ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓް ނުވަތަ ގޯއްޗަށް ކުރިމަތިލާއިރު، އެ މީހެއްގެ ނަމުގައި އޮންނަ 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅު ސަރުކާރަށް ދޫކޮށްލަންޖެހޭ އުސޫލު ބަދަލުކުރަން ނިންމަވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، މިހާރު އޮންނަ އުސޫލުގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ގޯއްޗެއް ނުވަތަ ފްލެޓެއް ލިބޭ މީހެއްގެ ނަމުގައި 400 އަކަފޫޓަށް ވުރެ ކުޑަ ބިންކޮޅެއް އޮތް ނަމަ، އެ ބިންކޮޅު ދައުލަތަށް ދޫކޮށްލަން ޖެހޭ ކަމަށެވެ.
ނަމަވެސް، މި އުސޫލަށް ގެންނަ ބަދަލާއެކު އެ ބިންކޮޅު ސަރުކާރަށް ދިނުމުގެ ބަދަލުގައި އެމީހެއްގެ އާއިލާގެ މެންބަރަކަށް ބަދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން، އެ ބިންކޮޅު އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ، ދަރިން ނުވަތަ އެއްބަނޑު އެއްބަފާ މީހެއްގެ ނަންމައްޗަށް ބަދަލުކުރެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"މީގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް އެ މީހަކު ދައުލަތަށް ދޫކޮށްލަންޖެހޭ ބިންކޮޅު ދޫކޮށްލުމުގެ ބަދަލުގައި، ދޫކޮށްލެވޭ ގޮތް މި ހަދަނީ،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި އުސޫލު ބަދަލުކުރަން ނިންމެވީ ވަރަށް ގިނަ ބަޔަކު އެފަދަ ކުދި ބިންކޮޅުތަކުގައި އިންވެސްޓްކޮށް، ލޯނު ނަގައިގެން އިމާރާތްކުރުން ފަދަ މަސައްކަތްތައް ކޮށްފައި ހުރުމުން ރައްޔިތުންނަށް އެކަމުގެ ބުރަ ނުޖެއްސުމަށްޓަކައި ކަމަށެވެ.
މި އުސޫލަކީ ކުރީ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ވެސް ތަންފީޒުވާނެ އުސޫލެއް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް، ސަރުކާރަށް ދޫކޮށްލަންޖެހޭނީ ހަމައެކަނި ސަރުކާރުން ދީފައިވާ ފްލެޓެއްގައި ދިރިއުޅެމުންދާ މީހަކު، އެ ފްލެޓް ދޫކޮށްފައި ދާންޖެހޭ ހާލަތްތަކުގައި އެ ފްލެޓް އެކަނި ކަމަށް އެމަނިކުފާނު ތަފްސީލުކޮށްދެއްވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޖޮއިންޓް އެޕްލިކޭޝަން މެދުވެރިކޮށް މުޅި ގޯތި ދޫކޮށްލުމަށްފަހު އެންމެން ގުޅިގެން ގޯއްޗަށް ކުރިމަތިލައިގެން ގޯތި ލިބުނު ފަރާތްތަކުންނާއި، ކުޑަ ބިންކޮޅު ލާޖައްސާ އުސޫލުން ގޯއްޗަށް ކުރިމަތިލައިގެން ގޯތި ލިބުނު ފަރާތްތަކުން އެމީހެއްގެ ބިންކޮޅު ދައުލަތަށް ދޭންޖެހޭނެ ކަމަށެވެ. މި އުސޫލުތަކަށް ގެނެވޭ ބަދަލުތައް މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ގައުމީ އިނާމަށް ނަން ހުށަހެޅުން ބުދަ ދުވަހު ހުޅުވާލަނީ
ބޮލީވުޑް: 90ގެ އަހަރުތަކުގައި އެންމެ އަގުބޮޑު ތަރިން!
އީރާނުން އިޒްރޭލާއި ސައުދީގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް