އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިތުރު ފަރުވާއަށް މާލެ ގެނައި ދެ މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ގޭސް ލީކުވެގެން އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 8 މީހަކު ފިހިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ. އަދި މި ހާދިސާގައި ފިހުނު މީހުންގެ ތެރެއިން 5 މީހަކު މަރުވެފައިވެ އެވެ.

މި ހާދިސާގައި އެންމެ ބޮޑަށް ފިހުނު ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށް ރޭ މާލެ ގެނެސް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އައިޖީއެމްއެޗުން ބުނީ މި ދެ މީހުންގެ ވެސް ހާލު ވަރަށް ސީރިއަސް ކަމަށާއި ދެ މީހުންނަށް ވެސް މިހާރު ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން މާލެއިން ހާއްސަ ތަހުގީގު ޓީމެއް ދިގުރަށަށް މިހާރު ގޮސްފައިވާ ކަމަށެވެ. އަދި މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ވެސް ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން ޕީއެސްއެމްއަށް ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ އަލިފާން ރޯވި އެކަމަޑޭޝަންގައި ދެ މީހަކު ދަންވަރު ކައްކަން އުޅެނިކޮށް ކަމަށާއި އެ ވަގުތު އެހެން މީހުން ތިބީ ގޭތެރޭގައި ނިދާފައި ކަމަށެވެ. ނަމަވެސް ހާދިސާ ހިނގި ގޮތާ ބެހޭ ގޮތުން ރަސްމީ މައުލޫމާތެއް އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަލިފާން ރޯވިކަމަށް ބުނެވެނީ ގޭސް ފުޅިއެއް ލީކުވެގެން ކަމަށް. މިހާރު ތަހުގީގު ޓީމުން މިރަށަށް އައިސް ތަހުގީގު ފަށާފައި މިވަނީ،" އުސްމާން ވިދާޅުވި އެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ދަންވަރު 2:00 ގަ އެވެ.