(ދެވަނަ ބައި) - ސްކޫލްގައި އުޅޭ މަދު ފިރިހެނުންގެ ތެރެއިން ރައްޔާން އަކީ ސެކަންޑްރީއަށް ކިޔައިވައިދޭން ދާ ހަމައެކަނި ފިރިހެން ޓީޗަރެވެ. ދެން ތިބީ މުޅިން ވެސް އަންހެން ޓީޗަރުންނެވެ. ރައްޔާންއަކީ ވެސް އަހަރެން ގޮތަށް އެހެން ރަށަކުން އައިސް އެ ސްކޫލްގައި މަސައްކަތް ކުރާ ޓީޗަރެކެވެ. މަސައްކަތަށް ކަމޭހިތާ އަޚުލާގު ރަނގަޅު ޓީޗަރެކެވެ. މީގެ އިތުރުން ރައްޔާންއަކީ މަޖާ މިޒާޖެއްގެ މީހެކެވެ. އަންހެންކުދިންގެ ހިތް ކަތިލާލާ ކަހަލަ ފިރިހެންވަންތަ އެތައް ސިފައެއް ރައްޔާންގެ ފަރާތުން ފާހަގަވާތީ އަންހެން ކުދިން ތިބެނީ ރައްޔާން އާހެދި މޮޔަވެފައެވެ. ހެދި ހުރި އިސްކޮޅާއި ފިރިހެންވަންތަ ކަސްރަތީ ހަށިގަނޑާއި ހުންނަ ސިއްރުވެރި ގޮތަކުން ގިނަ އަންހެން ކުދިން ރައްޔާން ސިފަ ކުރަނީ ޕްރިންސެއްގެ ގޮތުގައެވެ.
މަސައްކަތުގެ މާހައުލުގައި އަހަންނާ އެންމެ ގާތުން މަސައްކަތް ކުރާ އެކަކީ ވެސް ރައްޔާންއެވެ. ބައެއް ރޭރޭ ވަރަށް ދަން ވަންދެން ވެސް އަހަރެމެން މަސައްކަތް ކުރަން ތިބެމެވެ. ސްކޫލްގެ ކޮމްޕިއުޓަރ ތަކުންނެވެ. ނުވަތަ ފޮތް މާކުކުރުމަށެވެ. ނުވަތަ ބައެއްފަހަރު އެސެސްމެންޓް ތައްޔާރު ކުރުމަށެވެ. އެ ގޮތަށް ކިތަންމެ ގިނައިރަކު އަހަރެމެން ތިއްބަސް ބަޔަކު ޝައްކުގެ ނަޒަރަކުން ވިޔަސް އަހަރެމެނާ ދިމާއަށް ބަލައިނުލައެވެ. އެއީ އެ ސްކޫލްގެ ހުރިހާ ޓީޗަރުންނަކީ ވެސް ކިޔަވައިދިނުމުގެ މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރާ އެކުވެރި ބަޔަކަށް ވާތީއެވެ. އަދި ސްކޫލަކީ ބެލެނިވެރިންގެ އިޙުތިރާމާ އިތުބާރު ލިބިފައިވާ ތަނަކަށް ވާތީއެވެ.
އެރެއަކީ ވެސް މި ގޮތަށް އަހަރެމެން މަސައްކަތުގައި ތިބި އެއް ރެއެވެ. އަހަރެމެން ދެމީހުންގެ އިތުރުން އެހެން ދެ ޓީޗަރަކު ވެސް ތިއްބެވެ. ވާރޭ އޮއްސާލަން އެބައުޅެއޭ ބުނެ އެމީހުން ދާން ނުކުމެއްޖެއެވެ. އަހަރެމެން ވެސް އަވަސް ކޮށްލައިގެން ކުރަން ތިބި މަސައްކަތް ހުއްޓާލުމަށްފަހު ގެއާ ދިމާއަށް މިސްރާބު ޖެހީމެވެ.
