މާޗު މަހު ރާއްޖެއަށް ފިނިހޫނުމިން އާންމު މިންވަރަށް ވުރެ ކުޑަކޮށް މަތިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.

މިއަދު މެޓް އޮފީހުން އާންމުކުރި ރިޕޯޓެއްގައި ބުނީ މާޗު މަހުގެ ތެރޭގައި ރާއްޖޭގެ މެދުތެރެ އާއި ދެކުނުގެ އަތޮޅުތަކަށް އާދައިގެ މިންވަރަށް ވުރެ މަދުން ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ވާރޭވެހޭނީ އާދައިގެ މިންވަރަކަށް ނުވަތަ އެއަށްވުރެ ކުޑަކޮށް މަދުން ކަމަށް ބެލެވެ އެވެ. ހަމައެއާ އެކު، މުޅި ރާއްޖޭގެ ފިނިހޫނުމިން ވެސް އާދައިގެ މިންވަރަށް ވުރެ ކުޑަކޮށް މަތިވާނެ ކަމަށް ލަފާކުރެވޭއިރު، ދުވާލުގެ އެންމެ މަތީ ފިނިހޫނުމިނާއި ރޭގަނޑުގެ އެންމެ ދަށް ފިނިހޫނުމިން ވެސް ހުންނާނީ އާންމު މިންގަނޑަށް ވުރެ މަތީގަ އެވެ.

އެ ރިޕޯޓުގައި ވަނީ މިއަހަރުގެ ހޫނު މޫސުމާ ހިލާފަށް މިދިޔަ އަހަރުގެ މާޗު މަހަކީ ވާރޭވެހޭ މިންވަރަށް އާދަޔާ ހިލާފު ބަދަލުތަކެއް އައި މަހެއް ކަމަށެވެ. އެގޮތުން މިދިޔަ މާޗުގައި ހުޅުލެއަށް އާންމުކޮށް ވެހޭ ވާރޭގެ ފަސް ގުނަ އިތުރަށް ވާރޭވެހުނެވެ. އެކަމަކު ރާއްޖޭގެ ދެކުނުގެ ސަރަހައްދުތައް ކަމަށްވާ، ކައްދޫ އާއި ކާޑެއްދޫ އާއި ގަން ފަދަ ރަށްތަކަށް ވެހުނު ވާރޭގެ މިންވަރު އާދަޔާ ހިލާފަށް ދަށްވި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

މިހާރު މީ ރާއްޖެއަށް އިރުވައި މޫސުން ދުވަސްވަރުކަމުން މިދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރެކެވެ. ޖެނުއަރީ އިން ފެށިގެން ޖޫން މަހާ ހަމައަށް އެއީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އަދި އާންމުކޮށް އެންމެ ހޫނުގަދަވަނީ އެޕްރީލް މަހު އެވެ.

އެގޮތުން މިހާތަނަށް އިހުސާސްކުރެވޭ ހޫނުމިން އެންމެ މައްޗަށް ގޮސްފައިވަނީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އެ މަހު މާލެ ސަރަހައްދަށް ހޫނުމިން އިހުސާސް ކުރެވޭ ވަރު 48 ޑިގްރީ ސެލްސިއަސްއަށް އެރި އެވެ.

ކުރިއަށް އޮތީ ހޫނުގަދަ އަދި ވާރޭވެހުން މަދު ދުވަސްތަކެއް ކަމުން، އާންމުން އަދި ހާއްސަކޮށް ދަނޑުވެރިކަމާއި، މަސްވެރިކަމުގެ އިތުރުން ފެނުގެ ވަސީލަތްތައް ބެލެހެއްޓުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަންދީ ދުރާލައި ތައްޔާރުވުމަށް މެޓުން އިލްތިމާސްކުރެ އެވެ.