ކާތަކެތި މީރުކޮށްދެނީ ފިޔާ ހިނެނޭ މިންވަރެއްގެ މައްޗަށެވެ. ކާ މީހާއަށް ވިސްނާ ނުލެވުނު ނަމަވެސް ސޭންޑްވިޗް، ސްޕެގެޓީ، ރިހަ، އަދި މަސްހުނި ފަދަ ކާނާ މީރުވުމަށް އެއަށް ފިޔާ ހިމެނިފައިވާ މިންވަރު ބޮޑު ރޯލެއް ކުޅެ އެވެ.
އޮމާން ސާފު އަދި އޮފު ފިޔާގައި އާދަޔާ ހިލާފު މީރުކަމެއް ފޮރުވިފައިވެ އެވެ. ފިޔާ ދިރެނީ ފަޅާލުމަށް ފަހުގައި ކަމަށް ބުނެވިދާނެ އެވެ. ނުނޮޅާ އަދި ނުކޮށާ ހުރި ފިޔައެއްގެ ވަސް ބަލާލާއިރު އެއްވެސް ވަހެއް ނުދުވާނެ އެވެ. ނަމަވެސް ވަޅިއަކުން ފިޔާ ފަޅާލުމާއެކު އޭގެ ވަސް ނުކުމެ އެވެ. ފިޔާ ކޮށަމުންދާ މީހާގެ ލޮލުން ފެން ފާއްދާލަން ފަށަ އެވެ.
ކާތަކެއްޗަށް މީރު ރަހަ ލިބެނީ އެއަށް ގިނައިން ފިޔާ ލުމަށް ވުރެ ބޮޑަށް، އެއަށް އެއްކުރާ ފިޔާކޮށާ ގިނައިން ކޮށާފައިވާ މިންވަރެއްގެ މައްޗަށެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނީ ކެއްކުން ތެރިންނަށެވެ. އެއްޗެއް މީރު ކުރުމުން ދޭ ރަހަ ރަނގަޅީ އެ ސަބަބަބާ ހުރެ އެވެ.
ފިޔާގެ ރަހައިގެ ހަގީގަތް
ފިޔާގެ މީރު ރަހަ ގެނެސްދޭ އެންޒައިމް އަށް ދެވިފައިވާ ނަމަކީ "އަނިއަން އެނައިލޭސް" އަދި "އެލް އެފް ސިންތޭސް" އެވެ. މި ދެ އެންޒައިމްސް ފިޔައިން ބޭރު ވަނީ ފިޔާ ފަޅާލުމާއެކު ފިޔާގެ ސެލް ހަލާކުވުމާ ގުޅިގެންނެވެ. މި އެންޒައިމްތައް އެހެން ޒައްރާތަކާ ގުޅި އިތުރު ބަދަލުތައް އާދެ އެވެ. ކޮންމެ ބަދަލަކާ އެކު ފިޔާގެ ރަހަ ނުކުމެ އެވެ.
ވީމާ ފިޔާގެ މީރު ރަހަ ނެރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ފިޔާކޮށުން ގިނަ ކުރުމެވެ. ނުވަތަ ފިޔާ ތުނި ކުރިވަރެ ކެވެ. ފިޔާ ޗިސްކުރުމުން ވެސް މީރު ރަހަ އާދެ އެވެ. ފިޔާ ކޮށާއިރު، އޭގެ ސެލްތައް ހަލާކުވާ މިންވަރު ބޮޑު ނަމަ ރަހަ ގަދަވެ އެވެ. މިސާލަކަށް ފިޔާ ދިގަށް ކޮށުމަށް ވުރެ ފިޔާ ހުރަހަށް ކޮށުމުން ރަހަ ނުކުންނަ މިންވަރު އިތުރުވެ އެވެ. އެއީ ހުރަހަށް ފިޔާ ފަޅަން ފެށުމުން އޭގެ ސެލްތައް ހަލާކު ކޮށްލެވޭ މިންވަރު އިތުރު ވެގެން ދާތީ އެވެ.
ވީމާ ކާއެއްޗެއް މީރު ކުރަން ބޭނުންނަމަ ފިޔާ ވީހާ ވެސް ތުނިކޮށް ކޮށުން މުހިންމެވެ. އެއީ ތުނިކޮށް ކޮށާއިރު، އެ ފިޔާގެ ސެލްތައް ބޮޑަށް ހަލާކު ކޮށްލެވޭތީ އެވެ.
ފިޔާ ރައްކާ ކުރުމުގައި ސަމާލު ވާން ކަންތައް ކުރާނެ ގޮތް
ރަނގަޅު ގޮތުގައި ފިޔާ ރައްކާ ކުރެވިފައިވާ ނަމަ ގިނަ ދުވަހު އެބޭނުން ކުރެވެ އެވެ. ފިޔާ ރައްކާ ކުރަން އެންމެ ރަނގަޅީ ފިނި، އަނދިރި، އަދި ރަނގަޅަށް ވައި ދައުރުވާ ތަނެއްގަ އެވެ. ޕްލާސްޓިކް ކޮތަޅެއްގައި ރައްކާ ކުރެވިފައިވާ ނަމަ، އޭގައި ފެން ހެދުމުގެ ސަބަބުން ފިޔާ ހަލާކު ވާން މެދުވެރިވެ އެވެ. ނޮޅާފައިވާ ފިޔައެއް ނަމަ، ރައްކާ ކުރަން އެންމެ ރަނގަޅީ ފްރިޖްގަ އެވެ.
ވައި ދައުރު ނުވާ ތަނެއްގައި ފިޔާ ރައްކާ ކުރެވިފައި ވާނަމަ، އެއިން ގަސް ފަޅަން ފަށަ އެވެ. އަދި އަވި ދޭ ތަނެއްގައި ރައްކާ ކުރެވިފައިވާ ނަމަ ވެސް އެއިން ގަސްފެޅުމުގެ ފުރުސަތު ބޮޑުވެ އެވެ. މީގެ އިތުރުން އެހެން ތަރުކާރީ އާއި މޭވާތަކާއެކު ފިޔާ އެއްކޮށް ރައްކާ ކުރުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ. އެއީ ފިޔާއިން އުފައްދާ ތެެއްކަމުގެ ސަބަބުން އެހެން ތަރުކާރީ ނުވަތަ މޭވާތަކަށް ގެއްލުން ލިބެނެތީ އެވެ.
ވީމާ ކާތަކެތި ތައްޔާރު ކުރާއިރު، ރަހަ މީރު ކުރުމަށް ތުނިކޮށް ކޮށާފައިވާ ފިޔާ ގިނަ އަދަދަކަށް ބޭނުން ކުރުމުން ކާއެއްޗެހީގެ ރަހަ މީރުވެ އެވެ. އެއީ ފިޔާ ގިނައިން ކޮށުމުން އޭގެ ސެލްތައް ބޮޑަށް ހަލާކު ކޮށްލެވޭތީ އެވެ.