މި ގޮތަށް ރޭގަނޑު ލަހުން ގެއަށް ދާން ދިމާވާ ރޭރޭ ދެމީހުން އެކަނި ވެއްޖިއްޔާ އަބަދުވެސް ރައްޔާން ދާނީ އަހަރެން ގެއަށް ލައިދީފައެވެ. ދުވަހަކު ވެސް ކަސިޔާނު އެއްވެސް ކަމެއް ކީއްކުރަން ބަހެއް ވެސް ބުނެ ނުލައެވެ. އެހެންކަމުން ރައްޔާންއަށް އަހަރެންގެ ހިތުގައި އުފެދެމުން ދިޔަ އިތުބާރާ، އިޙުތިރާމާ އެއްވަރަކަށް ނޭނގޭ ޝައުގުވެރިކަމެއް ވެސް އުފަންވަމުން ދިޔައެވެ.
މަގުމައްޗަށް ނިކުމެ ގެއާ ދިމާއަށް އަހަރެމެން މިސްރާބު ޖެހީ ވާރޭ ވެހިގަތުމުގެ ކުރިން އަވަހަށް ގެއަށް ދިއުމުގެ ބޭނުމުގައެވެ. އެހެން ނަމަވެސް ތަންކޮޅަކަށް ވެސް ނުދެވެނީސް ވާރޭ ވެހިގަތީ ގަދަވަޔާ ފެނާއެކުގައެވެ. ތެމުމުގެ ކުރިން ދެމީހުން ވެސް ދުވެ ގޮސް ވަނީ އެންމެ ކައިރީގައި ހުރި ގޭގެ އަސްކަނި ދަށަށެވެ. އޭރު ކޮންމެވެސް ވަރަކަށް ތިބީ ތެމިފައެވެ. ބައި ގަޑިއެއްހާއިރު ވީއިރު ވެސް ވާރޭ ހުއްޓައެއް ނުލައެވެ. އަހަރެން ހުރީ ހީކަރުވައިގެން ހަދާނެގޮތް ހުސްވެފައެވެ.
ގިނައިރު އެތާގައި ތިބެން ޖެހުމުން ތަފާތު މައުޟޫތަކަށް ވާހަކަ ދެކެވުނެވެ. އެކި ދަރިވަރުންގެ އުޅުމާ ކިޔެވުމާ ގުޅޭ ގޮތުންނެވެ. ސްކޫލްގެ ބައެއް ކަންކަމާ ބެހޭ ގޮތުންނެވެ. އަދި ދެން ދެމީހުންގެ އާއިލާއާ ބެހޭ ގޮތުން ވެސް މެއެވެ.
އަހަރެންނާ ބެހޭ ގޮތުން މާގިނަ މައުލޫމާތުތަކެއް އެކަކަށް ވެސް އަހަރެން ކިޔައި ނުދެމެވެ. އެހެންނަމަވެސް އެރޭ ފުރަތަމަ ފަހަރަށް އަހަރެންގެ މާޒީ ރައްޔާންގެ ކުރިމަތީ ހުޅުވައިލީމެވެ. މަންމަ އަހަރެން ވަރަށް ކުޑައިރު ނިޔާވެފައިވާ ވާހަކައާ ދޮންމަންމަ ރަނގަޅު ވާހަކަ ވަރަށް ކުރުކޮށް ކިޔައިދިނީމެވެ. އަދި ޢާއިލާގައި މީހުން ތިބި ވަރު ވެސް ކިޔައި ދިނީމެވެ. އަދި މީހަކާ ނީންނަންތޯ ރައްޔާން އެހުމުން އަހަރެން ވަރަށް ލަދު ގަތެވެ.
"މީހަކާ އިނދެވޭނީ ފުރަތަމަ މީހަކާ ރައްޓެހި ވެސް ވެވިގެނެއްނު!" ކުޑަކޮށް ހީނލަމުން ލަދުވެތިކަމާ އެކު އަހަރެން ބުނީމެވެ.
"އޯހް!"
