ސީރިއާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ 30 އަށްވުރެ ގިނަ އަމާޒުތަކަށް މި މަހުގެ ތެރޭގައި އެމެރިކާ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފި ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން އިއްޔެ ހާމަކޮށްފި އެވެ. މި ހަމަލާތަކަކީ މިދިޔަ އަހަރު އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެން، އެ ހަރުކަށި ފިކުރުގެ މީހުންނަށް އޮތް ފިއްތުންތައް ދެމެހެއްޓުމުގެ ގޮތުން ދިން ހަމަލާތަކެކެވެ.
ޔުނައިޓެޑް ސްޓޭޓްސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓެރަރިސްޓް ނެޓްވޯކްގެ ބާކީ ތިބި މީހުންނަށް އަސްކަރީ ގޮތުން މެދުނުކެނޑި ފިއްތުންތައް ކުރިމަތިކުރުވުމަށްޓަކައި، ސީރިއާގައި ހުރި އައިއެސްގެ 30 އަށްވުރެ ގިނަ އަމާޒަކަށް 10 ހަމަލާއެއް ދީފައިވާ ކަމަށެވެ. ފެބްރުއަރީ 3 އާއި 12 އާ ދެމެދު ދިން މި ވައިގެ ހަމަލާތަކުގައި އަމާޒުކޮށްފައިވަނީ އެ ޖަމާއަތުގެ އިންފްރާސްޓްރަކްޗަރާއި ހަތިޔާރު ރައްކާކުރާ ތަންތަނަށެވެ.
މީގެ އިތުރުން، ޖެނުއަރީ 27 އާއި ފެބްރުއަރީ 2 އާ ދެމެދު އައިއެސްގެ މުވާސަލާތީ މަރުކަޒަކަށާއި، ލޮޖިސްޓިކްސް ނޯޑަކަށް އަދި ހަތިޔާރު ރައްކާކުރާ ގުދަންތަކަށް ފަސް ހަމަލާއެއް ދީފައިވާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ. މި ހަމަލާތަކަކީ މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ޕަލްމީރާގައި އެމެރިކާގެ ދެ ސިފައިންނާއި ތަރުޖަމާނަކު މަރާލި ހާދިސާއާ ގުޅިގެން ފެށި "އޮޕަރޭޝަން ހޯކްއައި ސްޓްރައިކް" ގެ ދަށުން ދެވުނު ހަމަލާތަކެކެވެ.
ސެންޓްކޮމްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ވޭތުވެދިޔަ ދެ މަސް ދުވަހުގެ އޮޕަރޭޝަންތަކުގައި އައިއެސްގެ 50 އަށްވުރެ ގިނަ ޓެރަރިސްޓުން މަރާލާފައި ނުވަތަ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ޖަމާއަތުގެ 100 އަށްވުރެ ގިނަ އަމާޒުތަކަށް އެތައް ސަތޭކަ ޕްރެސިޝަން މުނިޝަން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
މި ހަމަލާތަކާ އެކު، ސެންޓްކޮމް އިން ވަނީ ސީރިއާގެ ކުރުދީންގެ ބާރުގެ ދަށުގައި ހުރި ޖަލުތަކުގައި ތިބި 61 ގައުމަކަށް ނިސްބަތްވާ އައިއެސްގެ 5,700 އަށްވުރެ ގިނަ ކުށްވެރިން އިރާގަށް ބަދަލުކޮށްފަ އެވެ. މި މަސައްކަތް ފަށާފައިވަނީ ސީރިއާ ސަރުކާރުގެ ސިފައިން އެ ސަރަހައްދުތައް ހިފަން ފެށުމާ ގުޅިގެން، އެ ކުށްވެރިންގެ ސަލާމަތީ ކަންކަމާމެދު ސުވާލު އުފެދުމުންނެވެ.
ސީރިއާގެ ސަރުކާރުން މުޅި ގައުމުގެ ކޮންޓްރޯލް ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، އެމެރިކާ ސިފައިން ވަނީ އުރުދުން އަދި އިރާގު ބޯޑަރު ކައިރީގައި އޮންނަ އަލް-ޓަންފް ބޭސްއިން ފައިބާފައިވާކަން ބުރާސްފަތި ދުވަހު ކަށަވަރުކޮށްދީފަ އެވެ. އެމެރިކާއިން ބުނެފައިވަނީ ކުރުދީ ހަނގުރާމަވެރިންނާއެކު އޮތް އިއްތިހާދުގެ ބޭނުން މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.
ބެކަމްގެ އާއިލީ މައްސަލަ ހައްލުވާން އުޅޭކަމުގެ ސިގްނަލެއް
މަގުކޮޅު ހޮޓަލުން ސަދަގާތު ޕެކޭޖްތަކެއް ތައާރަފުކޮށްފި
ހަޖަރުލް އަސްވަދު ވަގަށް ނެގުން: އުންމަތަށް ދިމާވި ގޮންޖެހުމެއް