މެދުއިރުމަތީ ހަނގުރާމަ ދިގުލައިގެން ހިނގައިދާނެ ކަމުގެ ބިރަށް، ތެލުގެ ރިޒާވް ސަލާމަތް ކުރުމުގެ ގޮތުން ސްރީލަންކާ ސަރުކާރުން ހަފުތާއަކު ހަތަރު ދުވަހު މަސައްކަތް ކުރާ ގޮތަށް ނިންމައިފި އެވެ.

ދުނިޔޭގެ ތެޔޮ ބޭރުކުރުމުގެ 20 އިންސައްތަ ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅި، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ބަދަލު ހިފުމެއްގެ ގޮތުން އީރާނުން ވަނީ ބަންދުކޮށްފަ އެވެ. މި ހަނގުރާމައަށް މިހާރު ތިން ހަފުތާ ވެއްޖެ އެވެ.

ސްރީލަންކާގެ ކޮމިޝަނާ ޖެނެރަލް އޮފް އެސެންޝަލް ސާވިސަސް ޕްރަބާތު ޗަންދްރަކީރްތީ ބުނީ ބުދަ ދުވަހުން ފެށިގެން ސަރުކާރުގެ މުއައްސަސާތައް ހަފުތާއަކު ހަތަރު ދުވަހު ހިންގާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. މި ފިޔަވަޅު ސްކޫލްތަކާއި ޔުނިވާސިޓީތަކަށް ވެސް ހިނގާނެ ކަމަށާއި، ވަކި މުއްދަތެއް ނެތި މި ފިޔަވަޅު ދެމިއޮންނާނެ ކަމަށް އޭނާ ބުންޏެވެ.

"ކޮންމެ ބުދަ ދުވަހެއް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް ޕްރައިވެޓް ސެކްޓާގައި ވެސް އަޅުގަނޑުމެން މި އެދެނީ،" ރައީސް އަނޫރާ ކުމާރާ ދިސާނާޔަކެ ރިޔާސަތު ބެލެހެއްޓެވި ކުއްލި ބައްދަލުވުމަށް ފަހު ޗަންދްރަކީރްތީ ނޫސްވެރިންނަށް ބުންޏެވެ.

ބައްދަލުވުމުގައި ބައިވެރިވި އޮފިޝަލަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އެންމެ ގޯސް ހާލަތަށް ތައްޔާރުވެ، އެންމެ ރަނގަޅު ގޮތަށް އުންމީދު ކުރަންޖެހޭ ކަމަށް ދިސާނާޔަކެ ވިދާޅުވި އެވެ.

ހޮސްޕިޓަލްތަކާއި ބަނދަރުތަކާއި އެމެޖެންސީ ޚިދުމަތްތައް ފަދަ ޒަރޫރީ ޚިދުމަތްތައް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށް ވެސް ރައީސް ދިސާނާޔަކެ ވިދާޅުވި އެވެ. މީގެ އިތުރުން ސަރުކާރުގެ ހުރިހާ ރަސްމީ ހަފުލާތައް ހުއްޓާލައި، ތެޔޮ ބޭނުންކުރުން މަދުކުރުމަށް ސިވިލް ސާވެންޓުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ވެސް ސަރުކާރުން ވަނީ އެދިފަ އެވެ.

ސްރީލަންކާއަކީ ބޭނުންވާ ހުރިހާ ތެލެއް އެތެރެކުރާ ޤައުމެކެވެ. އާދީއްތަ ދުވަހުން ފެށިގެން ތެޔޮ ލިމިޓް ކުރަން ފަށާފައިވާއިރު، ކޮންމެ ވެހިކަލަކަށް ހަފުތާއަކު 15 ލީޓަރުގެ ޕެޓްރޯލް ނުވަތަ ޑީސެލް ލިބޭނެ އެވެ. ޕަބްލިކް ޓްރާންސްޕޯޓަށް 200 ލީޓަރާ ހަމައަށް ދޫކުރެ އެވެ. އޮފިޝަލުން ބުނާ ގޮތުގައި ލަންކާގެ ޕެޓްރޯލް އަދި ޑީސެލް ރިޒާވް ގާތްގަނޑަކަށް ހަ ހަފުތާއަށް ފުދޭނެ އެވެ. ނަމަވެސް އައު ސަޕްލައި ލިބުމަށް ހުރަސް އެޅިއްޖެ ނަމަ ސީރިއަސް އަސަރުތަކެއް ކުރާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

ސްރީލަންކާއަށް ރިފައިންޑް ޕެޓްރޯލިއަމް އެތެރެކުރަނީ ސިންގަޕޫރު، މެލޭޝިޔާ އަދި ދެކުނު ކޮރެއާއިންނެވެ. އީރާނުން ބިނާކޮށްފައިވާ ރިފައިނަރީއަށް ބޭނުންވާ ސާފުނުކުރާ ތެޔޮ ގެންނަނީ މެދުއިރުމަތިންނެވެ. ސްރީލަންކާ ސަރުކާރުން ބުނެފައިވާ ގޮތުގައި މެދުއިރުމަތީ ހަނގުރާމަ ހޫނުވެ ދިގުލައިގެން ހިނގައްޖެ ނަމަ 2022 ވަނަ އަހަރުގެ އިޤުތިޞާދީ ކާރިސާއިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ އެވެ. ސްރީލަންކާ ވަނީ 2022 ވަނަ އަހަރު 46 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ދެއްކުމުގައި ޑީފޯލްޓް ވެފަ އެވެ. އޭގެ ފަހުން އައިއެމްއެފްގެ 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖެއް ވަނީ ހޯދައިފަ އެވެ.