އެވަގުތު ރައްޔާން މަޑުމަޑުން ބުނެލި އަޑު ވެހެމުންދިޔަ ވާރޭގެ ތެރެއިން ވެސް އަހަންނަށް އިވިގެން ދިޔައެވެ. އެންމެންވެސް ހީކޮށްގެން ތިބޭނީ އަހަންނަކީ ވެސް އެހެން އަންހެންކުދިން ފަދައިން ލޯބިވެރިއަކު ގެންގުޅޭނެ މީހެއް ކަމަށެވެ. އެކަން އަހަންނަށް އެނގެއެވެ.
އަހަންނަށް ރައްޔާންގެ މޫނަށް ބަލައިލެވުނެވެ. އަހަރެންގެ މި ހަރަކާތުން ރައްޔާން ވެސް އަހަންނަށް ބަލައިލުމަށްފަހު ހީނލިއެވެ. އަދި ރައްޔާންގެ ނަޒަރު އަހަރެންގެ ލޮލުން ތިރިއަށް ފައިބައިގެން ދިޔަތަން އަހަންނަށް ފެނުނެވެ. ރައްޔާންގެ އެ ބަލައިލުމުން އަހަންނަށް ލަދުވެތިކަން އިހުސާސްވެ އިސްދަށަށް ޖަހައިލެވުނެވެ. އަދި ދެން އޭގެ ފަހުން މާގިނަ ވާހަކައެއް އަހަރެން ވެސް ރައްޔާން ވެސް ނުދައްކައެވެ. ވާރޭ ހުއްޓާނުލާތީ ދެމީހުން ވެސް އެކަމާމެދު ވިސްނީ ކަމަށް ވެސް ވެދާނެއެވެ. ގައިމު އަހަރެން ވިސްނީ އެކަމާއެވެ.
އެރެއަށްފަހު ދެ ދުވަސް ފާއިތުވެދިޔަ ފަހުން އެއްދުވަހަކު އަހަންނަށް ލިބުނީ ރައްޔާންގެ ވައިބަރ މެސެޖެކެވެ. އޭގައި އަހާފައި އޮތީ ރައްޔާންއާ ރައްޓެހި ވެދާނަންތޯއެވެ. އޭރު އަހަރެންގެ ހިތުގައި ރައްޔާންއަށްޓަކައި ޖަހަމުން ދިޔަ ވިންދު އިތުރުވެ އެ ވިންދުގެ އަޑު ބާރުވަމުން އައިކަން ޚުދު އަހަންނަށް އިހުސާސްވަމުން ދިޔައެވެ. އޭގެ ކުރިން މިފަދަ އެއްވެސް އިހުސާސެއް އަދި ޖަޒުބާތެއްގެ ތަޖުރިބާ ކުރެވިފައި ނުވާ އަހަރެން ހުންނަނީ ރައްޔާ ދެކޭ ހިތްވެފައެވެ. ރައްޔާން ފެނިއްޖިއްޔާ ލަދުން ހަތަރުކަޅި ހަމަ ކުރަން ނުކެރިފައެވެ. ނުފެނި ގިނަ އިރުވެއްޖެއްޔާ ކޮބައިތޯ އަހަރެންގެ ނަޒަރު ހޯދައެވެ. އެހެން ނަމަވެސް ޖަވާބެއް ދިނުމުގެ ކުރިން އަހަރެން ވިސްނާލަން ދުވަސްކޮޅެއް ބޭނުން ކަމުގައި ބުނީމެވެ.
ރައްޔާން ހަފުތާއެއް ދިނެވެ. އެއް ހަފުތާ ބޭނުންކަމަށް އަހަރެން ބުނީ އެއް ގޮތަކަށް ވެސް އެއް ހަފުތާ ބޭނުންވާތީކީ ނޫނެވެ. މާ އަވަހަށް ހިތުގެ ހާލުގެ މައްޗަށް ލަގަން ދޫކޮށް ނުލާން ވެގެންނެވެ. އަހަރެން އެއްވެސް ވަރަކަށް ރައްޔާންއާ މެދު ވިސްނާކަން ނާންގަން ވެގެންނެވެ. ހަގީގަތަކީ ރައްޔާންގެ އެ ހުށަހެޅުމަކީ އަހަރެން ލޮލުން ބޮލުން އެދިގެން ހުރި ހުށަހެޅުމެއް ކަމެވެ.
