ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ކޮންމެ އަހަރަކު އާންމުކުރާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖެއަށް ދަށް މާކްސްއެއް ލިބުމާ ގުޅިގެން، އެއީ ރާއްޖޭގައި ކޮރަޕްޝަން އޮތް ހަގީގީ މިންވަރު ދައްކުވައިދޭ ދިރާސާއެއް ނޫން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަޔާނެއް ނެރެފި އެވެ.
އެންމެ ފަހުން ނެރުނު މި އިންޑެކްސްގައި ރާއްޖެއަށް ލިބިފައިވަނީ 39 ޕޮއިންޓެވެ. މިއާއެކު، ދިރާސާގައި ހިމެނުނު 182 ގައުމުގެ ތެރެއިން ރާއްޖެ އޮތީ 91 ވަނައިގަ އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ފާހަގަކުރި ގޮތުގައި ރާއްޖޭގެ ނަތީޖާ ދަށްކޮށް ހުރީ ނިޒާމީ ބަލިކަށިކަމުގެ ސަބަބުން ކޮރަޕްޝަނަށް ފުރުސަތު ލިބި، މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، އިންސާފު ހޯދުމުގައި ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވާތީ އެވެ.
މީގެ އިތުރުން، ބާރުތައް މަރުކަޒުވުމާއި، ނޫސްވެރިކަމުގެ މިނިވަންކަން ހަނިވުމާއި، ކޮރަޕްޝަނަށް އަދަބު ނުލިބޭ ސަގާފަތެއް އޮތުމަކީ ވެސް ޓްރާންސްޕޭރެންސީން ކަންބޮޑުވުން ފާޅުކުރި ކަންކަމެވެ. ނަމަވެސް، އޭސީސީގެ ބަޔާނުގައި މި ކަންކަމަށް ރައްދު ދިނުމުގެ ބަދަލުގައި ބޮޑަށް ބަލާފައިވަނީ ސީޕީއައިގެ ސައްހަކަމާ މެދު ސުވާލު އުފެއްދުމަށެވެ.
އޭސީސީން ބުނި ގޮތުގައި މިއީ ހަމައެކަނި މީހުން ދެކޭ ގޮތުގެ މައްޗަށް ބިނާކޮށްފައިވާ ދިރާސާ އެކެވެ. އަދި ރާއްޖޭގެ ސްކޯ ކަނޑައެޅުމުގައި ބޭނުންކޮށްފައިވަނީ އެހެން ގައުމުތަކާ އަޅާބަލާއިރު ވަރަށް މަދު މަސްދަރުތަކެއް ކަމަށްވާތީ، މިއީ މާނަހުރި ނަތީޖާއެއްގެ ގޮތުގައި ބަލަން އުނދަގޫ ކަމަށް އެ ކޮމިޝަނުން ފާހަގަކުރި އެވެ.
"ގިނަ ގައުމުތަކާ ހިލާފަށް، ދިވެހިރާއްޖޭގައި ސްކޯ އެކުލަވާލުމަށް ބޭނުންކުރެވިފައި ވަނީ، މަދު މަސްދަރުތަކެއް ކަމަށް ވުމާއެކު، މި ސްކޯގެ ނަތީޖާއަކީ މާނަހުރި ރަނގަޅު ނަތީޖާއެއް ކަމުގައި ހެދުމަށް ޓަކައި މިކަން ގައުމީ ފެންވަރުގައި މަޝްވަރާކުރެވި، ރައްޔިތުންގެ ސަމާލުކަމަށް ގެނައުން މުހިންމު ކަމެއްގެ ގޮތުގައި މި ކޮމިޝަނުން ދެކެން،" އޭސީސީގެ ބަޔާނުގައި ވެ އެވެ.
މީގެ އިތުރުން، ގައުމީ ނަޒާހަތްތެރިކަމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް ވަރުގަދަ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ހާމަކޮށްފައެވެ. މިގޮތުން، ސަރުކާރުން އެކުލަވާލާ 20 އަހަރުގެ މާސްޓާޕްލޭނާއި، ދައުލަތުގެ ނިޒާމުތައް ޒަމާނީކޮށް ޑިޖިޓަލް ކުރުމަށް ފަށާފައިވާ "މޯލްޑިވްސް 2.0" އާ ގުޅޭނެހެން "ގައުމީ އެންޓި-ކޮރަޕްޝަން ސިޔާސަތު" އެކުލަވާލުމުގެ މަސައްކަތް އެ ކޮމިޝަނުން މިހާރު ވަނީ ފަށާފަ އެވެ.
އިންޓަނޭޝަނަލް އެންޓި-ކޮރަޕްޝަން އެކެޑަމީން އަލަށް ތައާރަފުކުރި "މެޝަރިން އިފެކްޓިވްނަސް އޮފް އެންޓި-ކޮރަޕްޝަން އޭޖެންސީސް" ޕްރޮގްރާމްގެ ފަންނީ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އަމަލީގޮތުން ބައިވެރިވަމުންދާކަން އޭސީސީން ވަނީ ހާމަކޮށްފަ އެވެ.
ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ދަށަށް ގޮސްފައިވާއިރު، ކޮރަޕްޝަނާ ގުޅުންހުރި ގިނަ މައްސަލަތަކެއް ނުނިމި އޭސީސީގައި މަޑުޖެހިފައިވާކަން ފާހަގަކުރެވެ އެވެ.
މީގެ އިތުރުން، ސަރުކާރުގެ ނުފޫޒުން އިދިކޮޅު ސިޔާސީ ފަރާތްތަކާއި ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންދާ ކަމަށް ބުނެ، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އެ ކޮމިޝަނަށް ވަނީ ރައްދުވެފަ އެވެ.
އެމްޕީއެލް އިން ބޯނަސްގެ އިތުރުން އިތުރު އިނާޔަތް ދެނީ
ކުޅަދާނަކަން ހުރި ހާ ދުވަހަކު މަސައްކަތް ކުރާނަން: އަމީތާބް