މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަކީ ގައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، އަމިއްލަ ނަފްސު އެ ބަދަލާ އެއްގޮތަށް، ދީނީ އަދި ގައުމީ އިންތަކުގެ މަތީގައި ތަރުބިއްޔަތުކުރާ މައްސަރަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

ބުދަ ދުވަހަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅުމާ ގުޅިގެން، ރޯދަމަހުގެ ހެޔޮއެދުންތައް ފޮނުއްވައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ، އިސްލާހެއް ނުވަތަ ހެޔޮ ބަދަލެއް ގެނައުމަށް އެދޭ މީހާ، އެންމެ ފުރަތަމަ އެ ބަދަލެއްގެ އަމަލީ ނަމޫނާއަކަށްވެ، އެ މީހަކާ ހިސާބުން އެކަން ފަށަންޖެހޭ ކަމަށެވެ. އަދި ރޯދަ ފަރުލު ކުރެއްވީ ތަގުވާވެރިވުމަށާއި، ކުށްފާފަތަކަށް އަރައިގަތުމަށް ބިރުވެތިވެ އެކަންކަމުން ދުރުހެލިވުމަށްޓަކައި ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ އިޖުތިމާއީ ގިނަ އިލްމުވެރިން ދެކެވަަޑައިގަންނަވާ ގޮތުގައި އިސްލާހުގެ ފެށުމަކީ ތިމާ މީހާ ކަމަށެވެ. "އާއިލާއަކަށް ނުވަތަ މުޖުތަމައަކަށް އަދި ގައުމަކަށް ވިޔަސް އިސްލާހެއް ގެންނަން ބޭނުންވާ ނަމަ، އެ ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ އެންމެ ފުރަތަމަ އެ ބަދަލެއްގެ އަމަލީ ނަމޫނާއަކަށް ވާންޖެހޭ،" ރައީސް ވިދާޅުވި އެވެ.

ތިމާއާ ހިސާބުން އެކަމެއް އިސްލާހުކުރަން ފެށުމުން، އޭގެ ހެޔޮ އަސަރު މުޅި ގައުމަށް ފޯރާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މުޖުތަމައު ދެކެން ބޭނުންވާ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ފަސް ވަގުތު ނަމާދުކުރާ، ކުޑަކުދިންގެ ކަރާމާތް ރައްކާތެރިކޮށް ބޮޑެތި މީހުންނަށް އިހުތިރާމުކުރާ މުޖުތަމައެއް ބޭނުންވާ ކަމަށެވެ. އަދި މަސްތުވާތަކެތިން ސަލާމަތްވެފައިވާ، ސިއްހީ ގޮތުން ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނާ މުޖުތަމައެއް ބިނާކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

މީގެ އިތުރުން، ހުރިހާ ކަމެއްގައި އިސްލާމްދީނުގެ އަސްލުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތާ، ދިވެހީންގެ ހަރުދަނާ އިސްލާމީ ސަގާފަތާއި ދިވެހިވަންތަ ރީތި ތަހުޒީބު ނަގަހައްޓާ ބަޔަކަށް ވުމަކީ ރާއްޖޭގެ އަމާންކަމާއި ދެ ދުނިޔޭގެ ސަލާމަތަށް ބޭނުންވާ ކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.

ރައީސްގެ ހިތާބު ނިންމަވާލެއްވީ، ދިވެހީންނަކީ ހެޔޮލަފާ، ހުލްގު ހެޔޮ އަދި ޒަމާނާއެކު ކުރިއަރާފައިވާ ބަޔަކަށް ވެ، ދުނިޔޭގެ ކުރިމަތީގައި ދިވެހީންގެ ގަދަރު މަތިވެރިވުމަށް އެދިވަޑައިގަންނަވަމުންނެވެ.