އެކަމަކު ވެސް އެ އެއް ހަފުތާ ތެރޭ އަހަރެން ނިންމާނެ ގޮތަކާމެދު ވަރަށް ވިސްނީމެވެ. އަހަރެންގެ އުމުރުން ވެސް މިހާރު މީހަކާ އިންނަ ހިސާބަށް ހިނގައްޖެއެވެ. މީހަކާ އިނދެގެން ދަރިފަސްކޮޅެއް ބިނާކުރުމުގެ އުންމީދު އަހަރެންގެ ވެސް އޮވެއެވެ. ވިސްނާ ވިސްނާ ރައްޔާންގެ ފަރާތުން އުނި ސިފައެއް އަހަންނަކަށް ނުފެނުނެވެ. އޭގެ ބަދަލުގައި އަހަރެންގެ ހިތުގައި އޮތް ޝައުގުވެރިކަން އިތުރުވެ ލޯތްބޭ މިކިޔާ ޖަޒުބާތު އުފަންވެ ކުރިލާ ހެދެމުން ދިޔައެވެ. އެހެންކަމުން އަހަރެން އާނއެކޭ ބުނެ ރައްޔާންއަށް ޖަވާބު ދިނީމެވެ.
"އަހަރެން އާއެކޭ ބުނެފިއްޔާ؟" އަހަރެންގެ ޖަވާބު އަހަރެން ދިނީ އެއްރޭ ނިދަން އޮށޯވެއެވެ. ރައްޔާން ހޭލާ އުޅޭކަން އެނގޭތީއެވެ.
"ވަރަށް އުފާވާނެ! ބަދަލުގައި އަހަރެންގެ ފަރާތުން ދުނިޔޭގެ ހުރިހާ އުފަލެއް ޝިބާއަށް ހޯދައި ދޭނަން!" ރައްޔާންގެ ޖަވާބު ލިބުނީ އަހަރެން ހީކުރި ވަރަށް ވުރެން ވެސް އަވަހަށެވެ.
ރައްޔާން ހުރީ ވަރަށް އުފަލުންނެވެ. އަހަރެންގެ ހުރިހާ ކަމަކަށް އަޅާލާ އެހީތެރިވެދެއެވެ. ފިރިއަކު ފަދައިންނެވެ. އަހަރެން ވެސް ހުރީ އުފަލުންނެވެ. އަހަރެމެން ދެމީހުން ރައްޓެހިވެގެން އުޅޭކަން ސްކޫލްގެ އެންމެންނަށް ވެސް އޭރު އެނގެއެވެ. އެހެން ނަމަވެސް ޕްރިންސިޕަލާ ހަމައަށް މި ވާހަކަ ދިޔަ ދުވަހު ޕްރިންސިޕަލް އަހަރެން ބަލާ ފޮނުއްވިއެވެ. އަހަރެން ދިޔުމުން ފުރަތަމަ ސުވާލުކުރެއްވީ ސްކޫލާ ބެހޭ ގޮތުންނެވެ. ހިތްހަމަ ޖެހޭތޯއާ ދަތިކަމެއް އޮތްތޯ ވެސް އެއްސެވިއެވެ. އަދި އަންނަ އަހަރު ވެސް އެ ސްކޫލްގައި މަސައްކަތް ކޮށްދިނުން އެދޭ ކަމަށާ އަހަރެންގެ މަސައްކަތާ ދޭތެރޭ މުޅި ސްކޫލް ފަޚުރުވެރިވާ ކަމަށްވެސް ބުނުއްވިއެވެ.
ކުރިން ވާހަކަ ދެއްކި މައުޟޫއު ނިންމާލަމުން ޕްރިންސިޕަލް އަހަރެންގެ މޫނަށް ފުންކޮށް ބައްލަވައިލެއްވިއެވެ. އަދި ދެން އެއްޗެކޭ ވިދާޅު ނުވެ އިންނެވުމަށްފަހު އެއްސެވީ ރައްޔާންއާ ރައްޓެހިވެގެން އުޅޭވާހަކަ އަޑު އެހިކަމަށާ އެއީ ތެދެއްތޯއެވެ. އަހަރެން ރަކި ހިނިތުންވުމަކާއެކު ބޯޖަހައިލީމެވެ.
