އީރާނުގައި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ފެށި މުޒާހަރާތައް ސަރުކާރާ ދެކޮޅު ހަރަކާތްތަކަކަށް ބަދަލުވެ، އެތައް ހާސް ބަޔަކު މަރުވި ހާދިސާތައް ތަހުގީގު ކުރުމަށް ހާއްސަ ކޮމިޝަނެއް އުފައްދާފައިވާކަން އެ ގައުމުގެ ސަރުކާރުން އިއުލާނުކޮށްފި އެވެ.
އީރާނު ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖިރާނީ އެ ގައުމުގެ ހަބަރު ފަތުރާ އިދާރާއެއް ކަމަށްވާ އިސްނާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކަމާބެހޭ މުއައްސަސާތަކުގެ މަންދޫބުން ހިމެނޭ ގޮތަށް "ފެކްޓް ފައިންޑިންގ ކޮމިޓީ" އެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެކަމާ ގުޅޭ ލިޔެކިޔުންތައް އެއްކުރުމާއި ބަޔާންތައް ނެގުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ކޮމިޝަނުން ތަހުގީގު ކުރާނީ ހަމައެކަނި މުޒާހަރާތައް ފެށުމަށް މެދުވެރިވި އިގްތިސާދީ ސަބަބުތައް ކަމެއް ނުވަތަ މުޒާހަރާތަކުގެ ތެރޭގައި މީހުން މަރުވި ހާދިސާތައް ކަމެއް ތަރުޖަމާނު ސާފުކޮށްދެއްވާފައެއް ނުވެއެވެ. ނަމަވެސް، ތަހުގީގު ނިމުމުން ފައިނަލް ރިޕޯޓް އާންމުކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ، ހަމަނުޖެހުންތައް މެދުވެރިވި ސަބަބުތައް ބެލުމަށް ޓީމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. ސަރުކާރުގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ޑިސެމްބަރު މަހު ފެށި މުޒާހަރާތަކުގައި 3،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
އީރާނު ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ސަލާމަތީ ބާރުތަކުގެ މީހުންނާއި، އިޒްރޭލާއި އެމެރިކާއަށް މަސައްކަތްކޮށްދޭ "ޓެރަރިސްޓުން" މަރާލި އާންމުންނެވެ.
ނަމަވެސް، އީރާނުން ބޭރުގައި ހަރަކާތްތެރިވާ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތު ކުރަނީ ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ.
އެމެރިކާގައި ގާއިމުވެފައިވާ ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އެޖެންސީ އިން ރިޕޯޓްކުރާ ގޮތުގައި މި މުޒާހަރާތަކުގައި މަދުވެގެން 7،005 މީހުން ވަނީ މަރުވެފަ އެވެ.
މި ހިތާމަވެރި ހާދިސާތަކާ ގުޅިގެން ރައީސް ޕެޒެޝްކިއާން ވިދާޅުވީ، މިފަދަ ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވާތީ ލަދުގަންނަ ކަމަށެވެ. މި ތަހުގީގީ ކޮމިޝަނުގެ މަސައްކަތް ނިމުމުން މުޒާހަރާތަކާ ގުޅޭ އިތުރު ތަފްސީލުތައް ހާމަވާނެ ކަމަށް ބެލެވެ އެވެ.
މާ ގިނައިން ފެން ބުއިމަކީ މައްސަލައަކަށް ވެދާނެތަ؟
އީރާނުގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް: ޓްރަމްޕް
ފިރިހެނުން ވެސް އަވަހަށް ނިދަން ޖެހެނީ މިހެންވެ!