މި އަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ އެންމެހައި ފަރާތްތަކަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބެހައި ނިންމައިފި އެވެ.

ޝަރުތު ފުރިހަމަވާ ކޮންމެ މީހަކަށް 6,000 ރުފިޔާ ލިބިފައިވާއިރު، ރާއްޖޭގެ ތާރީހުގައި ފިޠުރު ޒަކާތުން ބޮލަކަށް މިހާ ބޮޑު އަދަދެއް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. ޒަކާތް ހައްގުވާ ކެޓަގަރީތަކުގެ ތެރެއިން 62 ޔަތީމު ކުއްޖަކަށް ވެސް މި ފައިސާ ބަހާފައިވާ ކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ.

ޒަކާތު ހައުސްއިން ބުނިގޮތުގައި، މި ފަހަރު ފިތުރު ޒަކާތުގެ ގޮތުގައި 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ ފިތުރު ޒަކާތުން އެންމެ ގިނައިން ފައިސާ ޖަމާވި އަހަރެވެ. އޭގެ ތެރެއިން ފަގީރުންނާއި މިސްކީނުންނަށް ބެހުމަށް ހަމަޖެއްސީ 13,896,000 ރުފިޔާ އެވެ.

ޒަކާތް ބަލައިގަތީ ހަތް އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށެވެ. އިންޓަނެޓް ބޭނުން ކުރަން ދަތި ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ކައުންސިލްތައް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތެވެ. އެ ފައިސާ ޖަމާކުރުމަށް ޒަކާތު ހައުސްއިން ވަކި ހާއްސަ ޕޯޓަލެއް ތައްޔާރުކުރި އެވެ.

މާލެ ސަރަހައްދުގައި އިސްލާމީ މަރުކަޒުގެ ހޯލުން ނަގުދު ފައިސާއާއި ކާޑު މެދުވެރިކޮށް ވެސް ޒަކާތް ބަލައިގަތެވެ. މީގެ އިތުރުން ގޮވާމުން ޒަކާތް ދެއްކުމުގެ އިންތިޒާމު ވެސް ހަމަޖެއްސި އެވެ.

މުޅި ނިޒާމު ޑިޖިޓަލް ޕްލެޓްފޯމެއްގެ ތެރެއިން ހިންގުމުގެ ސަބަބުން، ލިބޭ ފައިސާ ދުވަހުން ދުވަހަށް ބެލެހެއްޓުނު ކަމަށާއި، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ހައްގުވެރިންނަށް އިންސާފުވެރިކަމާ އެކު ޒަކާތް ފޯރުކޮށްދެވުނު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.