހެޅިއިރު ފިނޭންސް މިނިސްޓަރު ބަޔާންކޮށްފައިވާ ކަންކަމުގެ ބޭރުން، މަޖިލީހުގެ އެއްވެސް ހުއްދައެއް ނެތި ކުރިއަށްގެންދާ ނުރައްކާތެރި އަމަލެއް ކަމަށެވެ.
ސަމާލުވޭ! ޑެންގޫ ހުމުގެ ނުރައްކާ ބޮޑުވަނީ!
10 މިނިސްޓަރުންގެ ކުއްލި އިސްތިއުފާއެކު ކުއްލި ހައިރާން ކަމެއް
ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ވެސް އެންމެފަހުން މަގުމަތިވެއްޖެ