މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ޖަލުގައި ހުކުމް ތަންފީޒް ކުރަމުން ދަނިކޮށް, މި މަހުގެ ދެ ވަނަ ދުވަހު މަރުވި ދެ ގައިދީންގެ މަރުގެ މައްސަލައިގެ ތަހުގީގަށް، އެ ދެ މީހުންގެ ހަށިގަނޑު އޮޓޮޕްސީ ހަދަން ރާއްޖޭން ބޭރަށް ފޮނުވާލައިފި އެވެ.
މި މަހުގެ ދެވަނަ ދުވަހު ދެމީހުން ވެސް މަރުވެފައި ވަނީ ހުޅުމާލޭ ޖަލުގައި އެވެ. މަރުވެފައިވާ ދެ މީހުންނަކީ މާލޭ ދަފްތަރު ނރ. 439، އިބްރާހިމް ސުހައިލު 53، އާއި ސ.ހިތަދޫ، ދިއްގާގަސްދޮށުގެ، ހަސަން ނިޔާޒު, 45އ. އެވެ.
މި ދެ މީހުންގެ މަރުގެ މައްސަލަ ފުލިހުން ތަހުގީގު ކުރަން ފަށާފައިވާކަން ހާމަކުރީ ކުރީ މިދިޔަ އާދިއްތަ ދުވަހު ގަ އެވެ. އެއަށް ފަހު ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން، އެ ދެ މީހުންގެ އޮޓޮޕްސީ ހެދުމަށް އިއްޔެ އިންޑިއާއަށް ގެންގޮސްފައިވާ ކަމަށެވެ.
ދެ ގައިދީން މަރުވި ދުވަހު ކަރެކްޝަންސްއިން ބުނީ ސުހެއިލް މަރުވެފައި ވަނީ އޭނާގެ ސިއްހީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފުތާއެއް ވެފައިވަނިކޮށް ކަމަށެވެ. އޭނާއަށް ވަނީ ނިއުމޯނިއާ ޖެހިފައި ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
މީގެ އިތުރުން އޭނާއަކީ މިދިޔަ އަހަރުގެ ތެރޭ ސްޓްރޯކެއް ޖެހިގެން، އެކަމަށް ވެސް ފަރުވާ ހޯދަމުން އައި މީހެއް ކަމަށް ކަރެކްޝަނުން ބުންޏެވެ.
ހަސަން ނިޔާޒު މަރުވީ އެ ދުވަހުގެ މެންދުރު ފަހު، ކުއްލިއަކަށް މެޑިކަލް އެމަޖެންސީއެއް ދިމާވެ، ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ކަރެކްޝަނުން ވަނީ ބުނެފަ އެވެ.
މީގެ ތެރެއިން އެކެއްގެ ހަށިގަނޑުން ޒަޚަމުތަކެއް ފެންނަން ހުރި ކަމަށް ބުނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އެ ދުވަހު ވަނީ ދައުރުވެފަ އެވެ. އަދި މަރާ ގުޅޭގޮތުން އެކި ކަހަލަ ތުހުމަތުތައް ވެސް ކުރަމުން ދިޔަ އެވެ. ނަމަވެސް މިކަން އެއްވެސް ފަރާތަކުން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.
ބަންގްލަދޭޝްގެ އާންމު އިންތިހާބުގެ ވޯޓުލުން ފަށައިފި
ބީއެމްއެލް އިސްލާމިކްގެ ހައްޖު ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި