ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ލޯކަލް ކައުންސިލް އިންތިހާބާއެކު ބާއްވަން ނިންމާފައިވާ ހިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އިދިކޮޅު އެމްޑީޕީން ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
ދެ އިންތިހާބު އެއްކޮށްލާ ވޯޓު އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު، ކައުންސިލް އިންތިހާބާ އެކު ބާއްވަވަން ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުން ވަނީ ނިންމަވާފަ އެވެ.
މިކަމާއި ގުޅިގެން މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލާން ނަގާ ވޯޓަށް 'ނޫނެކޭ' ބުނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ.
އިންތިހާބަށް ނޫނެކޭ ބުނުމަށް އެމްޑީޕީން އެކުލަވާލި ގުރޫޕުގެ ސްޕޯކްސްޕާސަން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ކައުންސިލް އިންތިހާބާ އެކީގައި ދެ އިންތިހާބު އެއްކޮށްލާ ވޯޓު ނަގަން ސަރުކާރުން ނިންމީ ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުމަށްޓަކައި ކަމަށެވެ.
މައުރޫފު ވިދާޅުވީ އިންތިހާބު އެއްކޮށް، ވެރިކަމުގެ ނިޒާމު ގަޑުބަޑުކޮށް، ދިވެހިންނަށް ލިބިފައިވާ ވޯޓު ލުމުގެ ހައްގު ނިމުމަކަށް ގެނެސް، ވަކި މީހެއްގެ ބާރުގެ ދަށަށް ގައުމާއި ސިޔާދަތު ދޫކޮށްލައިގެން ތިބެވެން ނެތް ކަމަށެވެ.
"ރައްޔިތުންގެ ހައްގުތައް ބޮލާލައި ޖެހުމުގެ ފުރުސަތު ރައީސް މުއިއްޒަށް އެމްޑީޕީން ނުދޭނެ" މައުރޫފު ވިދާޅުވި އެވެ.
ރައީސް ނެރުއްވި ގަރާރު ވެސް އޮތީ ގާނޫނުއަސާސީއަށް ގެނެވުނު ބަދަލާ ހިލާފަށްކަން ފާހަގަކުރައްވައި މައުރޫފު ވިދާޅުވީ އެ ގަރާރު ގާނޫނާ ޚިލާފު ކަމަށް ކަނޑައަޅައިދިނުން އެދި މިއަދު ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އަދި، މައި ދެ އިންތިހާބު އެއްކޮށްލާ ވޯޓު ނެގުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރުމަށް އެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަހުލާއަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ މައްސަލަ ފުލުހަށް
ރޯދަ މަލާފަތް: ދިވެހިންގެ ތާރީހުގެ ތެރެއިން ބޯ ފޮޅި!
ސްރީލަންކާ އެކްސްޕޯގައި ބައިވެރިވާން ހުޅުވާލައިފި