4 އެޕްރީލްގައި ބާއްވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާއި އެ ވޯޓުގެ އިޖުރާއަތާ ގުޅޭ ގޮތުން އާންމު ރައްޔިތުންނަށް އޮޅޭ ގޮތަށް މަޢުލޫމާތު ފަތުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ވޯޓަކީ ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވަން ރައްޔިތުންނަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ވޯޓެއް ކަމަށެވެ. އެ ބިލަކީ ރައްޔިތުންގެ މަޖިލީހުން 10 ފެބުރުވަރީ 2026 ގައި ފާސްކޮށް، ލޯކަލް ކައުންސިލް އިންތިޚާބާ އެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޯޓެކެވެ.

ސަރުކާރުން ބުނީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަކި މާއްދާތަކެއް އިސްލާހުކުރާ ނަމަ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުން ލާޒިމުވާ ކަމަށެވެ. މި ބިލުގައި އިސްލާހުކުރެވެނީ ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ކަމަށްވާތީ، އެ ބިލު ތަސްދީޤުކޮށް އަމަލުކުރެވޭނީ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންނަށް ފެނިގެން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި އެކަށައަޅުއްވާފައިވާ ސުވާލަކީ "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މި ސުވާލެވެ.

ސަރުކާރުން ބުނީ ރައީސުލްޖުމްހޫރިއްޔާ 16 ފެބުރުވަރީ 2026 ގައި ނެރުއްވި ޤަރާރު ނަންބަރު 2/2026 އާއި މި ވޯޓާ ގުޅިގެން ސަރުކާރުން މިހާތަނަށް އަމަލުކޮށްފައިވާނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

މި ވޯޓާ ގުޅިގެން، އެ ވޯޓު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ވަނީ މިއަދު ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލާގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރާއި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި އޮތް ސުވާލުގައި، ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ޤާނޫނުއަސާސީގައި ހިމެނި މާއްދާތަކުގެ އިމުގެ ބޭރުން ކަންކަން ހިމަނާފައިވާ ކަމަށެވެ.