އީރާނުގެ ސައުތު ޕާސް ގޭސް ފިލްޑަށް އިޒްރޭލުން މިރޭ ހަމަލާ ދިނުމުން ބަދަލުހިފުމުގެ ގޮތުން ގަތަރުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ގޭސް އުފައްދާ ކާރުހާނާއަށް ބޮޑު ހަމަލާއެއް ދީފި އެވެ.

ގަތަރުގެ ރަސް ލައްފާންގައި ހުންނަ މި ކާރުހާނާއަށް އީރާނުން މި ހަމަލާއާއެކު ދުނިޔޭގެ ބާޒާރުގައި ގޭހާއި ތެލުގެ އަގު ވަނީ ކުއްލިއަކަށް އުފުލިފަ އެވެ.

އީރާނުގެ އައިއާރުޖީސީން ބުނީ އެ ގައުމުގެ ތެލާއި ގޭހުގެ ކާރުހާނާތަކަށް ދިން ހަމަލާއާ ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާ އާ ގުޅުން ހުރި ތެލާއި ގޭސް އުފައްދާ ތަންތަން އަނދައި އަޅިއަށް ހަދާލާނަން ކަމަށެވެ.

އީރާނުން ދިން ހަމަލާތަކުގެ ސަބަބުން ގަތަރުގެ ތެލުގެ މައި މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. މީގެ ކުރިން އިޒްރޭލުން ވަނީ ގަތަރާ ހިއްސާކުރާ އީރާނުގައި ދުނިޔޭގެ އެންމެ ބޮޑު ބޮޑު ގޭސް ފީލްޑަކަށް ހަމަލާ ދީފަ އެވެ.

ގަތަރުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ގޭސް އުފައްދާ ކާރުހާނާ. އީރާނުން މިރޭ ވަނީ މިތަނަށް މިސައިލުން ހަމަލާދީފައި.

ގަތަރުގެ ފޮރިން މިނިސްޓްރީން ވަނީ އިޒްރޭލާއި އީރާނުން ދިން ހަމަލާތައް ކުށްވެރިކޮށްފަ އެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީން ބުނީ އީރާނުން އެ ގައުމަށް ހަމަލާ ދިނުމާ ގުޅިގެން، އެ ގައުމުގެ އެމްބަސީގައި ތިބި އޮފިޝަލުން 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން ފުރައިގެން ދިއުމަށް އަންގާފައިވާ ކަމަށެވެ.

ފައިނޭންޝަލް ޓައިމްސް އިން ބުނާ ގޮތުގައި ދުނިޔޭގެ ލިކުއިފައިޑް ނެޗުރަލް ގޭހުގެ ފަސް ބައިކުޅަ އެއްބައި އާންމުކޮށް އެތެރެކުރަނީ ރަސް ލަފާން އިންނެވެ. މި ޕްލާންޓް ހިންގަނީ އެކްސޮން މޮބިލް، ޝެލް އަދި ޓޯޓަލް އެނާޖީސް އެވެ.

ގަތަރު އެނާޖީ އިން ބުނީ ރާސް ލަފާން ސަރަހައްދަށް އެތައް މިސައިލަކުން ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

ގަތަރު އެނާޖީ އިން ބުނީ މި ހަމަލާތަކުގައި އެ ކާރުހާނާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އީރާނުން ބަދަލު ހިފުމުގެ ގޮތުން ވަނީ ބަހުރެއިންގެ ގޭސް ކާރުޚާނާއަށާއި ސައުދީ އަރަބިއްޔާގެ އަރަމްކޯގެ އެންމެ ބޮޑު ތެޔޮ އުފައްދާ ކާރުހާނާ އަށް ހަމަލާދީފަ އެވެ. އީރާނުން ބުނީ ސައުދީ އަރަމްކޯގެ ކާރުހާނާއަށް ހަމަލާދިނީ އީރާނަށް ހަމަލާ ދޭ އެމެރިކާގެ މަތިންދާބޯޓުތަކަށް ތެޔޮ އަޅަނީ އެތަނުން ކަމަށްވާތީ ކަމަށެވެ.