ތައިބާ މިސްކިތް ކައިރީގައި ހުރި ކެމިކަލް ގުދަނެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތަރު ގެއަކުން 32 މީހަކު އިވެކުއޭޝަން ސެންޓަރަށް ވަގުތީ ގޮތުން ގެންގޮސްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ "ޕްރައިމް ގޯޑައުން" ކިޔާ ގުދަނެއްގަ އެވެ. ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އެ ސަރަޙައްދުގައި ދުމުގެ އަސަރާއި ކެމިކަލް ވަހުގެ އަސަރު ވަނީ ބޮޑަށް ފެތުރިފަ އެވެ.

މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭގެ އިވެކުއޭޝަން ސެންޓަރު ގާއިމް ކޮށްފައި ވަނީ ސޯޝަލް ސެންޓަރުގަ އެވެ.

މާލޭގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއްގައި މިރޭ ރޯވެ އަނދައި ހުލިވެފައި. މި ހާދިސާއާ ގުޅިގެން ގުދަން ހުރި ސަަރަހައްދުގެ 4 ގެޔަކުން 32 މީހުން ވަނީ ސޯޝަލް ސެންޓަރުގައި ގާއިމްކޮށްފައިވާ އިވެކިއުއޭޝަން ސެންޓަރަށް ގެންގޮސްފައި. ފޮޓޯ: އެންޑީއެމްއޭ

ރޯވެފައި ވަނީ ގަސް ކާނާ އާއި އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކާ ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގަ އެވެ.

އެ ކުންފުނީގެ މުދަލުގެ 80 ވަރަކަށް ޕަސެންޓް ރައްކާކޮށްފައި ހުރީ އެތަނުގަ އެވެ.

އެތަނުގައި ރޯވުމުން ވަރަށް ގަދަޔަށް އެތަނުގައި ރޯވެ، ހުޅުގަނޑު ފަޅައިގެން ގޮސް އެކި ކަހަލަ ގޮވުންތަކުގެ އަޑުވެސް އެ ސަރަހައްދުން އިވުނެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އޮފިސަރަކު ވިދާޅުވީ މިރޭ 10:00 ހާއިރު އެތަނަށް ގޮސްފައި ވަނީ ގުދަނުން ދުންއަރާ ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ.

އެކަމަކު ފަޔާ އެންޑް ރެސްކިއުގެ ފުރަތަމަ ވެހިކަލް ދިޔައިރު ވެސް މުޅި ގުދަނުގައި އޮތީ ރޯވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއްގައި މިރޭ ރޯވެ އަނދައި ހުލިވެފައި. މި ހާދިސާއާ ގުޅިގެން ގުދަން ހުރި ސަަރަހައްދުގެ 4 ގެޔަކުން 32 މީހުން ވަނީ ސޯޝަލް ސެންޓަރުގައި ގާއިމްކޮށްފައިވާ އިވެކިއުއޭޝަން ސެންޓަރަށް ގެންގޮސްފައި. ފޮޓޯ: އެންޑީއެމްއޭ

އެހެންވެ، އެ ސަރަހައްދަށް އިތުރު ވެހިކަލްތައް ގެނެސް، އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އައީ ގޯޑައުންގައި ދުން އަރާކަމުގެ މައުލޫމާތު ލިބިގެން. ފުރަތަމަ ވެހިކަލް އައިއިރު ވެސް މުޅި ގޯޑައުންގައި ހުރީ ރޯވެފައި. ހަމަ އެއާ އެއްކޮށް އިތުރު ވެހިކަލްތަކާ އެއްކޮށް އަޅުގަނޑުމެން އައިސްފައި އޮޕަރޭޝަން މި ކުރިއަށް ގެންދަނީ،" އޭނާ ވިދާޅުވި އެވެ.

އޮފިސަރު ވިދާޅުވި ގޮތުގައި ގުދަން ކައިރީގައި ހުރި ހަތަރު ފަސް ގެއަކުން މީހުން ހުސްކުރަން ޖެހުނެވެ.

ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާއިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު ދަގަނޑާއި ޓިނު ފަދަ ތަކެތިން ހަދާފައިވާ ގުދަން އޮތީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ނަމަވެސް އަލިފާން އެހެން ތަނަކަށް ފެތުރިފައެއް ނުވެ އެވެ.

މިވަގުތު ވެސް އެ ސަރަޙައްދުގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރުމާއެކު އަލިފާން ރޯވި ސަރަޙައްދަށް މީހުން އެއް ނުވުމަށާއި، ކައިރި ގޭބިސީތަކުން ވެސް ދުމުގެ އަސަރު ނުކުރާނެހެން ދޮރުތައް ލެއްޕުމަށް އެންޑީއެމްއޭ އާއި އެޗްޕީއޭއިން ވެސް ވަނީ އިލްތިމާސް ކުރެ އެވެ.