"ޝިބާއަށް ރައްޔާން އެނގެނީ ކިހާވަރަކަށް!"
ދެން ވެސް ޕްރިންސިޕަލް ހަމަ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރެއްވިއެވެ. ސީދާ އަހަރެންގެ މޫނަށް ބައްލަވަން އިންނަވައެވެ.
"ވަރަށް ރަނގަޅަށް އެނގޭ! ރައްޔާންގެ ހުރިހާ ކަމެއް އަޅުގަނޑަށް އެނގޭ! ރައްޔާން ކިޔައިދިން!"
އަހަރެން ބުނީ ހުރިހާ އެއްޗެއް ވެސް ރައްޔާން ކިޔައިދިންކަމަށާ ރައްޔާންއާ ވަރަށްބޮޑަށް ރުހެވޭ ކަމަށެވެ. އަހަރެންގެ ވާހަކަ އަޑުއެއްސެވުމަށްފަހު ޕްރިންސިޕަލް އިތުރަށް އެއްވެސް އެއްޗެއް ނުބުނުއްވައެވެ. އަދި އަހަރެން ދިއުމުގެ ހުއްދަ ދެއްވިއެވެ. ރައްޔާންއަށް އަހަރެން އިތުބާރު ކުރާވަރު އެނގިލެއްވުމުން އިތުރަށް ދައްކާނެ ވާހަކައެއް ނެތީ ކަން ނޭނގެއެވެ.
ރައްޔާންއާ އަހަރެންގެ ލޯބީގެ ގުޅުން ބަރާބަރަށް ކުރިއަށް ދިއައެވެ. އަހަރެން ކައިފިތޯ ކޮންމެ ވަގުތަކު އަހައެވެ. ރަނގަޅަށް ނިދުނުތޯ ކޮންމެ ދުވަހަކު ހެނދުނު އަހައެވެ. މަސައްކަތުގައި މާބުރަކޮށް ނޫޅުމަށް ނަސޭހަތް ދެއެވެ. ސިއްހަތަށް ސަމާލުވުމަށާ ބަލިވެއްޖިއްޔާ ލަސްނުކޮށް ޑޮކުޓަރަށް ދާން ހަނދާން ކޮށްދެއެވެ. މިފަދަ ގާތްކަމަކާ އަޅާލުމަކާ ލޯތްބެއް ކުރިއަކުން އެއްވެސް މީހެއްގެ ފަރާތުން އަހަންނަށް ލިބިފައި ނެތުމުން އަހަރެންގެ ހިތާ ފުރާނައިން ރައްޔާންއަށްޓަކައި ފިދާވެވެމުން ދިއައެވެ. ރައްޔާން ދެކެ ވެވެމުން ދިޔަ ލޯބި އެއީ އަހަރެންގެ މުޅި ދުނިޔެކަމުގައި ވެ ނިމިއްޖެއެވެ.
އަހަންނާ ރައްޔާންގެ ލޯބީގެ ބަގީޗާގައި ރެއަކާއި ދުވާލު އެތައް މަލެއް ފަރިވެ ފޮޅެމުންދެއެވެ. އެބަގީޗާގައި ފޮޅޭ ކޮންމެ މަލަކީ ކުލަ ރީތި ވަސްމީރު މަލެކެވެ. އެއްވެސް ބަޅިނދެއް ކޮކާލެއްގެ އުނދަގުލެއް އެއިން މަލަކަށް ނުފޯރައެވެ. މިފަދަ ހުވަފެނީ ދުނިޔެއެއްގައި އަހަރެމެން އުޅެއުޅެ ތިބިއިރު އަހަރު ނިމިގެން ދިޔައީ ކިހިނެއް ކަމެއް ވެސް އަހަރެމެނަކަށް ރޭކާލީހެނެއް ހިއެއްނުވެއެވެ.
