މި އަހަރު އުތުރު އެމެރިކާގެ ތިން ގަައުމު ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ކޮންމެ މެޗެއްގެ ކޮންމެ ހާފެއްގައި ތިން މިނެޓުގެ ހައިޑްރޭޝަން ބްރޭކެއް ނުވަތަ ފެން ބުއިމުގެ ވަގުތުކޮޅެއް ދިނުމަށް ފީފާއިން ނިންމި ނިންމުމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ފީފާގެ މި ނިންމުމުގެ ދަށުން މުބާރާތުގެ 104 މެޗުގައި ޖުމްލަ ހަ މިނެޓުގެ ބްރޭކް ކޮންމެ މެޗެއްގައި ލިބޭނެ އެވެ.
ފީފާއިން ހާމަކޮށްފައިވާ ގޮތުގައި، ކޮންމެ ހާފެއްގެ 22 ވަނަ މިނެޓުގައި ރެފްރީ ކުޅުން މެދުކަނޑާލައި ކުޅުންތެރިންނަށް ފެން ބުއިމުގެ ފުރުސަތު ދޭނެ އެވެ. މި ބްރޭކަކީ މޫސުމަށް ނުވަތަ ހޫނުމިނަށް ބެލުމެއްނެތި، ހުރިހާ ޓީމުތަކަކަށް ހަމަހަމަ ފުރުސަތު ދިނުމުގެ ގޮތުން ކޮންމެ މެޗެއްގައިވެސް މަޖުބޫރުކޮށްފައިވާ ބްރޭކެކެވެ.
މިއީ ކުރީގެ މުބާރާތްތަކުގައި ބޭނުންކުރި އުސޫލުތަކަށްވުރެ ހަރުދަނާ އަދި ސާދާ އުސޫލެއް ކަމަށް ފީފާއިން ބުނެ އެވެ.
މި ނިންމުމާ ގުޅިގެން 'ޓޯޓަލް އޭ ލީގްސް' ޝޯގެ ޕެނަލިސްޓުން ކަމަށްވާ ޑެނިއަލް މެކްބްރީން އާއި ޓޮމީ އޯރް ވަނީ މިއީ ކުޅިވަރުގެ ފޯރި އާއި ބަރު ދުވެލި ހުއްޓުވާލާނެ ކަމެއް ކަމަށް ބުނެފަ އެވެ.
"މިއީ ލަދުވެތި ކަމެއް، މިއީ ހަމައެކަނި ފެން ބުއިމުގެ ބްރޭކެއް ނޫން. މިއީ ވިޔަފާރީގެ މަންފާއަށް ކުރާ ކަމެއް. މީގެ ސަބަބުން ބްރޯޑްކާސްޓަރުންނަށް މެޗުގެ މެދުތެރެއިން އިޝްތިހާރު ފޮނުވުމުގެ ފުރުސަތު ލިބިގެންދާނެ." މެކްބްރީން ބުންޏެވެ.
ޓޮމީ އޯރް ބުނި ގޮތުގައި ފުޓްބޯޅައިގެ އިހުސާސްތައް ނޭނގޭ ބަޔަކު މިފަދަ ނިންމުންތައް ނިންމުމަކީ ހިތާމަހުރި ކަމެކެވެ. އޭނާ ކަންބޮޑުވުން ފާޅުކުރީ މިއަދު ފެން ބުއިމުގެ ބްރޭކެއްގެ ގޮތުގައި ފެށި ނަމަވެސް، ކުރިއަށް އޮތް ތަނުގައި މެޗުގެ ވަގުތު އިތުރުވެ، ފުޓްބޯޅަ މެޗެއް ދެ ހާފުގެ ބަދަލުގައި ހަތަރު ކުއާޓަރަށް ބަދަލުވެގެން ހިނގައިދާނެތީ އެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މި މުބާރާތުގެ ޗީފް ޓޯނަމަންޓް އޮފިސަރު މަނޯލޯ ޒުބީރިއާ ވިދާޅުވީ، މެޗު ކުޅޭ ދަނޑަކީ ފުރާޅުލީ ދަނޑެއް ކަމުގައިވީ ނަމަވެސް ނުވަތަ ހޫނުމިން ކިތަންމެ ދަށް ނަމަވެސް، ތިން މިނެޓުގެ ބްރޭކް އޮންނާނެ ކަމަށެވެ. އަދި 20 ނުވަތަ 21 ވަނަ މިނެޓުގައި ކުޅުންތެރިއަކަށް އަނިޔާވެގެން ކުޅުން މެދުކަނޑާލާފައިވާނަމަ، އެ ވަގުތު ރެފްރީ އެކަމަށް ރިއާޔަތްކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފީފާއިން ބުނާ ގޮތުގައި މި ބްރޭކްތަކަކީ ކުޅުންތެރިންނަށް އެންމެ ފުރިހަމަ މާހައުލެއް ގާއިމުކޮށްދިނުމަށް ކުރާ މަސައްކަތުގެ ބައެކެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއީ ފުޓްބޯޅައިގެ އަސްލު ގެއްލުވާލައި، އެމެރިކާގެ ކުޅިވަރުތަކެކޭ އެއްގޮތަށް މެދުކެނޑުންތައް ގިނަ ކުޅިވަރަކަށް ފުޓްބޯޅަ ބަދަލުކުރުމުގެ ފެށުމެކެވެ.
އެޗްޓީއެސް ޖަމާއަތް ރާއްޖޭގެ ޓެރަރިސްޓް ލިސްޓުން އުނިކޮށްފި
މޭގަންއާއި ހެރީގެ އާ ވީޑިއޯއަށް ފާޑުކިޔަނީ!
އަދުލު އިންސާފުގެ ބާރަކީ އަނިޔާވެރިކަންނައްތާލާ ބާރަކަށް ވާންޖެހޭ