މޮރިޝަސްގެ ސިޔާދަތީ ބާރު ޗާގޯސް ރަށްތަކުގެ މައްޗަށް ނެތް ކަމަށާއި އެ ޖަޒީރާ ލިބެން ޖެހޭނި ރާއްޖެއަށް ކަމަށް ދިވެހި ސަރުކާރުން ބުނާތީ މޮރިޝަސްއިން ރާއްޖެއާ އެކު ބާއްވާ ހާރިޖީ ގުޅުންތައް ކަނޑާލަން މިއަދު ނިންމައިފި އެވެ.

އެގޮތަށް ނިންމީ މޮރިޝަސްގެ ވަޒީރުންގެ މަޖިލީހުންނެވެ.

އެ ގައުމުގެ ބޮޑުވަޒީރުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ގައުމުގެ ސަރުކާރުން އެ ނިންމުން ނިންމީ ޗާގޯސް ޖަޒީރާގެ ރަށްތައް އިނގިރޭސިވިލާތުން މޮރިޝަސްއަށް ހަވާލުކުރަން ނިންމާފައިވާ ނިންމުމާ ވެސް ރާއްޖެއިން ދެކޮޅު ހަދާކަން ހާމަކޮށް އެކަމާ ދެކޮޅަށް މަސައްކަތް ކުރާތީ ކަމަށެވެ. އދި އެ ރަށްތަކުގެ މިލްކުވެރިކަމާ މެދު ރާއްޖެއިން ދައުވާކުރަމުން ދާތީ ވަގުތުން ވަގުތަށް ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުންތައް ކަނޑާލަން ނިންމީ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައިވެ އެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ މީގެ 44 އަހަރުކުރިން 15 ޖެނުއަރީ 1981ގަ އެވެ. ރާއްޖޭގެ ފަރާތުން ސަފީރެއްގެ ގޮތުގައި އެ ގައުމަށް ކަނޑައަޅާފައި ހުންނަނީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދެވެ.