ވ. ފެލިދޫ ކައިރިން ހަތް މީހުންނާއެކު ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އެ މީހުން އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 1:15 އެހާކަންހާއިރު އެވެ.
ފުލުހުން ބުނިގޮތުގައި އެމްއެންޑީއެފްއާ ގުޅިގެން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް މެދުކަނޑުމެއް ނެތް ކުރިއަށް ދިޔަ ނަމަވެސް، މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.
ބަންޑުން ޖަހާލި ލޯންޗުގައި ތިބީ އިނގިރޭސިވިލާތާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ. ލޯންޗު ބަންޑުން ޖަހާލި ވަގުތު އޭގެއިން ފަސް މީހަކު މޫދަށް ވިއްސައިގެން ދިޔައިރު، ގެއްލިގެން ހޯދަމުންދަނީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.
މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގި ވަގުތު ލޯންޗުގައި އިންޑިއާގެ މަޝްހޫރު ބިލިއަނަރު އަދި ރޭމަންޑް ގްރޫޕްގެ ޗެއާމަން ގޯތަމް ސިންހާނިއާ ވެސް އިނެވެ.
ގޯތަމް ސިންހާނިއާގެ ތަރުޖަމާނު ބުނެފައިވާ ގޮތުގައި، މި ހާދިސާގައި އޭނާއަށް ކުދި އަނިޔާތަކެއް ލިބުނު ނަމަވެސް، އޭނާ މިހާރު ވަނީ އެނބުރި އިންޑިއާގެ މުމްބާއީއަށް ގޮސްފަ އެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ކާމިޔާބުވެފައެއް ނުވެ އެވެ.

އީދު ބަންދަށް ފަހު ސަރުކާރު އޮފީސްތައް ހޯމަ ދުވަހު ހުޅުވަނީ
ފޯޅަވަހި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއަށް ދީފި
ވޯލްޑް ކަޕަށް ދޭންޖެހޭ ފަންޑު އެމެރިކާއިން ނުދޭތީ ކަންބޮޑުވެއްޖެ