އެއްރެއެކެވެ. އެރެއަކީ ސްކޫލް ވެސް ބަންދުވުމާއެކު އޭގެ ފަހުދުވަހު ރައްޔާން މަންމަ މާބޮޑަށް ބަލިވެއުޅޭތީ މަންމަ ގޮވައިގެން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމަށް މަންމަ ބަލާ ރަށަށް ދާން އޮތް ދުވަހުގެ ކުރީރެއެވެ. އެ ދަތުރުގެ ވާހަކަ ރައްޔާން އައީ މާކުރިން ވެސް ބުނަމުންނެވެ.
އެރޭ ތަންކޮޅެއް ގިނައިރު ދެމީހުން ވަގުތު ހޭދަކުރަން ނިންމާ އަހަރެން އުޅޭ ގެއަށް ރައްޔާން އައެވެ. އެއީ އެގެއިން އަހަރެމެން ބައްދަލުކުރި ފުރަތަމަ ފަހަރެވެ. އެހެންނޫނީ މުޅިން ވެސް އަހަރެމެން ބައްދަލު ކުރަމުން އައީ ސްކޫލުންނެވެ. ރައްޔާން އުޅޭ ގެއަށް އަހަރެން އައުމަށް ރައްޔާން ކިތަންމެ ވަރަކަށް ވެސް ދަޢުވަތު ދެއެވެ. އެހެންނަމަވެސް އެ ގޮތާ އަހަރެން ހިތްހަމަ ނުޖެހޭތީ ނުދަމެވެ. ރައްޔާން ވެސް އަހަންނަށް އިތުރަކަށް ބާރެއް ނާޅައެވެ.
މިރޭ އެކުގައި ގިނަ ވަގުތު ހޭދަކުރަން ބޭނުންވާތީ ރައްޔާންއަށް އަހަރެން އުޅޭ ގެއަށް އަންނަން ފުރުސަތު ދިނީއެވެ. ރައްޔާންގެ ވެސް އެދުމަށް ޚުދު އަހަންނެވެ. އަހަރެން އުޅޭ ގެއަށް ރައްޔާން ގެނައުން އެއީ އަހަރެން އެހާ ކުރާހިތްވާ ކަމަކަށް ނުވިއަސް ހާލަތުގެ ގޮތުން މި ފަހަރު އެކަން އެހެންކުރީއެވެ.
ރައްޔާން ގެއަށް އައީ އެގޭ މީހުން ކައި ނިމިގެން ކުދިވެރިން ކޮޓަރިއަށް ވެސް ވަންފަހުންނެވެ. އެއީ އަހަރެން ބޭނުންވި ގޮތެވެ. އަހަރެމެން ދެމީހުންގެ ދެމެދު އޮތް ގުޅުން ކުދިންނަށް އެނގޭކަށް އަހަރެން ނޭނދޭތީއެވެ. ރައްޔާންއަށް އެގެއަށް އައުމަށް އަހަރެން ދަޢުވަތު ދިނުމުގެ ކުރިން އެގޭ މަރީދައްތަ ގާތުން ހުއްދަ ހޯދީމެވެ. މިއީ މިގޮތަށް އަހަރެން މިކަހަލަ ކަމެއްގައި ހުއްދައަށް އެދުނު ފުރަތަމަ ފަހަރަށް ވެފައި އަހަރެމެން އުޅެނީ ރައްޓެހިވެގެންކަން މަރީދައްތަ އަށާ މަރީދައްތަ ފިރިމީހާ، ޔޫޝައުއަށް ވެސް އެނގޭތީ އެ ދެމީހުންގެ ހުއްދަ ލިބުނެވެ. --ނުނިމޭ

"ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ދޭން އެދުނު"
ދުނިޔޭގެ ތާރީހުގައި ތައްޔާރު ކުރެވުނު އެންމެ ދިގު ރޯދަ ސުފުރާ!
ރޯދަ މަލާފަތް: އިހު ދިވެހިންގެ ސާގު ކަނދި ރޯދަ ސުފުރާތަކަށް!