މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީގެ ބައްޕައަށް ގުޅައި، ނަހުލާއަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި އެވެ.
މި އިންޒާރު ދީފައިވަނީ މާލޭގެ މޭޔަރު އާދަމް އާޒިމްގެ އާއިލީ ބޭފުޅެއްގެ ކުންފުންޏަކަށް ނުގަވައިދުން ބިމެއް ދޫކުރި މައްސަލައެއް ކައުންސިލްގެ ޖަލްސާއަށް އެޖެންޑާކުރަން ހުށަހެޅުމާ ގުޅިގެން ކަމަށް ނަހުލާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ނަހުލާ ވިދާޅުވި ގޮތުގައި މި މައްސަލައަކީ މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުން 2027ގެ ނިޔަލަށް ސީއައިއެމް ޕްރައިވެޓް ލިމިޓެޑަށް ދީފައި އޮތް ބިމެއް، މޭޔަރު އާޒިމްގެ ބޮޑުބޭބެގެ ކުންފުނިތައް ކަމަށްވާ ނަޒްރާޝް ކޮމްޕެނީ އާއި ވަސްމީރު ހޯލްޑިންގްސްއަށް ހަދައިދީފައިވާ މައްސަލައެކެވެ. 3،330 އަކަފޫޓުގެ މި ބިން ދޫކުރިކަން ކައުންސިލްގެ ބިމުގެ ދަފްތަރުން ފެންނަން އޮތް ނަމަވެސް، އެ އެގްރީމަންޓް ބާތިލުކުރީ ކައުންސިލް ފްލޯއަށް ނުގެނެސް ގަވައިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ބުދަ ދުވަހު ބާއްވާ ކައުންސިލް ޖަލްސާއަށް ނަހުލާ ވަނީ ހަތަރު މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އޭގެ ތެރޭގައި ޕާކިން ޖާގަތަކުގެ އެގްރީމަންޓް އާނުކޮށް ލަސްވާ މައްސަލައާއި، ރޯމަސް މާރުކޭޓުގެ ސެކަންޑް ފްލޯ ހުސްކުރަން އެންގި މައްސަލައިގެ އިތުރުން ބިމުގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ބިން ހަވާލުނުކުރާ މައްސަލަ ހިމެނެ އެވެ. ނަމަވެސް ވިދިވިދިގެން ދެ ހަފުތާ ވަންދެން މި މައްސަލަތައް އެޖެންޑާ ކޮށްދޭން އެދުމުން ވެސް މޭޔަރު އެކަން ކުރައްވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލާމަރުކަޒީ ގާނޫނުގައި ވަރަށް ޞަރީހަކޮށް ބަޔާންކޮށްފައި އޮންނާނެ، ކައުންސިލަރަކު އެޖެންޑާކުރުމަށް ސިޓީ ފޮނުވުމުން، އެޖެންޑާކުރުމަށް މޭޔަރުގެ މައްޗަށް ލާޒިމުކަމަށް. އެކަމަކު ހިތަށް އެރި ފަހަރަކު ނޫނީ ހުށަހަޅާ ކަންކަން އާދަމް އާޒިމް އެޖެންޑާކޮށް ނުދެއްވާ،" ނަހުލާ ވިދާޅުވި އެވެ.
ކައުންސިލަރު ނަހުލާ ތުހުމަތު ކުރައްވާ ގޮތުގައި މޭޔަރު އެޖެންޑާ ކުރައްވަނީ ހަމައެކަނި އޭނާއަށް ފެންނަ ކަންކަމެވެ. އަދި އާއިލީ ބޭފުޅަކަށް ބިން ދޫކުރި މައްސަލަ ހިމެނޭތީ ގަސްތުގައި އެޖެންޑާގައި އެ މައްސަލަތައް ނުހިމަނަނީ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ލަވަކިޔުން ހުއްޓާނުލަން އަރިޖީތުގެ ކިބައިން އާމިރު އެދެފި
ރޯދަ ހިފުމުގެ ނަފްސާނީ ފައިދާތަކަށް ނަޒަރެއް!
ރޯދަ މަލާފަތް: ދިވެހިންގެ ތާރީހުގެ ތެރެއިން ބޯ ފޮޅި!