މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ޕެންޝަން ފަންޑަށް އެ މިނިސްޓްރީން ޖަމާކުރަންޖެހޭ ފައިސާ ޖަމާނުކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާ ކަން ހާމަވެފައިވަނީ ބައެއް މުވައްޒަފުންގެ ޕެންޝަން އެކައުންޓްތަކުގެ ތަފްސީލުންނެވެ. އެ މުވައްޒަފުންގެ ޕެންޝަން އެކައުންޓުތަކުގެ ތަފްސީލުން އެނގޭ ގޮތުގައި އެ ފައިސާ ޖަމާ ނުކުރާތާ މިހާރު ވަނީ 6 މަހަަށްވުރެ ގިނަ ދުވަސްވެފަ އެވެ.

ރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނު ބުނާގޮތުން، ކޮންމެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ ހަތް ޕަސެންޓް ޕެންޝަން ފަންޑަށް އުނިކުރަންޖެހޭއިރު، ވަޒީފާދޭ ފަރާތުން ވެސް އެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ ހަތް ޕަސެންޓާ އެއްވަރުގެ އަދަދެއް ޕެންޝަން ފަންޑަށް ޖަމާކޮށްދޭންޖެހެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެޑިއުކޭޝަން މިނިސްޓްރީން މުވައްޒަފުންގެ މުސާރައިން އުނިކުރާ ބައި ޕެންޝަން ފަންޑަށް ދައްކަމުންދިޔަ ނަމަވެސް، ވަޒީފާދޭ ފަރާތުގެ ހައިސިއްޔަތުން މިނިސްޓްރީން ދައްކަންޖެހޭ ބައި ޖަމާކޮށްފައެއް ނުވެ އެވެ. މި މައްސަލައާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

މިފަދަ މައްސަލައެއް ދާދިފަހުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިންވެސް ވަނީ ފެންމަތިވެފަ އެވެ. މިދިޔަ ޖެނުއަރީ މަހު އެކަން ފެންމަތިވިއިރު، ވެމްކޯއިން ޕެންޝަން ފައިސާ ނުދައްކާތާ 14 މަސްދު ވަސް ވެފައިވެ އެވެ.

ވެމްކޯގެ މައްސަލައިގައި މުވައްޒަފުންގެ އަތުން އުނިކުރި ފައިސާ ވެސް ޕެންޝަން އެކައުންޓަށް ޖަމާނުކޮށް ހިފަހައްޓާފައިވާކަން ފާހަގަކުރެވުނެވެ. މިއީ ގާނޫނީގޮތުން މަނާކަމެކެވެ.

ސަރުކާރުގެ ބައެއް އެހެން އިދާރާތަކުންވެސް ޕެންޝަން ފައިސާ ގަވާއިދުން ނުދައްކާ ކަމުގެ ޝަކުވާތައް އިތުރުވަމުންދާއިރު، ވަޒީފާ އަދާކުރާ ކޮންމެ ދިވެއްސަކާއި ވަޒީފާދޭ ފަރާތުން ޕެންޝަނަށް ފައިސާ ދެއްކުމަކީ ގާނޫނީގޮތުން ލާޒިމްކަމެކެވެ.

މުވައްޒަފުންނަށް އެމީހުންގެ ޕެންޝަން އެކައުންޓަށް ފައިސާ ޖަމާވާ މިންވަރާއި ތާރީހު ޕެންޝަން ޕޯޓަލް މެދުވެރިކޮށް ކޮންމެ ވަގުތަކުވެސް ބަލާލެވޭނެއެވެ.