ދިވެހީން ދަންނަ އެމްޑީޕީއެއް މިއަދަކު ނެތް ކަމަށާއި އެ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާތަން ފެންނަނީ ޕާޓީގެ ފިކުރަށް ނިސްބަތް ނުވާ "ދަލު ބޭރުން ޖެހިގެން އުޅޭ" ބައެއްކަމަށް މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވައި، އޭނާ އެންޑޯޒް ކުރިކަން ހާމަކުރުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އާދަމް މަނިކު ވަނީ އެމްޑީޕީގެ މިހާރުގެ ލީޑަޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ގައުމީ އިއްތިހާދު ޕާޓީން އެމްޑީޕީއަށް ބަދަލުވި އާދަމް މަނިކު ވިދާޅުވީ އެމްޑީޕީގެ އިސް ސަފުން މިހާރު ފެންނަނީ ޑީއާރްޕީއަށް ނިސްބަތްވި މީހުން ކަމަށެވެ.
"އެ ޕާޓީގެ އިސް ސަފުން ފެންނަނީ ޕާޓީގެ ފިކުރަށް ނިސްބަތް ނުވާ 'ދަލުބޭރުން ޖެހިގެން އުޅޭ' ބައެއް. ކޮބައިތޯ ޑީއާރްޕީއަށް ނިސްބަތް ނުވާ މީހަކު ދައްކަވަބައްލަވާ އިސް ސަފުން. އެހެންވީމަ އެއީ އެމްޑީޕީއެއް ނޫނޭ. މިހާރު އަޅުގަނޑުމެންގެ ބަހެއް ނުވިކޭނެއޭ. އަޅުގަނޑުމެން އެމްޑީޕީ އެއްޗަކަށް ހެދީމަ އެ ހަނދާނެއް ނެތޭ މިހާރު،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ކުރީގެ އިސް ސަފުގައި ހަރަކާތްތެރިވި އާދަމް މަނިކު އިތުރަށް ސުވާލު އުފެއްދެވީ މިހާރު ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންގެ އެމްޑީޕީ ވަންތަކަމާ މެދުގަ އެވެ.
"އަޅުގަނޑުމެންނާ ދިމާލަށް މުގުރުބުރި ހިފައިގެން ދުވި މީހުން ނޫންތޯ މިހާރު އެ ތިބީ. އަބްދުﷲ ޝާހިދަކީ ކާކުތޯ؟. ފައްޔާޒަކީ އެމްޑީޕީ މީހެއްތޯ؟" އޭނާ ވިދާޅުވި އެވެ.
މޫސާ އަލީ ޖަލީލަށް ތާއީދުކުރީ ވަރަށް ބޮޑަށް ވިސްނެވުމަށްފަހު ކަމަށް ފާހަގަކުރައްވައި އާދަމް މަނިކު ވިދާޅުވީ، އަބަދުވެސް ބަލާނީ މާލެއަށް ރަނގަޅު ގޮތް ވުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު އަނެއްކާ ވެސް މާލެ ބޭކާރުވެގެންދާން ނޭދޭ ކަމަށާއި، މިހާރުގެ ސިޓީ ކައުންސިލުން ޒިންމާ އަދާނުކުރާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
މާލެއަށް ކައުންސިލުން އިހުމާލުވަމުންދާކަން ފާހަގަކުރައްވައި އާދަމް މަނިކު ވިދާޅުވީ، ސިޔާސީ ވެގެން މާލެ ތަރައްގީ ނުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ދިވެހީން ދަންނަ އެމްޑީޕީއެއް މިވަގުތު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
ފަހު ވަގުތު ހަވާއެރުވުން ކެންސަލްކުރީ ސިޔާސީ ނުފޫޒުން: ކައުންސިލް
ހޫނު މޫސުމުގައި އާއްމު ސިއްހަތަށް ރައްކާތެރިވާނީ ކިހިނެއް؟
ގައުމީ އިނާމަށް ނަން ހުށަހެޅުން ބުދަ ދުވަހު ހުޅުވާލަނީ