އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.
މީގެ އިތުރުން، ކަނޑުގެ ދަތުރުފަތުރުގެ މުހިންމު ސަރަހައްދެއް ކަމަށްވާ ސްޓްރެއިޓް އޮފް ހޯރްމޫޒް، އީރާނަށް ނުރައްކަލެއް ނެތް އުޅަނދު ފަހަރަށް ބޭނުން ކުރެވޭނެ ކަމަށް އެ ގައުމުން ބުނުމަކީ ވެސް އަގު ދަށަށް ދިއުމަށް މެދުވެރިވި ސަބަބެކެވެ.
ބްރެންޓް ކްރޫޑްގެ އަގު 5 އިންސައްތަ ދަށަށް ގޮސް ފީފާއެއްގެ އަގު 99.29 ޑޮލަރަށް ތިރިވެފައިވާއިރު، އެމެރިކާގައި މުއާމަލާތްކުރާ ތެލުގެ އަގު 5.5 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސް ފީފާއެއްގެ އަގު ވަނީ 88.41 ޑޮލަރަށް ވެއްޓިފަ އެވެ.
ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި، މަޝްވަރާ ކުރަމުންދާ ފަރާތްތަކުން އެއްބަސްވުމަކަށް އަންނަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން އީރާނުގެ އޮފިޝަލުން ވަނީ އެއީ ދޮގު ޚަބަރުގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ އެމެރިކާގެ ޑިޕްލޮމަސީއަށް އެއްވެސް މީހަކަށް އިތުބާރު ނުކުރެވޭނެ ކަމަށެވެ.
"މި ހަނގުރާމަ ފަށައި، އަދިވެސް އަހަރެމެންނަށް ހަމަލާދެމުންދާއިރު، އެމީހުންގެ ޑިޕްލޮމަސީ ނުވަތަ މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ވާހަކަތަކަކީ އިތުބާރު ހުރި ވާހަކަތަކެއް ކަމަށް އެއްވެސް މީހަކު ގަބޫލުކުރާނެތޯ؟" ބަގާއީ ސުވާލު އުފެއްދެވި އެވެ.
މީގެ އިތުރުން، އީރާނުގެ އަސްކަރިއްޔާގެ އޮފިޝަލެއް ކަމަށްވާ އިބްރާހިމް ޒުލްފަގާރީ ވަނީ އެމެރިކާއަށް ފާޑުވިދާޅުވަމުން، އެމެރިކާގެ އެތެރޭގެ ހަމަނުޖެހުންތައް އަމިއްލަ ނަފްސާ މަޝްވަރާކުރާ ހިސާބަށް ގޮސްފައިވަނީތޯ ސުވާލު ކުރައްވާފަ އެވެ. އީރާނުން ބުނަމުންދަނީ އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށާއި، މިއީ ބާޒާރުގެ އަގުތަކަށް ނުފޫޒު ފޯރުވުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ.
ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރާ ގޮތުގައި އެމެރިކާއިން ވަނީ 15 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭނެއް އީރާނަށް ހުށަހަޅާފަ އެވެ. މި ޕްލޭންގައި ސްޓްރެއިޓް އޮފް ހޮރްމޫޒް ހުޅުވާލުމާއި، އެއީ މިނިވަން ކަނޑުގެ ސަރަހައްދެއްގެ ގޮތުގައި ބަލައިގަތުން ހިމެނެ އެވެ. ބަދަލުގައި އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި މަޝްވަރާތަކުގައި ނައިބު ރައީސް ޖޭޑީ ވެންސް އާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބައިވެރިވެވަޑައިގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މި ހުރިހާ ވާހަކަތަކެއް މިހެން ހުރި ނަމަވެސް، އީރާނާއި އިޒްރޭލާ ދެމެދު މިސައިލް ހަމަލާތައް ބަދަލުކުރުން އަދި ވެސް ދަނީ ކުރިއަށެވެ. އިޒްރޭލް ޑިފެންސް ފޯސަސް (އައިޑީއެފް) އިން ވަނީ ތެހެރާނަށް އަމާޒުކޮށް އާ ހަމަލާތަކެއް ދޭން ފަށާފައިވާ ކަމަށް ބުނެފަ އެވެ.
އީރާނުން ވަނީ އދ. މެދުވެރިކޮށް، އެ ގައުމާ ދެކޮޅުވެރި ނޫން އުޅަނދުތަކަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރެވޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
އިޒްރޭލް-އެމެރިކާއާ ދެކޮޅަށް އިރާގުން ހަނގުރާމަ އިއުލާނު ކޮށްފި
އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލަން އެއްބަސްވި
އިސްތަށިގަނޑު ތުނިވެ ބަލިކަށިވަނީ މިހެެންވެ ކަމަށް ވެދާނެ!