ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ އަމަލުތައް ރާވައި ހަރުކަށި ފިކުރު ފެތުރި ކަމުގެ ތުހުމަތުގައި 2021 ވަނަ އަހަރު ހައްޔަރުކުރި އަށް މީހުންގެ މައްސަލައިގެ އެންމެ ފަހު އަޑުއެހުންތައް އިއްޔެ ބާއްވައި ނިންމާލައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނިގޮތުގައ އެ މީހުންނަކީ އިސްލާމްދީނުގެ ނަން ބޭނުންކޮށްގެން ޓެރަރިސްޓު ޖަމާއަތްތަކާ ގުޅުން ބާއްވައި، އެ ޖަމާއަތްތަކުގެ ހަރަކާތްތަކަށް ހިތްވަރުދީ ވާގިވެރިވެފައިވާ ބައެކެވެ.
އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި، އައިއެސް ޖަމާއަތުގެ އެންގުމުގެ މަތިން ގޮވާ އެއްޗެއް ހަދައި ތިމަރަފުށީ ސްކޫލުގެ ލެބޯޓަރީ ގޮއްވާލަން ރޭވުން ހިމެނެ އެވެ. އޭގެ އިތުރުން ދަތުރު ދިޔުމުގެ ނަމުގައި ފަޅުރަށްރަށުގައި ތަމްރީނު ހެދުމާއި، ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގައި އިންޓަނެޓު މެދުވެރިކޮށް ދަރުސް ދިނުމާއި، ހަރުކަށި ފިކުރުގެ ފަރާތްތަކަށް ފައިސާގެ އެހީ ފޯރުކޮށްދިނުން ވެސް ތުހުމަތުތަކުގެ ތެރޭގައި ހިމެނެ އެވެ.
އެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ރާވައި އެކަމަށް ހިތްވަރު ދިނުމާއި، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާކަން އެނގޭ ފަދަ ލިޔެކިޔުންތައް ބެހެއްޓުމާއި، ހަނގުރާމައަށް ފުރަން މަސައްކަތް ކުރުމާއި، ޓެރަރިޒަމްގެ ހަމަލާއަކަށް ބޭނުންވާ ހުނަރުތައް ހޯދުމާއި، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅުން ހިމެނެ އެވެ.
ޕީޖީ އޮފީހުން ބުނީ އިއްޔެ ބޭއްވި އަޑުއެހުންތަކުގައި ދައުވާ ކުރާ ފަރާތާއި ދިފާއީ ފަރާތުން ޚުލާސާ ބަޔާން އިއްވައި ފަހު ބަސް ބުނެ ނިންމާލާފައިވާ ކަމަށެވެ. ދެން އޮތީ ހުކުމް ކުރުމުގެ މަރުހަލާ ކަމަށާއި، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން ހުކުމް އިއްވަން ޖެހޭ ކަމަށް ވެސް އެ އޮފީހުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި އެއްވެސް މީހަކު މިއަދާ ހަމައަށް ވެސް ބަންދުން ދޫކޮށްފައެއް ނުވެއެވެ. ޝަރީއަތް ފަސް އަހަރަށް ދެމިގެން ދިއުމާ ގުޅިގެން އެ މީހުންގެ އާއިލާތަކުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށް އިހްތިޖާޖުކޮށްފައިވެއެވެ.
ޑިޑީގެ "ވައިޓް ޕާޓީ"ތަކަށް ނަޒަރެއް