އިޒްރޭލާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށާއި، ކުރިއަށް އޮތް ގަޑިތަކަކީ އެ ގައުމަށް ވަރަށް ހިތްދަތި އަދި އުނދަގޫ ވަގުތުތަކަކަށް ވާނެ ކަމުގެ އިންޒާރު އީރާނުން ދީފި އެވެ.

މި ހަމަލާތަކަކީ މިހާތަނަށް ދެވޭ އެންމެ ވަރުގަދަ ހަމަލާތަކަށް ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"އިޒްރޭލަށް ކުރިއަށް އޮތް ވަގުތުތަކުގައި ކުރިމަތިވާނީ ހަރުކަށި އަދި ހިތްދަތި އަދޮ ބިރުވެރި ގަޑިތަކެއް،" އީރާނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އަދި ފުރަތަމަ ދޭ ހަމަލާތަކަކީ ވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ހަމަލާތަކަކަށް ވާނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، ރައްދު ދޭނީ ކުރިއަށްވުރެ މާ ވަރުގަދަކޮށް ކަމަށާއި، މިއީ ވެވޭ ވައުދެއް ކަމަށްވެސް ވަނީ ބުނެފަ އެވެ. ހަނގުރާމައިގެ މައިދާން މިހާރު އޮތީ ހުޅުވާލެވިފައި ކަމަށާއި، ހުރިހާ ފުރުސަތުތަކެއްގެ ބޭނުން ހިފުމަށް ތައްޔާރަށް އޮތް ކަމަށްވެސް ބަޔާނުގައިވެ އެވެ.

މި އިންޒާރުގެ ބަޔާން ނިންމާލަމުން އެދިފައި ވަނީ، ކުރިއަށް އޮތް ތަނުގައި ވާނެ ގޮތް ބަލަން ތިބުމަށެވެ. މިކަމުގެ ސަބަބުން ސަރަހައްދީ މަސްރަހު އިތުރަށް ނުތަނަވަސްވެ، ހަމަނުޖެހުން ބޮޑުވެގެންދާނެ ކަމަށް ބެލެވެ އެވެ.