ސިޓީ ކައުންސިލުން ދޭ ހިދުމަތްތަކާއި އާންމު ދިރިއުޅުމުގައި ކޮންމެހެން ބޭނުންތެރި މުހިންމު މައުލޫމާތުތަކެއް ވަގުތުން ބަލާލެވޭ "އަފުން ސިޓީ" އެޕް ފުވައްމުލައް ސިޓީ ކައުންސިލުން ރޭ ލޯންޗުކޮށްފި އެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މިއީ އާންމު ހިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކުރުމަށާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އަދި ދެފުށް ފެންނަ މިންވަރު އިތުރުކުރެވޭނޭހެން ތަރައްގީ ކޮށްފައިވާ އެޕެެއް ކަމަށެވެ. މި އެޕްލިކޭޝަން މިހާރު އައިއޯއެސް އަދި އެންޑްރޮއިޑް ޕްލެޓްފޯމްތަކުން ލިބެން ހުންނާނެ އެވެ.

"މިއީ ސިޓީ ކައުންސިލްގެ ޚިދުމަތްތަކާއި ސިޓީއާ ގުޅޭ މައުލޫމާތު ވަގުތުން ބަލާލެވޭގޮތަށް ފަރުމާކޮށް ރައްޔިތުންނަށް ފަސޭހަކޮށްދޭ މަރުކަޒީ ޑިޖިޓަލް ނިޒާމެއް. މިއީ ކައުންސިލަކުން މިގޮތަށް ތަރައްގީ ކުރި ފުރަތަމަ އެޕު،" ފުވައްމުލައް ސިޓީ ކައުންސިލުން ބުންޏެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ "އަފުންސިޓީ" އަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ޑިޖިޓަލްކޮށް ބަދަލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި އެޕްލިކޭޝަނަކީ ސިޓީ މެނޭޖްކުރުމާއި ރައްޔިތުންނަށް ބޭނުންވާ ގިނަގުނަ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދީ، ޚިދުމަތުގެ ހަލުވިމިނާއި، ލުއިފަސޭހަކަން އިތުރުކޮށްދޭ މަސައްކަތެއް ކަމަށް ވެސް އެ ކައުންސިލުން ބުނެ އެވެ.

މި އެޕްލިކޭޝަންގެ އެންމެ މުހިންމު އެއް ބަޔަކީ 3,700 އަށް ވުރެ ގިނަ ތަންތަން ހިމެނޭ އިންޓަރެކްޓިވް ޗާޓެވެ. މީގެ ތެރޭގައި ގޯތިގެދޮރާއި، ވިޔަފާރިތަކާއި، މިސްކިތްތަކުގެ އިތުރުން އާންމު ޚިދުމަތްދޭ ތަންތަން ހިމެނެ އެވެ. މި ސިސްޓަމް ފަރުމާކޮށްފައިވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ވަގުތުން ތަންތަން ހޯދުމާއި މަގު ދެއްކުމާއި އަދި މެޕް ބޭނުންކުރާ ފަރާތަށް ފަސޭހަވާނޭހެން ބަދަލުކުރެވޭ ގޮތަށެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މި ޕްލެޓްފޯމް އިތުރަށް ފުރިހަމަވެގެންދަނީ ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު "އީފާސް" އާ ގުޅާލެވިފައިވުމުން ކަމަށެވެ. މީގެ ސަބަބުން މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުވެ، ޚިދުމަތްތަކަށް ފަސޭހައިން ވަދެވޭއިރު، ގެސްޓް ޔޫޒަރުންނަށް ލޮގިން ނުވެ ވެސް ބައެއް ޚިދުމަތްތައް ބޭނުންކުރެވޭނެ ކަމަށް ވެސް އެ ކައުންސިލުން ބުނެ އެވެ.

