ރާއްޖޭގައި ރިސޯޓުތައް އެންމެ މަދުން އޮންނަ އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ހއ. އާއި ހދ. އާއި ށ. އަތޮޅުގައި ރިސޯޓު ތަރައްގީކުރަން މިދިޔަ އަހަރުގެ ތެރޭގައި ބީލަން ހުޅުވާލި 13 ސަރަހައްދަށް އިންވެސްޓަރަކު ނުވެގެން، ޓޫރިޒަމް މިނިސްޓްްރީން އަލުން ބީލަން ހުޅުވާލައިފި އެވެ.
މިއީ މި ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރި އިއުލާނެކެވެ.
ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަދި އަހަރުގެ ކުރީކޮޅު ވެސް މި ލިސްޓުގައި ހުރި ގިނަ ތަންތަން ކުއްޔަށް ދޫކުރަން އިއުލާންކުރި އެވެ. ނަމަވެސް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އަލުން ބީލަމަށް ހުޅުވާލީ އެވެ.
މި ސަރަހައްދުތަކަކީ ހިކިފަސް އެއްވެސް ތަނެއް ނުހިމެނޭ، ބިން ހިއްކައިގެން ރިސޯޓު ތަރައްގީކުރަން ޖެހޭ ފަޅުތަކެކެވެ. ކެލާ ފަޅުން ދޫކުރާ ދެ ޕްލޮޓު ފިޔަވައި ދެން ހުރި ހުރިހާ ތަނަކީ 200 ހެކްޓަރުގެ ބޮޑެތި ޕްލޮޓުތަކެވެ.
އެކުއިޒިޝަން ކޮސްޓާއި ބީލަމުގެ ތަފްސީލް މި ބީލަމުގައި އެންމެ ބޮޑު އަގުގައި ކުއްޔަށް ދޫކުރަން ކަނޑައަޅާފައި ވަނީ ހދ. މާދުނި ފަރުން ދޫކުރާ ތިން ޕްލޮޓާއި ށ. ގޮނާ ފަރުން ދޫކުރާ ތިން ޕްލޮޓެވެ. މިއިން ކޮންމެ ތަނެއްގެ އެކުއިޒިޝަން ކޮސްޓު ފަށަނީ 2.1 މިލިއަން ޑޮލަރުންނެވެ.
އެންމެ އަގު ހެޔޮކޮށް ދޫކުރަން ނިންމާފައިވަނީ ހދ. މާފަރުން ދޫކުރާ ތިން ޕްލޮޓެވެ. އެއީ 1.5 މިލިއަން ޑޮލަރުންނެވެ. މީގެ އިތުރުން ހއ. ކެލާ ފަޅުން ދޫކުރާ ދެ ޕްލޮޓުގެ އަގު ހުރީ 1.9 މިލިއަން އަދި 2 މިލިއަން ޑޮލަރުގަ އެވެ.
މި މަޝްރޫއުތަކުގެ ދަށުން ކޮންމެ ތަނެއްގައި މަދުވެގެން 75 ކޮޓަރި (150 އެނދު) ތަރައްގީކުރަން ޖެހެ އެވެ. މި ހުރިހާ ތަނެއް ތަރައްގީކޮށް ނިމުމުން، އުތުރުގެ އަތޮޅުތަކަށް ޖުމްލަ 1,950 އެނދު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެ އެވެ. މިއީ އެ ސަރަހައްދުގެ އިގްތިސާދަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
ސަރުކާރުގެ ސިޔާސަތާއި ދެވޭ ލުއިތައްރިސޯޓު މަދު އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ރައީސް މުހައްމަދު މުއިއްޒު ވަނީ ހއ، ހދ، ށ، ލ، އަދި ތ. އަތޮޅުގައި ޓޫރިޒަމަށް ފަހިކުރުމަށްޓަކައި ގަވާއިދުތަކަށް ބަދަލު ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. މި އަތޮޅުތަކަށް އިންވެސްޓަރުން ޝައުގުވެރިކުރުވުމަށް ހާއްސަ އިނާޔަތްތަކާއި ލުއިތައް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.
އިންވެސްޓަރުން ހޯދުމަށް ކުރާ މި މަސައްކަތުގެ ދަށުން، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އެކި ފަހަރު މަތިން ބީލަމަށް ހުޅުވާލާފައިވީ ނަމަވެސް، މިހާތަނަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވަނީ ބިން ހިއްކުމަށް ހިނގާ ބޮޑު ހަރަދާއި އެހެނިހެން ގޮންޖެހުންތަކާ ހުރެ ކަމަށް ބެލެވެ އެވެ.
ދަރަނީގެ މައްސަލައެއްގައި ރާޖްޕާލް ޖަލަށް!
އަދުލު އިންސާފުގެ ބާރަކީ އަނިޔާވެރިކަންނައްތާލާ ބާރަކަށް ވާންޖެހޭ
ބްރޫކްލިންގެ ޓެޓޫތައް "ގެއްލިއްޖެ"!