އަންނަ އޭޕްރީލް މަހު ބާއްވާ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން "އާނއެކޭ" ބުނެފިނަމަ، ރާއްޖޭގެ ގާނޫނު އަސާސީ ނިމުމަކަށް އަންނާނެ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ގައުމުގެ ހާލަތު އިންތިހާއަށް ނިކަމެތިވެފައިވާ މި ދަނޑިވަޅުގައިވެސް، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައީސް މުހައްމަދު މުއިއްޒުގެ އަމިއްލަ މަސްލަހަތަށްޓަކައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ކަމަށެވެ.
ޖަމީލް ވިދާޅުވީ ހަނގުރާމައަކާ ހެދި ތެލުގެ އަގު ބޮޑުވެ، މުޅި ދުނިޔޭގެ އިގްތިސޯދަށް ލޮޅުން އަރާފައިވާ މި އުނދަގޫ ވަގުތުގައި ވެސް ގައުމެއްގެ ވެރިއަކު މިހާ އިހާނެތިކޮށް ރައްޔިތުންނާ މެދު އަމަލުކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅި ބަންދުވެ، ތެލާއި ގޭހުގެ އަގު އިންތިހާއަށް މިވަނީ އުފުލިފައި. މީގެ ސަބަބުން ދިރިއުޅުމުގެ ޚަރަދު ބޮޑުވެ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްފަރުވާގެ ޚިދުމަތްތައް ވެސް ފޯރުކޮށްނުދެވޭ ހާލަތަށް ގައުމު ގޮސްފައި މިވަނީ. އެކަމަކު ސަރުކާރުން "ހޭބޯނާރާ" އުޅެނީ ރައީސް މުއިއްޒު ހިތްހަމަޖެއްސުމަށްޓަކައި ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް،" ޖަމީލް ވިދާޅުވި އެވެ.
މިފަދަ ބޮޑު ބަދަލެއް ގެންނަ ވާހަކަ ވެރިކަމަށް ވަޑައިގަތުމުގެކުރިން ރައީސް މުއިއްޒު ވިދާޅުވެފައިނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ގާނޫނު އަސާސީއަކީ ރައްޔިތުންގެ އިހުސާސްތަކާއި، އާދަކާދަތަކުގެ މައްޗަށް ބިނާވެފައިވާ ވަރަށް މާތް އެއްޗެއް ކަމަށާއި، އެއީ އިރުއިރުކޮޅާ ކުޅެން އޮންނަ އާދައިގެ ލިޔުމެއް ނޫން ކަމަށެވެ. މިހާރު އޮތް ގާނޫނު އަސާސީއަކީ އެތައް މަޝްވަރާއަކާއި އަޑުއެހުންތަކަކަށްފަހު ފުރިހަމަވެގެން އައި އެއްޗެއްކަން ޖަމީލް ހަނދާންކޮށްދެއްވި އެވެ.
"އޭޕްރީލް މަހުގެ ރެފެންޑްރަމްގައި ރައްޔިތުން 'އާއެކޭ' ބުނެފިނަމަ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނު އަސާސީ ނިމުމަކަށް އަންނާނެ. މީގެ ކުރިންވެސް ބަރުލަމާނީ ނިޒާމަށް ރައްޔިތުން 'ނޫނެކޭ' ބުނީ މިފަދަ ސަބަބުތަކަށްޓަކައި. ގާނޫނު އަސާސީގެ ހުރިހާ ބާރެއް ފެށިގެން ނިމިގެން ދަނީ ރައްޔިތުންގެ ކިބައިން،" ޖަމީލް ވިދާޅުވި އެވެ.
އިންތިހާބާ ދިމާކޮށް ފުވައްމުލަކުގެ "ޑްރަގްގެ ބޮޑުން" ދޫކޮށްލައިފި
ޕޮލިސް ކޮމިޝަނަރު ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި
ބީއެމްއެލް އިން ކޮންމެ ހިއްސާއަކަށް ބޯނަސް ދެ ހިއްސާ
