އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ގައުމުގެ އެޓާނީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޕޭމް ބޮންޑީ ބުރާސްފަތި ދުވަހު މަގާމުން ވަކިކުރައްވައިފި އެވެ. މި ނިންމެވުން ނިންމަވާފައިވަނީ ބޮންޑީގެ މަސައްކަތްތަކާ މެދު ޓްރަމްޕް ހިތްޕުޅުހަމަޖެހިވަޑައިނުގެން، ގިނަ ދުވަސްތަކެއް ވަންދެން ހުރި ކަންބޮޑުވުންތަކަކަށް ފަހު އެވެ.

ޚަބަރު ލިބޭ ގޮތުގައި، ބޮންޑީއާ މެދު ޓްރަމްޕް އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގުޅޭ ފައިލްތައް އާންމުކުރުމުގައި އަމަލުކުރި ގޮތުންނެވެ. މީގެ އިތުރުން، ޓްރަމްޕްގެ ސިޔާސީ ވާދަވެރިންނާ ދެކޮޅަށް ދައުވާ އުފުލުމުގެ ކަންކަން ބޮންޑީ އަވަސް ނުކުރައްވާ ކަމަށް ވެސް ޓްރަމްޕް ގަބޫލުކުރައްވަ އެވެ.

ބޮންޑީ ވަކިކުރެއްވުމަށްފަހު، އެޓާނީ ޖެނެރަލްގެ މަގާމު ވަގުތީ ގޮތުން ފުރުއްވާނީ ޑެޕިއުޓީ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އެވެ. ބްލާންޗް އަކީ މީގެ ކުރިން ޓްރަމްޕްގެ އަމިއްލަ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ ބޮންޑީއަކީ "ވަތަނީ ބޭފުޅެއް" ކަމަށާއި އޭނާ ވަރަށް އަވަހަށް ޕްރައިވެޓް ސެކްޓަރުގެ ވަޒީފާއަކަށް ބަދަލުވާނެ ކަމަށް ވިދާޅުވެފަ އެވެ.

މަގާމުން ވަކިކުރެއްވުމާ ގުޅިގެން ބޮންޑީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާއަކީ ރައްކާތެރި ތަނަކަށް ހެދުމަށް ރައީސް ޓްރަމްޕް ކުރެއްވި މަސައްކަތްޕުޅުގައި ބައިވެރިވެވުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. އަދި ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި މަގާމުގެ ޒިންމާތައް ބްލާންޗްއާ ހަވާލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮންޑީގެ ދައުރުގައި އޭނާއަކީ ޓްރަމްޕްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދުކުރެއްވި ބޭފުޅެކެވެ. ނަމަވެސް އެޕްސްޓީންގެ މައްސަލައިގައި ލިޔެކިޔުންތައް ހާމަކުރުމުގައި ކަންތައް ކުރި ގޮތުން ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުންނާއި ޓްރަމްޕްގެ އަރިސް ބޭފުޅުންގެ ފާޑުކިޔުން އޭނާއަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބޮންޑީގެ ބަދަލުގައި އެ މަގާމަށް އައްޔަންކުރާނެ ބޭފުޅަކާ މެދު ޓްރަމްޕް މިހާރު ގެންދަވަނީ ވިސްނަވަމުންނެވެ. އޭގެ ތެރޭގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ އެޑްމިނިސްޓްރޭޓަރު ލީ ޒެލްޑިންގެ ނަން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.