އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުގެ ނެޝަނަލް ކައުންޓާޓެރަރިޒަމް ސެންޓަރުގެ ވެރިޔާ ޖޯ ކެންޓް، އީރާނާ ދެކޮޅު ހަނގުރާމައާ ގުޅިގެން މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.
ތިންވަނަ ހަފުތާއަށް ދެމިގެންދާ މި ހަނގުރާމައާ ގުޅިގެން ޓްރަމްޕު ސަރުކާރުން އިސްތިއުފާ ދެއްވި ފުރަތަމަ އިސް އޮފިޝަލަކީ ކެންޓެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރި ސިޓީއެއްގައި ކެންޓް ވިދާޅުވީ އީރާނާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމައަށް ތާއީދުކުރުމަކީ އޭނާގެ ޒަމީރު ތަންދޭ ކަމެއް ނޫން ކަމަށާއި އީރާނުން އެމެރިކާއަށް ވަގުތުން ނުރައްކަލެއް ކުރިމަތިކޮށްފައި ނުވާކަމަށެވެ. އަދި މި ހަނގުރާމަ ފެށީ އިޒްރޭލާއި އެ ޤައުމުގެ ބާރުގަދަ ލޮބީގެ ޕްރެޝަރުގެ ސަބަބުން ކަން ސާފު ކަމަށް އޭނާ ވިދާޅުވި އެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލީން ލެވިޓް ވިދާޅުވީ ކެންޓްގެ ސިޓީގައި ދޮގު ވާހަކަތައް ހިމެނޭ ކަމަށެވެ. "ރައީސް ޓްރަމްޕް ވަރަށް ސާފުކޮށް ވިދާޅުވެފައިވާ ފަދައިން، އީރާނުން އެމެރިކާއަށް ފުރަތަމަ ހަމަލާ ދޭން އުޅޭ ކަމުގެ ވަރުގަދަ އަދި ޤަބޫލުކުރެވޭ ހެކި އެމަނިކުފާނަށް ލިބިވަޑައިގެންފައިވޭ" ކަމަށް ލެވިޓް ވިދާޅުވި އެވެ.
ކެންޓް ވިދާޅުވީ ޖޫން 2025 އާ ހަމައަށް ވެސް، މެދުއިރުމަތީގެ ހަނގުރާމަތަކަކީ އެމެރިކާގެ އެތައް ފުރާނައެއް ގެއްލި، ގައުމުގެ މުއްސަނދިކަން ނެތިގެންދާ މަޅިއެއް ކަމަށް ޓްރަމްޕް ގަބޫލުކުރެއްވި ކަމަށެވެ. ނަމަވެސް އިޒްރޭލުގެ އިސް އޮފިޝަލުންނާއި އެމެރިކާގެ މީޑިއާތަކުން ފެތުރި ދޮގު މައުލޫމާތުތަކެއްގެ ސަބަބުން، ޓްރަމްޕްގެ ސިޔާސަތު މުޅިން ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

44 އަހަރުގެ ޖަލު ހުކުމް އަންނަ ދައުވާތަކެއް ސަނީ އުމަރަށް ކޮށްފި
ޖިއްދާގައި ރަމަޟާން މަހުގެ ތަޖުރިބާ ވަރަށް ތަފާތު!
އަލިފާނުގެ ހާދިސާއަށް 6 ދުވަސް ފަހުން ތަހުގީގުކުރަން އަންގަވައިފި