މީގެ އިތުރުން، ފުވައްމުލަކާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓު ފަހަރުގެ މަޢުލޫމާތު ވަގުތުން ބަލާލެވޭ ނިޒާމެއް މީގައި ހިމެނެ އެވެ. މީގެ ސަބަބުން އުޅަނދު އޮތް ސަރަހައްދާއި، ދަތުރުގެ ހާލަތު ވަގުތުން ބަލާލެވޭނެ އެވެ. އާންމުންގެ ބޭނުންތަކަށް އިސްކަންދީގެން، ނަމާދު ވަގުތުތަކާއި، ހުކުރު ތާވަލާއި މިސްކިތްތަކުގެ މައުލޫމާތާއި، އެންމެ ކައިރީގައި ހުރި މިސްކިތް ދެނެގަނެވޭނެ އިންތިޒާމު މި އެޕްގައި ހިމެނެ އެވެ. އަދި "އައިކިއު އެއާ" މެދުވެރިކޮށް ވައިގެ ނުސާފުމިން ވަގުތުން ބަލާލެވުމާއި، ސިއްހީ އިރުޝާދުތައް ލިބުމަކީ ތިމާވެށީގެ ހާލަތަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ވެސް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެ އެވެ.

"މި އެޕްލިކޭޝަންގެ މުހިންމު އެއް ބަޔަކީ މައްސަލަ ހުށަހަޅާ ސިސްޓަމް. އެޕް މެދުވެރިކޮށް އާންމު ޚިދުމަތްތަކާ ގުޅޭ މައްސަލަތައް ސީދާ ކައުންސިލަށް ހުށަހެޅޭނެ. މި ނިޒާމުގެ ތެރެއިން މައްސަލަ ކުރިއަށްދާ ގޮތް ބަލާލެވޭތީ، ކައުންސިލްގެ ޒިންމާދާރުކަން އިތުރުވެގެންދޭ. މީގެ އިތުރުން 'އަފުންއަޑޮ' މޮޑިއުލް މެދުވެރިކޮށް ރައްޔިތުންނަށް ޚިޔާލު ހުށަހެޅުމާއި، މަޝްވަރާކުރުމާއި، އަދި އެކި ކަންކަމުގައި ނަގާ ވޯޓުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދޭ،" ފުވައްމުލައް ސިޓީ ކައުންސިލުން ބުންޏެވެ.

އެ ކައުންސިލުން ބުނީ "ވަންގަވް" ޚިދުމަތާ ގުޅާލެވިފައިވުމުން، ސަރުކާރުގެ އެކި ޚިދުމަތްތަކަށް އެދުމާއި އެކަންކަން ކުރިއަށްދާ ގޮތް ބަލާލުމުގެ ފުރުސަތު ލިބޭ ކަމަށެވެ. ހަމައެއާއެކު، އިއުލާންތަކާއި، ކައުންސިލްގެ ނިންމުންތަކާއި، މާލީ ރިޕޯޓުތަކާއި އޮޑިޓް ރިޕޯޓުތައް މި ޕްލެޓްފޯމުން ފެންނަން ހުރުމަކީ މުއައްސަސާގެ ދެފުށް ފެންނަ މިންވަރު އިތުރުވެ، އާންމުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް ވެސް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެ އެވެ.

"މީގެ އިތުރުން، ޚަބަރާއި، ހަރަކާތްތަކުގެ މައުލޫމާތާއި، ވަޒީފާގެ ފުރުސަތުތަކާއި، އަދި ސިޓީގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ލައިވް ފީޑް ފެންނަން ހުރުމަކީ މައުލޫމާތު ފެތުރުމަށާއި މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް ލިބޭ ބޮޑު ބާރެއް،" އެ ސިޓީ ކައުންސިލުން ބުންޏެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީއަފުންސިޓީ" އިފްތިތާހުކުރުމަކީ، ޑިޖިޓަލް އީޖާދުތަކުގެ އެހީގައި ސިޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.

އެ ކައުންސިލުން ބުނީ މި މަޝްރޫޢުގެ ދަށުން، މުހިންމު ޚިދުމަތްތަކާއި މަޢުލޫމާތު ބޭނުންކުރަން ފަސޭހަ އެއް ޕްލެޓްފޯމަކަށް ޖަމާކޮށްދިނުމަކީ، ރާއްޖޭގެ މާހައުލާ ގުޅޭގޮތުން "ސްމާޓް ސިޓީ" ތަރައްގީކުރުމުގައި ނަމޫނާއެއް ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި މިއީ ޑިޖިޓަލައިޒޭޝަނާއި ދެމެހެއްޓެނިވި ގޮތެއްގައި ސިޓީތައް ބެލެހެއްޓުމަށް ގައުމީ ފެންވަރުގައި ކަނޑައަޅާފައިވާ ފުޅާ މަގުސަދުތަކާ އެއްގޮތްވާ ކަމެއް ވެސް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެ އެވެ.